ޕާކިސްތާނުގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ނުހަދާނެ
ޕާކިސްތާނުގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ނުހަދާނެ

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމަށް ފަހު، އެ ސަރަހައްދުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަށް، އެމެރިކާގެ އަސްކަރީ މަރުކަޒެއް ޕާކިސްތާނުގައި ހެދުމަށް ހުއްދަ ނުދޭނެ ކަމަށް، ޕާކިސްތާނު އޮފިޝަލުންނާ ހަވާލާދީ ޕާކިސްތާނުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

ޕާކިސްތާނުގެ ދުވަހު ނޫސް ޑޯން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ ޑިރެކްޓަ ވިލިއަމް ބާންސް ދާދި ފަހުން އިސްލާމްއާބާދަށް ސިއްރު ދަތުރެއް ކުރެއްވި އެވެ. ޕާކިސްތާނުގެ ސަލާމަތީ އިދާރާތަކުގެ ވެރިންނާ އެކު ކުރި މަޝްވަރާތަކުގައި، ޕާކިސްތާނުން ވަނީ، ބޭރުގެ ޖާސޫސީ އިދާރާއެއްގެ މަރުކަޒެއް ޕާކިސްތާނުގައި ނުހެދޭނެކަން ވަރަށް ސާފުކޮށް، ވިލިއަމް ބާންސް އަށް ދަންނަވައިފަ އެވެ.

ޕާކިސްތާނުން މިކަން މި ހާމަކުރީ، ޓެރަރިޒަމާ ދެކޮޅަށް އެމެރިކާ އާއި ޕާކިސްތާން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން، ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރު ޖާވިދު ބަޖްވާއާ މަޝްވަރާކުރުމަށް، ވިލިއަމް ބާންސް ޕާކިސްތާނަށް ވަޑައިގެންނެވި ކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާ އިން މަސައްކަތް ކުރަމުން އަންނަނީ، އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އެ ގައުމުން ބޭލުމަށް ފަހު، އަފްގާނިސްތާނުގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް ފާރަލައި ބެލުމަށް، ޑްރޯން މަތިންދާބޯޓުތައް އުދުއްސާނެ މަރުކަޒެއް، އަފްގާނިސްތާނާ ކައިރި ސަރަހައްދެއްގައި ގާއިމު ކުރުމަށެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ހިނގާ ނަމަ، ޑްރޯން ބޭނުންކޮށްގެން ހަމަލާ ދިނުމަށް ވެސް އެ މަރުކަޒު ބޭނުންކުރުމަށެވެ.

މިކަމާ ގުޅޭ ގޮތުން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވާންއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ ޖާސޫސީ، އަސްކަރީ އަދި ޑިޕްލޮމެޓިކް ޗެނަލްގެ ތެރެއިން ވެސް ޕާކިސްތާނާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އެ މަޝްވަރާތަކުގައި، އެމެރިކާ އަށް ޓެރަރިސްޓް ހަމަލާއެއް ދީފާނެ ޓެރަރިސްޓް ޖަމާއަތެއްގެ މަރުކަޒަކަށް އަފްގާނިސްތާނު ވިޔަ ނުދިނުމާ ގުޅޭ ގޮތުން، ޕާކިސްތާނާ އެކު ވާހަކަ ދައްކާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލިއަމް ބާންސް، ޕާކިސްތާނަށް ވަޑައިގަތީ ކޮން ތާރީހެއްގައި ކަން ދެ ގައުމުން ވެސް ހާމައެއް ނުކުރެ އެވެ.

ނަމަވެސް ބެލެވޭ ގޮތުގައި ބާންސް ޕާކިސްތާނަށް ވަޑައިގަތީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ.

ޕާކިސްތާނުގެ ބައެއް އޮފިޝަލުން، ނަން ހާމަނުކުރުމަށް ޝަރުތުކޮށް ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެމެރިކާގެ ޑްރޯން މަތިންދާބޯޓުތައް އުދުއްސަން ބޭނުންކުރާ މަރުކަޒެއް ޕާކިސްތާނުގައި ގާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.

މީގެ ކުރިން ނިއު ޔޯކް ޓައިމްސް އިން ބުނެފައިވާ ގޮތުގައި އެމެރިކާގެ ޑްރޯންތައް އުދުއްސާނެ މަރުކަޒެއް ގާއިމުކުރުމުގެ ހުއްދަ ދޭން ޕާކިސްތާން ބޭނުންވެ އެވެ. ނަމަވެސް ޕާކިސްތާނުން އެކަމަށް ވަރަށް ވަރުގަދަ ޝަރުތުތަކެއް ކުރިމަތި ކުރެ އެވެ. އެއީ ކޮން ޝަރުތުތަކެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

މިކަމާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި އެކި ފެންވަރުގައި މަޝްވަރާތައް ބާއްވާފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރޭގައި، ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީ އާއި އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލެންކެންއާ ދެމެދު ބޭއްވި މަޝްވަރާތަކެއް ހިމެނެ އެވެ. އަދި ޕާކިސްތާނުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މުއީދު ޔޫސުފް އާއި އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލީވާންގެ ބައްދަލުވުން ހިމެނެ އެވެ.