ފުރަތަމަ ދެ ދުވަހު އެމްއެމްއޭ އިން 1.3 މިލިއަން ޑޮލަރު ވިއްކައިފި
ފުރަތަމަ ދެ ދުވަހު އެމްއެމްއޭ އިން 1.3 މިލިއަން ޑޮލަރު ވިއްކައިފި

މަރުކަޒީ ބޭންކުން އެކަނި ދަތުރުވެރިންނަށް ޑޮލަރު ވިއްކަން ފެށިތާ ދެ ދުވަހުގެ ތެރޭގައި 2،600 އަށް ވުރެ ގިނަ ޓިކެޓަށް 1.3 މިލިއަން ޑޮލަރު ވިއްކައިފި އެވެ.

ބޭންކުތަކުން ދަތުރުވެރިންނަށް ވިއްކަމުން ދިޔަ ޑޮލަރު، އިއްޔެ އިން ފެށިގެން ބޮޑު ޗުއްޓީ ނިމެންދެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކަނި ވިއްކަން ވަނީ ފަށައިފަ އެވެ. އެ ގޮތަށް ހެދީ ސްކޫލު ބޮޑު ބަންދު ފެށި، ޑޮލަރު ލިބުން ތާށިވުމާ އެކު ބޭންކުތަކުގެ ދޮރުމަތީގައި އާއްމުން ތޮށްޖެހެން ފެށުމުންނެވެ.

އެމްއެމްއޭ އިން މިރޭ މީޑިއާތަކާ ހިއްސާކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން އިއްޔެ ވަނީ 535 މީހުން ހިފައިގެން ދިޔަ 1،629 ޓިކެޓަށް ޖުމްލަ 802،125 ޑޮލަރު ވިއްކައިފަ އެވެ. އަދި މިއަދު ވަނީ 381 މީހުންނަށް ހިދުމަތް ދީފަ އެވެ. އެއީ 1،057 ޓިކެޓަށް ވިއްކި 527،650 ޑޮލަރެވެ.

އެމްއެމްއޭ އިން ދެ ދުވަހުގެ ތެރޭގައި 1.3 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދަތުރުވެރިންނަށް ވިއްކާފައި ވާއިރު، މީގެ ކުރިން އެ ބޭނުމަށް އެ އިދާރާ އިން ބޭންކުތަކަށް ދޫކުރަމުން ދިޔައީ ހަފުތާ އަކު 1.2 މިލިއަން ޑޮލަރެވެ. އެހެންވެ، އެންމެ ގިނަ އަދަދަކަށް ޑޮލަރު ލިބޭ ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް ޑޮލަރު ވިއްކާފައި ވަނީ ދުވާލަކު ގިނަވަގެން 500 ޓިކެޓަށެވެ.

- ވިއްކަނީ އިއްޔެ އިން ފެށިގެން ޖެނުއަރީ 7 ގެ ނިޔަލަށް

- ކޮންމެ ދުވަހަކު ވެސް ވިއްކާނީ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ފުރާ މީހުންނަށް އެކަނި

- ޓިކެޓަކަށް 500 ޑޮލަރު

- ގިނަ މީހުންގެ ގްރޫޕެއް ނަމަ ދަތުރުކުރާ އެކަކަށް ގިނަވެގެން ފަސް ޓިކެޓަށް ޑޮލަރު ލިބޭ

- ޕާސްޕޯޓާއި ޓިކެޓު ޗެކުކުރުން: ހެނދުނު 9 އިން އިރުއޮއްސި 6 އަށް

- ޑޮލަރު ވިއްކުން: ހަވީރު 4 އިން ފެށިގެން (ސްލިޕުގައިވާ ގަޑިއަކަށް)

- އިރުއޮއްސި 6 ގެ ކުރިން ޓިކެޓާއި ޕާސްޕޯޓު ހުށަހަޅާ ނަމަ، އެ ދުވަހަކު ޑޮލަރު ލިބޭނެ

ސްކޫލު ބަންދުގައި އެމްއެމްއޭ އިން އެކަނި ޑޮލަރު ވިއްކިޔަސް، އަދިވެސް ރަށްރަށުގައި ހުންނަ ބީއެމްއެލްގެ ބްރާންޗުތަކުން ޑޮލަރު ވިއްކާނެ އެވެ. އެކަމަކު، ބޮޑު ޗުއްޓީ ނިމި، އަންނަ ޖެނުއަރީ އަށަކުން ފެށިގެން ޑޮލަރު ވިއްކާނީ އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން އެކަންޏެވެ. އޭގެ ތެރޭގައި ރާއްޖޭގެ ހުރިހާ އިންޓަނޭޝަނަލް އެއާޕޯޓެއް ހިމެނެ އެވެ.

އެމްއެމްއޭ އިން ބުނީ ފުރާ މީހުންނަށް ދަތި ނުވާ ގޮތަށް ޑޮލަރު ފަސޭހަކަމާ އެކު އަދި އަވަހަށް ލިބޭނެ އިންތިޒާމު އެއާޕޯޓުގައި ހަމަޖެއްސުމުގެ މަސައްކަތް ބީއެމްއެލް އިން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލު އެ ބޭންކުން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.