ހިޔާލު ފާޅުކުރަންވާނެ، އެކަމު މިއީ ބޮޑުވަރު: މެކްރޮން
ހިޔާލު ފާޅުކުރަންވާނެ، އެކަމު މިއީ ބޮޑުވަރު: މެކްރޮން

ޕެރިސް (ޖޫން 9) - ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންގެ ކަންފަތް މަތީގައި، މީހަކު އިއްޔެ ޖެހި މައްސަލައިގައި، މެކްރޮން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވައިފި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމީހެއްގެ ބުއްދި އަށް ފެންނަ ގޮތަކަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފްރާންސްގައި އަބަދުވެސް އޮންނާނެ އެވެ.

އެހެން ނަމަވެސް، އެ މީހެއްގެ ޝުއޫރު ފާޅުކުރުމުގެ ގޮތުން އަނިޔާވެރި އަމަލުތައް ހިންގުމާއި ނަފްރަތުގެ ވާހަކަތައް ދެއްކުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ހިޔާލު ފާޅުކުރުމަށް އެ މަގުތައް ހިޔާރުކޮށްފި ނަމަ، އޭގެ ނުރައްކާތައް ކުރިމަތިވާނީ ގައުމުގައި ގާއިމުވެފައި އޮތް ޑިމޮކްރެސީ އަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެކްރޮންގެ ވާތް ފަރާތު ކޯތާފަތްމަތީގައި މީހަކު ޖެހީ، އެ ގައުމުގެ ދެކުނު ސަރަހައްދަށް އިއްޔެ ވަޑައިގަތުމުން، އޭނާއަށް މަރުހަބާ ކިޔުމަށް އެއްވެ ތިބި މީހުންނާ ސަލާމް ކުރެއްވުމަށް، އެ މީހުންގެ ގާތަށް ވަޑައިގެންނެވި ވަގުތު އެވެ. ފުލުހުން ދަމާފައިވާ ފީތާފަށުގެ ބިއްދޮށުގައި ތިބި މީހުންގެ ތެރެއިން، ޒުވާނަކާ ސަލާމް ކޮށްލެއްވި ވަގުތު އޭނާ މެކްރޮންގެ އަރިހުގައި ކޮންމެވެސް އެއްޗެއް ބުނުމަށް ފަހު، މެކްރޮންގެ ކަންފަތްމަތީގައި ޖެހީ އެވެ.

އެ ވަގުތު ރައީސްގެ ހަށިފާރަވެރިންނަށް ވެސް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ނަމަވެސް، އެ ހަމަލާ ދިނުމާ އެކު، ފުލުހުން އެމީހާގެ ގައިގައި ތަޅައިގަނެ ވަގުތުން ހައްޔަރު ކުރި އެވެ. އަދި އޭނާގެ މައްސަލަ ޖިނާއީ ކުށެއްގެ ގޮތުގައި މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

"ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް. އެއީ ސީދާ ފަރުދީ ގޮތުން އަޅުގަނޑަށް ދިން ހަމަލާއެއް. މިފަދަ ކަންކަމަކީ ގިނަ ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަމަކަށް ވާތީ، މިފަދަ ހާދިސާތަކަށް ނިމުމެއް ގެންނަން ޖެހޭނީ ޝަރުއީ މަރުހަލާގެ ތެރެއިން،" މެކްރޮން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ މީހަކު ހުރިކަމުގައި ވިޔަސް، ދައުލަތަށް އެންމެން ވެސް އިހްތިރާމް ކުރަންވާނެ ކަމަށެވެ.

"އެކަން ކަށަވަރު ކުރުމަށް އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާނަން. ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް، އަހަރެމެން އެންމެންނަށް ވުރެ ވެރިކަން ބޮޑުވާނެ. ވެރިކަމަށް މިފަދަ ހަމަލާތައް ކުރިމަތިވިޔަ ދީގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

މެކްރޮން ވިދާޅުވީ ފްރާންސްގައި މިހާރު ވެސް، ހިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން އެބަ އޮތް ކަމަށެވެ. އަދި ފްރާންސް ރައްޔިތުންނަކީ ގައުމުގައި ހުރި މައްސަލަތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ބަޔަކަށްވާއިރު، އާންމު ހިޔާލު ފާޅުކުރުމަށް ހުރަސްއެޅޭ ގޮތަށް، ވަކިވަކި ފަރުދުންނަށް މިފަދަ ހަމަލާތައް ދިނުމާއި، ހައްދުފަހަނައަޅާފައިވާ ހަރުކަށި އަމަލުތައް ހިންގަން ހުއްދަ ނުދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެކްރޮން އަށް ދިން ހަމަލާ ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިން ވަނީ ކުށްވެރިކޮށް، އޭނާ އަށް ހަމްދަރުދީ ފާޅުކޮށްފަ އެވެ. އޭގެ އިތުރުން ފްރާންސްގެ ސިޔާސީ ދާއިރާގެ ގިނަ ބަޔަކު ވަނީ، އެ ހަމަލާ ކުށްވެރިކޮށް، ފުރިހަމަ ތަހުގީގެއް ހިންގައި ކަނޑައެޅިފައިވާ އަދަބު ދިނުމަށް ގޮވާލައިފަ އެވެ.

މި ހަމަލާ ކުށްވެރިކުރައްވަމުން، ފްރާންސްގެ ބޮޑުވަޒީރު ޖޭން ކާސްޓެކްސް ވިދާޅުވި ގޮތުގައި ޑިމޮކްރެސީއަކީ ތަފާތު ވިސްނުންތަކާއި ތަފާތު ފިކުރުތަކުން ގެތިގެން އުފެދިފައިވާ އެއްޗެކެވެ. ނަމަވެސް އެއްވެސް ހާލެއްގައި، އެއްވެސް މީހެއްގެ ގަޔަށްބޮލަށް އަރައި ހުތުރު އެއްޗެހި ގޮވުމަކީ ކޮށްގެންވާނެ ކަންކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފްރާންސްގެ ކުރީގެ ރައީސް ފްރާންސްވާ ހޮލަންޑާ ވިދާޅުވީ މެކްރޮން އަށް ދިން ހަމަލާއަކީ، ދައުލަތުގެ މުއައްސަސާތަކަށް އަރައިގަތުން ކަމަށެވެ. އަދި މި ވަގުތުގައި ގައުމުގެ ހުރިހާ ރައްޔިތުން ވެސް މެކްރޮންއާ ބައިވެރިވުމަށް އޭނާ އެދިވަޑައިގަތެވެ.