10 ޖޫން 2021 - 05:58

ބައިވެރިޔާ ބޭވަފާތެރިވާ ކަމުގެ ޝައްކު އުފެދެން ފަށަނީ ބޭވަފާތެރިއެއްގެ ވިކްޓިމަކަށް ވެއްޖެ ކަމަށް އަމިއްލަ ނަފްސަށް ހީވާން ފަށާ ހިސާބުންނެވެ. ނުވަތަ ދެމީހުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށާ ހިސާބުންނެވެ.
ބައިވެރިޔާ ބޭވަފާތެރިވާހެން ހީވާ ނަމަ އެއީ ތެދަކަށްވުން ވެސް ގާތް ކަމެކެވެ. ނަމަވެސް ހެއްކެއްނެތި ހީވާ ހީވުމަކަށް އެފަދަ އެއްޗެއް ބައިވެރިޔާ ގާތުން އަހަން ޖެހިލުންވެ އެވެ.
މިއީ ބޭވަފާތެރިވާ ނަމަ ބައިވެރިޔާގެ ކިބައިން ފެނިދާނެ ކަމަށް "ސައިކޮލޮޖީ ޓުޑޭ" ވެބް ސައިޓުގައި ބުނެފައިވާ ކަންކަމެވެ. އެކަމަކު މިއިން ކަމަކަށް ބަލާފައި ބައިވެރިޔާއަށް ޝައްކު ނުކުރާށެވެ. މިއީ ހަމައެކަނި އިންޒާރުގެ ނިޝާންތަކެއް ކަމެއް ބަލައި އިތުރަށް ވިސްނާށެވެ.
ކަސްރަތަކީ ކުރަންޖެހޭ ކަމެކެވެ. އެކަމަކު ހަމަ ކުއްލިއަކަށް ކަސްރަތު ފަށައި ޑައިޓުކުރުން ފަދަ ކަންކަމަށް މާބޮޑަށް އިސްކަންދިނުމާ އެކު ހެދުންއެޅުމަށް ބަދަލު ގެންނަ އެއް ސަބަބަކީ އެހެން މީހަކަށް ދެއްކުން ކަމަށް ވެސް ވެދާނެ އެވެ. މިކަމުން ނެގޭ އެއް މާނަ އަކީ ބައިވެރިޔާ އެހެން މީހެއްގެ ސަމާލުކަން ހޯދުމަށް މަސައްކަތް ކުރަމުން ދިއުމެވެ.
މީގެ ކުރިން ފޯނުގައި ލޮކް ކޯޑެއް ނުޖަހައި ކޮންމެ ތަނެއްގައި ވެސް ފޯނު ބާއްވާ މީހަކު، ފޯނުގައި ލޮކް ކޯޑު ޖަހާފައި އެހެން މީހަކަށް ފޯނު ނުދީ، ފޯނު ފޮރުވައިގެން ގެންގުޅުން މިއީ ވެސް ނިޝާނެއް ކަމަށް ބަލާށެވެ. ބައެއް މީހުން ބައިވެރިޔާ އަށް އޮޅުވާލުމުގެ ގޮތުން އިތުރު ފޯނެއް ވެސް ގެންގުޅެ އެވެ. ފޯނުގެ މެސެޖުތަކާއި ބްރައުޒް ހިސްޓްރީ ޑިލީޓްކުރަން ފަށާނެވެ. ފޯނަކީ ޕްރައިވެޓް އެއްޗަކަށް ވިޔަސް އެއީ ދެ ބައިވެރިންނަށް އެއްކޮށް ސިއްރުވެފައި އޮންނަ އެއްޗަކަށްވާ ނަމަ ޝައްކު އުފައްދަން ޖާގަ ލިބޭ އެތައް ކަމެއް މެދުވެރިވެ އެވެ.
ދެމީހެއްގެ ދޭތެރެ ގުޅުން ކުޑަވަމުންދާ ކަމުގެ އެއް ހެއްކަކީ ބައިވެރިޔާގެ ފޯނަށް ނުގުޅުމެވެ. ކިތަންމެ މުހިއްމު ކަމެއްގައި ވެސް ބައިވެރިޔާގެ ފޯނަށް ގުޅުމުން ކޯލަށް ޖަވާބު ނުދީ، އަބަދުވެސް އުޒުރު ދެއްކުން މީ އާންމު ކަމަކަށް ހަދާނެ އެވެ. މުޅިން ވެސް ދައްކާނީ ގަބޫލުކުރެވޭ ކަހަލަ އުޒުރުތަކެވެ. ކޮންމެވެސް މުހިއްމު ބައްދަލުވުމެއްގައި ނުވަތަ ސައިކަލު ދުއްވަން އިނުމުން ނުވަތަ ގުޅާކަން ނޭނގިގެން ފޯނަށް ޖަވާބު ނުދެވެނީ ކަމަށް ބުނާނެ އެވެ.
އިނދެގެން އުޅޭ ދެމީހުންގެ ދެމެދުގައި، ސަބަބެއް ނެތި އަނބިފިރިކަމުގެ ގުޅުން ކުޑަވަމުންދާ ނަމަ އެއީ މައްސަލައެކެވެ. މިހެން ދިމާވާ ކަމަށް ބެލެވޭ ނަމަ އެކަމުގެ ސަބަބެއް އޮތްތޯ ބަލަންވާނެ އެވެ. ބައިވެރިޔާ އެކަމާ ވާހަކަ ދައްކަން ވެސް ބޭނުން ނުވެ، ދުރުދުރުން އުޅެންޖެހޭ ސަބަބެއް އޮންނާނެ އެވެ.
ބައިވެރިޔާގެ ތެރެއިން ބޭވަފާތެރިވާ މީހާ އޭނާ ކުރާ ގޯސްކަމަކާ ހަވާލެއް ނުވާނެ އެވެ. މީގެ ބަަދަލުގައި އެމީހުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ އަނެއް މީހާ ކުށްވެރިކުރާށެވެ. ދެމީހުންގެ ދޭތެރޭގައި ކުރާނެ މޮޅުކަމެއް ނެތްކަމަށް ބުނެ ދެން ހުންނަ މީހާ ކުށްވެރިކުރަން ފަށާނެ އެވެ. ބޭވަފާތެރިވެއްޖެކަން ޔަގީންވާ ހިސާބުން އެއީ އޭނާ އަމިއްލަ އަށް ބޭނުން ވެގެން އުޅުނު ގޮތެއް ނޫން ކަމަށް ބުނެ، ހުރިހާ ކަމަކުން ރެކިގަންނާނެ އެވެ. ކުރާ އެއްވެސް ކަމަކަށް އެއްޗެއްނުބުނެ، ބޭނުން ކޮންމެ ގޮތަކަށް އުޅުމުގެ މިނިވަންކަން ދިނުމަކީ ވެސް ބައިވެރިޔާ ބޭވަފާތެރިކަމުގެ ނިޝާނަކަށްވާ ފަހަރު އާދެ އެވެ.
މީގެ ކުރިން ގަޑިން ގަޑިއަށް ކާން ގެއަށް އާދެވޭ މީހަކު، މާބޮޑު ކަމެއް ނެތި އެކަން ހުއްޓާލައި އެކަމުގައި އުޒުރު ދައްކަން ފަށައިފާނެ އެވެ. އޮފީހުން ގެއަށް އަންނަ ގަޑި ލަސްވެ އެކަމުގައި ދޮގު ހަދާކަން ހާމަވާން ފަށާނެ އެވެ. ބަންދު ދުވަހެއް ނަމަ އަބަދުވެސް އޮންނަނީ ކޮންމެވެސް ތާކަށް ދާންޖެހިފަ އެވެ. އާއިލާއަށް ހާއްސަ އެއްވެސް ވަގުތެއް ނެތި މިހެން އުޅެން ފަށައިފި ނަމަ އެއީ މައްސަލައެކެވެ.
ބޭވަފާތެރިވާކަން ގިނަ ފަހަރަށް ބޭވަފާތެރިވަމުން އަންނަ މީހާގެ ރައްޓެހިންނަށް އެނގޭނެ އެވެ. ރައްޓެހިންނަށް މިކަހަލަ ކަންކަން އެނގޭ ހިސާބުން، ބޭވަފާތެރިވަމުން އަންނަ މީހާގެ ބައިވެރިޔާއާ ގުޅުން ކުޑަވެ އެވެ. އޭގެތެރެއިން ބައެއް ރައްޓެހިން މާބޮޑަށް ރަނގަޅުވާތަން ވެސް އާދެ އެވެ. މިކަންތައްގަނޑުގައި ވިކްޓިމްގެ ރައްޓެހިން އޭނާ އާއި އޭނާގެ ބައިވެރިޔާއާ ދެމެދު އޮންނަ ގުޅުމަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދޭ ފަހަރު އާދެ އެވެ.
ފައިސާ ރައްކާކުރަން ލާ އެކައުންޓަކުން ނުވަތަ ބޭންކް އެކައުންޓަކުން ކުރިން ނުކުރާ ހަރަދުތައް ކޮށްފައި ހުރެދާނެ އެވެ. އެކަމާބެހޭ ގޮތުން ބައިވެރިޔާއާ ސުވާލުކުރުމުން ކިހިނެއް ވާކަމެއްކަން ނޭނގޭ ކަމަށް ހަދާފައި އެ ވާހަކަ އޮއްބާލާނެ އެވެ. ބައިވެރިޔާ އެހެން މީހަކާ ގުޅުން ބާއްވާ ނަމަ، ވަރަށް ގިނަ ފަހަރު އެކަމާ ގުޅިގެން ހަރަދުތައް ވެސް ކުރާނެ އެވެ. ތަންތަނަށް ދިއުމާއި ހަދިޔާ ގަތުމާއި މިހެން ގޮސް އެތައް ކަމަކަށެވެ.
އެއްވެސް ގުޅުމަކީ އެ ގުޅުމެއް ފެށިގެން އަންނަ އިރު އޮންނަ ގޮތަށް ދެމިގެންދާ ގުޅުންތަކެއް ނޫނެވެ. ހިއްސާކުރެވޭ ވާހަކަތަކާއި އުފެދިގެން އަންނަ ވަރުގަދަ އިތުބާރަކީ ދެމީހުންގެ ދެމެދުގައި ޖަޒުބާތީ ގޮތުން އުފެދިގެން އަންނަ ގުޅުމެކެވެ. މިގުޅުން ހީނަރުވާން ފަށާނީ ބައިވެރިޔާގެ ކިބައިން އެ ހުރިހާ ގުޅުމެއް އެހެން މީހަކާ ހިއްސާކުރަން ފަށާ ހިސާބުން ކަމަށް ވެސް ވެދާނެ އެވެ.
ބައިވެރިޔާ ބޭވަފާތެރިވާ ކަމުގެ އިހުސާސް ކުރެވޭ ހިސާބުން ބައިވެރިޔާގެ ކިބައިން އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ވާހަކަ ދައްކައިގެން ހައްލުކުރަން ބުނާނެ އެވެ. ނަމަވެސް އަސްލު މަގުސަދަކަށް ވަނީ އެ ވާހަކަ ނޫން ހުރިހާ ވާހަކައެއް ދައްކާފައި، އަސްލު މައުލޫ ބަދަލުކޮށްލުމެވެ.
"ސައިކޮލޮޖީ ޓުޑޭ" ވެބްސައިޓުގައި ކިޔައިދީފައި މިވާ ހުރިހާ ކަމެއް ބައިވެރިޔާގެ ކިބައިން ފެނުނު ކަމުގައި ވިޔަސް އެއީ އަދި ބޭވަފާތެރިއަކަށް ނުވެ ވެސް ހިނގައިދާނެ އެވެ. ބޭވަފާތެރިއެއް ކަމަށް ނިންމާ ހިސާބަށް ދާންވާނީ މިހެން ލަފާކޮށްލާ ކަންކަމުގެ ބޭރުން އެތައް ކަމެއް ޔަގީންވެގެންނެވެ. އެންމެ މުހިންމީ އިތުބާރެވެ.