އިގްތިސާދީ ކޮމެޓީގެ މުގައްރިރަކަށް އިލްހާމް އައްޔަންކޮށްފި
އިގްތިސާދީ ކޮމެޓީގެ މުގައްރިރަކަށް އިލްހާމް އައްޔަންކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގެ މުގައްރިރަކަށް ދަނގެތި ދާއިރާގެ ޕީޕީއެމް މެމްބަރު އިލްހާމް އަހުމަދު މިއަދު އައްޔަންކޮށްފި އެވެ.

އިގްތިސާދީ ކޮމެޓީގެ މުގައްރިރަކަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ކަން ކުރައްވާ އިލްހާމް އައްޔަން ކުރީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އިލްހާމަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، ދާދި ފަހުން ޕީޕީއެމާ ގުޅިވަޑައިގެންނެވި އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަން މެމްބަރެކެވެ.

މީގެ އިތުރުން ކޮމެޓީގެ ނައިބު މުގައްރިރަކަށް ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލް އައްޔަން ކުރެއްވީ ވެސް ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އިގްތިސާދީ ކޮމެޓީގެ މުގައްރިރަކަށް ކުރިން ހުންނެވީ ނިލަންދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަލީލެވެ. އޭނާ އެ ކޮމެޓީން ވަކި ކުރީ ޕީޕީއެމުން ނެރުނު ތްރީ ލައިން ވިޕަކާ ހިލާފަށް މަޖިލީހުގައި ވޯޓު ދެއްވުމުންނެވެ.

އިގްތިސާދީ ކޮމެޓީއަކީ މަޖިލީހުގެ ބާރުގަދަ އެއް ކޮމެޓީ އެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 26 ބިލިއަން ރުފިޔާގެ ބަޖެޓު ފާސް ކުރީ އެ ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީ ގުޅިގެންނެވެ.

އިގްތިސާދީ ކޮމެޓީގައި މިހާރު ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ އިލްހާމާއި މުހައްމަދު އިސްމާއިލްގެ އިތުރުން މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު، މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު، ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އަދި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އީވާ އަބްދުﷲ އާއި މާމިގިލީ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ގާސިމް އިބްރާހިމާއި ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު އަބްދުﷲ ރިޔާޒާއި ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒް އިސްމާއިލާއި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމެވެ.

އެ ކޮމެޓީން ވަނީ ފުލުހުން ކަނޑުމަތީގައި ބޭނުންކުރާ ލޯންޗުފަހަރު، ކަނޑުގައި އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނުން އިސްތިސްނާ ކުރުމަށާއި ރާއްޖޭގެ ބަނދަރަކަށް ވަންނަ ކޮންމެ އުޅަނދަކުން ބަނދަރު ކުލީގެ ގޮތުގައި ނަގަމުން އަންނަ އަދަދު ބޮޑު ކުރުމަށް ބަނދަރު ކުލި ނެގުމާ ބެހޭ ގާނޫނަށް މާވަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަޒްހާން ފަހުމީ ހުށަހެޅުއްވި އިސްލާހު މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފަ އެވެ. އިގްތިސާދީ ކޮމެޓީން އެ ގޮތަށް ފާސް ކުރިއިރު، އަޒްހާން ހުށަހެޅުއްވި ގޮތަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.