10 ޖޫން 2021 - 05:49

މިދިޔަ އަހަރު އަޖޭ ދޭވްގަން ސޮއިކުރި ތަމަޅަ ފިލްމު "ކައިތީ" ގެ ހިންދީ ރިމޭކްގެ ބަތަލާއަކަށް ކާޖަލް އަގަރްވާލް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ލައިފުން ބުނި ގޮތުގައި އަޖޭގެ 2011 ގެ ފިލްމު "ސިންގަމް" ގެ ބަތަލާގެ ރޯލު ކުޅުނު އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ "ކައިތީ" ގެ ރިމޭކްގައި ކުޅޭނީ އަޖޭގެ އަންހެނުންގެ ރޯލެވެ. އަދި ކެރެކްޓާ ފެންނާނީ ވާހަކައިގެ ފްލޭޝްބަކެއްގެ ގޮތުގަ އެވެ.
އަޖޭއާ އެކު "ސިންގަމް" އިން ބޮލީވުޑަށް ނުކުމެ ކާޖަލް، 35، ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ 2013 ގެ "ސްޕެޝަލް 26" އާއި މި އަހަރު ރިލީޒްކުރި ޖޯން އަބްރަހަމާއި އިމްރާން ހާޝިމީގެ "މުމްބާއީ ސާގާ" ހިމެނެ އެވެ.
ކާޖަލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ތެލެގޫ ފިލްމު "އަޗާރިއާ" އާއި ތަމަޅަ ފިލްމު "ހޭ ސަނާމިކާ" އާއި ކަމަލް ހަސަންގެ ތަމަޅަ "އިންޑިއަން 2" އަދި ތަމަޅަ ފިލްމު "ގޯސްޓީ" ހިމެނެ އެވެ.
ދެހާސް ނަވާރައިގައި ރިލީޒްކުރި އެކްޝަން ތުރިލާ "ކައިތީ" ގެ ހިންދީ ރިމޭކް އަޖޭއާ އެކު އިއުލާންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެ ފިލްމު ޑައިރެކްޓްކުރާނެ މީހަކު އަދި ރަސްމީކޮށް އިއުލާންކޮށްފައި ނުވާ އިރު، ރިޕޯޓްތައް ބުނާ ގޮތުން ވަރަށް އަވަހަށް ފިލްމުގެ ޝޫޓިން ފަށާނެ އެވެ.