މާލޭގެ ޑެޕިއުޓީ މޭޔަރުން އިންތިހާބުކުރަން ދިން މުއްދަތު ފަސްކޮށްދީފި
މާލޭގެ ޑެޕިއުޓީ މޭޔަރުން އިންތިހާބުކުރަން ދިން މުއްދަތު ފަސްކޮށްދީފި

މާލޭގެ ޑެޕިއުޓީ މޭޔަރު ހޮވުން މި މަހުގެ 21 އަށް ފަސްކުރަން، ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ އުނދަގޫތަކާ ހެދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހުއްދަ ދީފި އެވެ.

ކައުންސިލް އިންތިހާބުގައި ވާދަކޮށް މަގާމުތަކަށް އިންތިހާބުވި ބޭފުޅުން ވަނީ މިދިޔަ މޭ މަހުގެ 17 ގައި ކައުންސިލަރު ކަމުގެ މަގާމުގެ ހުވާ ކުރައްވައިފަ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން އޮތް ގޮތުން އާ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވީ އޮންލައިންކޮށެވެ. އެހެންވެ މާލޭގެ ޑެޕިއުޓީ މޭޔަރަކު އެ ދުވަހު ނުހޮވަ އެވެ. އަދި ބައެއް ރަށްރަށަށް ނައިބު ރައީސުންވެސް ނުހޮވަ އެވެ.

އެހެންވެ އެލްޖީއޭ އިން ކުރިން އޮތީ މި މަހުގެ 20 ގެ ކުރިން އާ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުންނާއި ނައިބު ރައީސުން ހޮވަން ކައުންސިލްތަކަށް އަންގައިފަ އެވެ.

ކައުންސިލްތަކަށް ރައީސުންނާއި މޭޔަރުން އިންތިހާބުކުރަނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ވިޔަސް ޑެޕިއުޓީ މޭޔަރުންނާއި ނައިބު ރައީސުން ހޮވަނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް "މިހާރު" އަށް ވިދާޅުވީ ބައެއް ކައުންސިލަރުން ކަރަންޓީނުގައި ތިއްބަވަން ޖެހިފައިވުން ފަދަ ކަންކަމާ ހެދި މި މަހު 20 ގެ ކުރިން އިންތިހާބު ބޭއްވެއް ނެތިގެން އެކަން އަންގާފައިވާ ކަމަށެވެ. ކައުންސިލުން އެދުނު ގޮތަށް ހުއްދަ ދިނީ ފިޒިކަލްކޮށް ޖަލްސާ ބާއްވަން ފަސޭހަނުވެދާނެތީ އާއި މި މަހުގެ 21 ގައި ސިޓީ ކައުންސިލްގެ އާންމު ޖަލްސާ އޮންނާނެތީ ކަމަށް އަފްޝަން ވިދާޅުވި އެވެ.

"މާލޭ ސިޓީ ކައުންސިލްގަ މެމްބަރުން ވެސް ބޮޑުތަނުން އެހެން ކައުންސިލްތަކަށް ވުރެ އިތުރުވާނެ. އެހެންކަމުން ފިޒިކަލް މީޓިން ބޭއްވުން ފަސޭހަ ނުވެދާނެ ކަމަށް ވެސް ބަލައިފަ އަދި ޖަލްސާ ވެސް 21 ގަ އޮންނާތީ އެގޮތަށް އެއްބަސްވީ،" އަފްޝަން ވިދާޅުވި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ސިޓީ ކައުންސިލްގައި މަސައްކަތް ކުރައްވާ އިސްބޭފުޅަކު "މިހާރު" އަށް ވިދާޅުވީ މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް މެމްބަރަކު ހޮވަން ބާއްވާ އިންތިހާބު އަންނަ 21 އަށް ފަސްކުރަން ޖެހުނީ ކައުންސިލްގެ ބައެއް މެމްބަރުން ރަށުން ބޭރުގައި ތިއްބެވުމާއި ކޮވިޑާ ހެދި ބައެއް މެމްބަރުން ކަރަންޓީނުގައި ތިއްބެވުމާއި ގުޅިގެން ކަމަށެވެ.

އެލްޖީއޭ އިން ކުރިން އެންގި ގޮތަށް މި މަހު 20 ގެ ކުރިން އިންތިހާބު ބާއްވާ ނަމަ އެކަން ކުރަން ޖެހެނީ އޮންލައިންކޮށް ކަމަށާއި އެކެމަކު އެހެން އިންތިހާބު ބޭއްވުމުން ވޯޓުގެ ސިއްރު ނުހިފެހެއްޓޭނެ ކަމަށް ވެސް ކައުންސިލްގެ އޮފިޝަލް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ އާ ދައުރުގައި ޑެޕިއުޓީ މޭޔަރު ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީ އާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ނާސިރު އަދި މާފަންނު މެދު ދާއިރާގެ މެމްބަރު އަހުމަދު ނަރީޝް އެވެ.

އާ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު ޕީޕީއެމަށް ލިބިފައިވާއިރު، އެ ޕާޓީ އަށް ނިސްބަތްވާ އެ ތިން ބޭފުޅުންގެ މެދުގައި ޑެޕިއުޓީ މޭޔަރަކަށް ވުމުގެ ވާދަވެރިކަން ވަރަށް ބޮޑެވެ.