ޒުވާބުތަކަށް ފަހު، ދިދައިގެ ހިނގާލުން އަންގާރައަށް ފަސްކޮށްފި
ޒުވާބުތަކަށް ފަހު، ދިދައިގެ ހިނގާލުން އަންގާރައަށް ފަސްކޮށްފި

ޔަހޫދީންގެ ކަނާތު ފިޔައިގެ ހަރުކަށި ޖަމާއަތްތައް ގުޅިގެން، އިރުމަތީ ގުދުސްގައި މާދަމާ ބާއްވަން އިންތިޒާމުކުރި، ދިދައިގެ ހިނގާލުން، އަންނަ ހަފުތާގެ އަންގާރަ ދުވަހު ބޭއްވުމުގެ ހުއްދަ ދިނުމަށް، އިޒްރޭލުގެ ސަލާމަތާ ބެހޭ ކެބިނެޓް ކޮމިޓީން ނިންމައިފި އެވެ.

މި ހިނގާލުމަކީ، 1967 ވަނަ އަހަރު އިޒްރޭލުން އިރުމަތީ ގުދުސް ހިފުމަށް ފަހު، ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ނިންމި ނިންމުން ފާހަގަކުރުމުގެ ގޮތުން، ކޮންމެ އަހަރަކު ވެސް ޔަހޫދީން އިންތިޒާމުކުރާ ހިނގާލުމެކެވެ. މިފަހަރުގެ ހިނގާލުން އިންތިޒާމުކޮށްފައި އޮތީ، ވީހާ ގިނަ ޔަހޫދީން، އިޒްރޭލުގެ ދިދަ ހިފައިގެން، ގުދުސްގެ އެންމެ މުހިންމު އެއް ދޮރޯށި ކަމަށްވާ "ބާބޫލް އާމޫދު" އިން ފަށައިގެން ކުރިއަށް ގޮސް، މަސްޖިދުލް އަގްސާގެ ހަރިންމަ ތެރޭގައި ހުންނަ ބުރާގު ފާރާ ހަމައަށް ނިންމާ ގޮތަށެވެ.

މި ހިނގާލުން ކުރިއަށް ދާނީ، އިރުމަތީ ގުދުސްގެ ތެރޭގައި، ޔަހޫދީންނާއި ފަލަސްތީނު މީހުންނާ ދެމެދު އެންމެ ގިނައިން ހަމަނުޖެހުންތަކާއި ކުރިމަތިލުންތައް ހިނގާ ސަރަހައްދުތަކުގެ ތެރެއިންނެވެ. އެހެންކަމުން، އެ ހިނގާލުން އެގޮތަށް ކުރިއަށް ނުގެންދިޔުމަށް، ހަމާސް ޖަމާއަތުން އިއްޔެ އިންޒާރު ދިނުމާ ގުޅިގެން، އިޒްރޭލުން ވަނީ، އެ ހިނގާލުން ބާއްވަން މިވަގުތު ހުއްދަ ދެވެން ނެތްކަމަށް ނިންމައިފަ އެވެ.

އެ ހިނގާލުމަށް ހުއްދަ ނުދިން މައްސަލައިގައި، އިޒްރޭލު ސަރުކާރު ތެރޭގައި ދެބަސްވުން އުފެދުމާ ގުޅިގެން، އެ މައްސަލަ ކެބިނެޓްގެ ކުޑަ ކޮމިޓީއަށް ހުށަހެޅި އެވެ. ކުޑަ ކޮމިޓީގެ ތެރޭގައި ވެސް، މިނިސްޓަރުންގެ މެދުގައި ހޫނު ޒުވާބުތަކެއް ހިނގުމަށް ފަހު ނިންމީ، އަންނަ ހަފުތާގެ އަންގާރަ ދުވަހު އެ ހިނގާލުން ބޭއްވުމުގެ ހުއްދަ ދިނުމަށެވެ.

އަންނަ ހަފުތާއަށް އެކަން ފަސްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، އިޒްރޭލުގައި އެކުލަވައިލާ އާ ސަރުކާރު، އަންނަ އާދީއްތަ ދުވަހު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ކަނީސަތު އަށް ހުށަހެޅުމަށް ތާވަލު ކޮށްފައިވާތީ އޭގެ ކުރިން އިތުރު ހަމަނުޖެހުންތަކެއް ހިންގުމުގެ ފުރުސަތު ނުދިނުމެވެ.

ދިދައިގެ ހިނގާލުން ކެންސަލް ކުރުމާ ވިދިގެން، ހަރުކަށި ޔަހުދީ ޖަމާއަތްތަކުން ދަނީ އިޒްރޭލު ސަރުކާރަށް އެކި ގޮތްގޮތުން އިންޒާރުދީ ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. ކަނީސަތުގައި ޒަޔަނިސްޓް ދީނީ ޕާޓީ ތަމްސީލް ކުރައްވާ މެމްބަރެއް ކަމަށްވާ އީޓްމާސް ބިންގަފީރު ބުނި ގޮތުގައި، އިޒްރޭލު ފުލުހުން ހުއްދަ ދިނަސް ނުދިނަސް ހިނގާލުން ކުރިއަށް ގެންދާނެ އެވެ. އަދި މިއަދު މެންދުރު ވަގުތު މަސްޖިދުލް އަގްސާގެ ހަރިންމަ ތެރެއަށް ވެސް ވަންނާނެ ކަމަށް އޭނާ އިންޒާރު ދިނެވެ.

މި ހިނގާލުން ބާއްވައިފި ނަމަ، ހަމަނުޖެހުން އުފެދިދާނެ ކަމުގެ ފުރުސަތު އޮތުމުން، އިޒްރޭލުގެ ރިޒާވް ލަޝްކަރުގެ އިތުރު ސިފައިން ހިދުމަތަށް ނެރުމަށް މިހާރު ވަނީ ނިންމައިފަ އެވެ.

ހިފާފައި އިރުމަތީ ގުދުސްގައި އިޒްރޭލު ސިފައިންނާއި ޔަހޫދީން ގުޅިގެން، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އުދުވާނީ އިތުރު ހަމަލާތަކެއް ފަށައިފާނެ ކަމުގެ ބިރު އުފެދިފައިވާތީ، މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ އދ.ގެ މަންދޫބު ވަނީ، އިޒްރޭލާއި ހަމާސް ޖަމާއަތުން ވެސް ކެތްތެރިކަން އިސްކުރުމަށް ގޮވާލައިފަ އެވެ.
ދިދައިގެ ހިނގާލުން މާދަމާއަށް އިންތިޒާމުކުރުމާ ގުޅިގެން، ހަމާސް ޖަމާއަތުން އިޒްރޭލުގެ އެ ނިންމުމަށް ހޫނު ރައްދެއް ދީ ދުނިޔެ ސަމާލުކުރުވި އެވެ.

"ބުރާސްފަތި ތި ބާއްވާ ހިނގާލުން، އިރުމަތީ ގުދުސާއި އަލް މަސްޖިދުލް އަގްސާގެ ގޯތިތެރޭގައި ކުރިއަށް ގެންދަން ފުރުސަތު ނިދުނުމަށް، އިޒްރޭލަށް އިންޒާރުކުރަން. މިބުނާ އެއްޗެއް އިޒްރޭލަށް ސާފުވެއްޖެ ކަމަށް އުންމީދުކުރަން. އެހެންވީމާ ބުރާސްފަތި ދުވަހު އާ މެއި 10 ނާންނާނެ ކަމަށް ދެކެން،" ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ މެމްބަރު ޚަލީލުލް ހައްޔާ ދެއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

"ކަލޭމެން އަހަރެމެންނަށް ހަމަލާދޭން އަލުން ފަށައިފި ނަމަ، ކަލޭމެންނަށް ރައްދު ދޭން އަހަރެމެން އެނބުރި އަންނާނަން."

އޭނާ ވިދާޅުވީ ގުދުސާ ހަމައަށް ހަނގުރާމަ ފޯރައިފި ނަމަ، ރަތް ރޮނގެއް ނޯންނާނެ ކަމަށެވެ. އޭގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި "ގުދުސް ކަނޑީގެ ހަނގުރާމަ" އަކީ ފަލަސްތީނު ރައްޔިތުންގެ އެއްބައިވަންތަކަން އިޒްރޭލަށް ދެއްކުމަށް އަޅައިލި ހަމައެކަނި ސުރުހީއެކެވެ. މެއި 10-21 އަށް އިޒްރޭލުން ގާޒާ އަށް ދިން ހަމަލާތަކަށް ރައްދުދިނުމަށް ހަމާސް ޖަމާއަތުން ކުރި ހަނގުރާމައަށް އެ ޖަމާއަތުން ދީފައިވާ ނަމަކީ "ގުދުސް ކަނޑީގެ ހަނގުރާމަ" އެވެ.