09 ޖޫން 2021 - 17:02

ޕާކިސްތާނުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ފަށާފައިވާ ވެކްސިން ޕްރޮގްރާމްގެ ދަށުން، އެ ގައުމުގައި 10 މިލިއަން ވަނަ ޑޯޒް މިއަދު ޖަހައިފި އެވެ.
ދިހަ މިލިއަން ވަނަ ޑޯޒް ޖެހުން ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ގައުމުގެ ފެޑެރަލް ޕްލޭނިން މިނިސްޓަރު އަސްއަދު އުމަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ، މި އަހަރު ނިމުމުގެ ކުރިން، އެ ގައުމުގެ 70 މިލިއަން އާބާދީއަށް އެއްކޮށް ވެކްސިން ޖަހައި ނިންމުމެވެ.
އެ އަމާޒަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މިހާތަނަށް ހަތް މިލިއަން މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މި މަޝްރޫއު ފުރިހަމަކުރުމަށް އަދިވެސް ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ވެކްސިން މަޝްރޫ އަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް މިހާރު އެބަ ލިބެ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 300،000 މީހުން، ވެކްސިން ޖެހުމަށް ރަޖިސްޓްރީވާ ކަމަށާއި، ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ވަރަކަށް، ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޕާކިސްތާން ސަރުކާރުން ބުނާ ގޮތުގައި އެ ގައުމުގައި ކޮވިޑްގެ ތިން ވަނަ ރާޅެއް ފެތުރެން ފެށުމާއެކު އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރައްޔިތުން ބޯލެނބުމުގެ ސަބަބުން، ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ. ޕާކިސްތާނުގައި ކޮވިޑަށް މީހުން ޕޮޒިޓިވްވާ ރޭޓް ހުރީ، 2.54 ޕަސެންޓްގައި ކަމަށް ސިއްހަތާ ބެހޭ އިދާރާތަކުން ބުނެ އެވެ. މިއީ ޕޮޒިޓިވްވާ ރޭޓް ތިން ޕަސެންޓަށް ވުރެ ދަށުގައި ހުންނަތާ ދެ ވަނަ ދުވަހެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓުކުރި 43،900 މީހުންގެ ތެރެއިން އެ ބަލި ޖެހިފައިވަނީ، 1،118 މީހުންނަށެވެ. އެ ގައުމުގެ ވެކްސިން މަޝްރޫއުގެ ތެރެއިން، އެވްރެޖް ގޮތެއްގައި ދުވާލެއްގެ މައްޗަށް 330،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދެ އެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން، ޕާކިސްތާނުގައި އުފެއްދި ވެކްސިން ވެސް މިހާރު އަންނަނީ އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ބޭނުން ކުރަމުންނެވެ. ޕާކްވެކްގެ ނަން ދީފައިވާ ވެކްސިނަކީ، ޗައިނާގެ ކެންސިނޯ ކުންފުނިން އުފައްދާފައިވާ ވެކްސިން، ޕާކިސްތާނުގައި އުފައްދައި ތައްޔާރުކުރުމުން ކިޔާ ނަމެވެ.
ޕާކިސްތާނުގެ ސިއްހަތާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި އެ ގައުމުގައި އުފައްދާ ޕާކްވެކްގެ ތިން މިލިއަން ޑޯޒް، ކޮންމެ މަހަކު ވެސް އުފައްދާނެ އެވެ. ކޮވިޑާ ދެކޮޅަށް އަޖުމަބެލުމުގެ ގޮތުން ޕާކިސްތާނުގައި އެންމެ ފުރަތަމަ ބޭނުންކުރި ވެކްސިނަކީ ވެސް ކެންސިނޯ ކުންފުނީގެ ވެކްސިނެވެ.