ޔާމީނަށް ބަދު ދުއާކުރި ޕޯސްޓެއް ޝެއާކުރި މީހަކު ވަކިކުރީ ރަނގަޅަށް: ހައި ކޯޓް
ޔާމީނަށް ބަދު ދުއާކުރި ޕޯސްޓެއް ޝެއާކުރި މީހަކު ވަކިކުރީ ރަނގަޅަށް: ހައި ކޯޓް

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނަށް ބަދު ދުއާ ކޮށްފައިވާ ޕޯސްޓެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމުންް ވަކިކުރި މުވައްޒަފަކަށް އަލުން ވަޒީފާދޭން ނުޖެހޭނެ ކަމަށް ހައި ކޯޓުން ވެސް ނިންމައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑްރައިވަރަކަށް އުޅުނު މުވައްޒަފަކު ޖޫން، 2017 ގައި ވަޒީފާއިން ވަކިކުރީ "ނުބައި ޝައިތާނުންގެ ކިބައިން މި ގައުމު ސަލާމަތް ކުރައްވާށި." މިހެން ލިޔެފައިވާ ޕޯސްޓެއް ޝެއާކުރި މައްސަލައެއްގަ އެވެ. އެ ޕޯސްޓްގައި ހިމަނާފައިވަނީ ޔާމީންގެ ފޮޓޯއެކެވެ. ވަޒީފާ ހޯދަން އޭނާ ދައުވާ ކުރުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވެސް ނިންމާފައިވަނީ އަލުން ވަޒީފާދޭން ނުޖެހޭނެ ކަމަށެވެ.

އެ މައްސަލަަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އޭރުގެ ރައީސްގެެ ފޮޓޯއަކާ އެކު ބަދު ދުއާއެއް ހިމަނާފައިވާ ޕޯސްޓެއް ޝެއާކުރީ ނުބައި ނިޔަތެއް ނެތި ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ބަދު ދުއާ ރައްދުވަނީ އޭރުގެ ގައުމުގެ ރައީސަށް ކަމަށާއި އެއީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމުން އެނގިގެނީ ރައީސާ މެދު އޭނާގެ ހިތުގައި ނަފްރަތު އުފެދިފައިވާ ކަން ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ އެ މުވައްޒަފަކީ އެމްއޭސީއެލްގައި ވީއައިޕީ ހިދުމަތް ހޯދާ މީހުންނާ ގާތުން މުއާމަލާތު ކުރެވޭ ފަދަ ވަޒީފާއެއްގައި ހުރި މީހަކަށް ވެފައި، އޭނާގެ އަމަލުތައް ހުރި ގޮތުން އެތަނުން ހިދުމަތް ހޯދާ ގައުމުގެ އިސްވެރިންގެ ސަލާމަތަށް ބުރޫ އަރާފާނެ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާގެ ކުރި އަމަލަކީ ވަޒީފާއިން ވަކި ކުރެވޭ ފަދަ އެކަށީގެންވާ ސަބަބެއް ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.