މިލަޑިޗްގެ ހުކުމް ދަމަހައްޓައި އިސްތިއުނާފު ބޭރުކޮށްލައިފި
މިލަޑިޗްގެ ހުކުމް ދަމަހައްޓައި އިސްތިއުނާފު ބޭރުކޮށްލައިފި

ބޮސްނިއާގެ ސާބް ދަރިކޮޅުގެ އަސްކަރީ ވެރިޔާ ރަޓްކޯ މިލަޑިޗް އުމުރަށް ޖަލަށް ލުމަށް، އދ.ގެ ކޯޓުން އިބްތިދާއީ މަރުހަލާގައި ކޮށްފައި އޮތް ހުކުމް، އެ ކޯޓުގެ އިސްތިއުނާފު ޖަޖުން އިއްޔެ ދަމަހައްޓައި، އޭނާގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.

ރަޓްކޯ މިލަޑިޗް އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރީ، 1992-1995ގެ ބޮސްނިއާ ހަނގުރާމައިގެ ތެރޭގައި، ބޮސްނިއާ ދަރިކޮޅުގެ 8000 އަށް ވުރެ ގިނަ ފިރިހެނުންނާއި ފިރިހެން ކުދިން މެރުމުގެ ކުށުގަ އާއި، އިތުރު އެހެން ކުށްތަކެއް ސާބިތުވުމުންނެވެ. ފިލައިގެން އުޅެނިކޮށް 2006 ވަނަ އަހަރު ހައްޔަރުކޮށް އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށް ފަހު ހުކުމްކުރީ، 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.

މިލަޑިޗްގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި ހިމެނެނީ، ގަތުލު އާންމު ހިންގުމުގެ އެއް ކުށާއި، އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގުމުގެ ފަސް ކުށަކާއި، ހަނގުރާމައިގެ ގަވާއިދުތަކާ ހިލާފު ހަތަރު ކުށެވެ.

މި ކުށްތައް ސާބިތުވެގެން، އުމުރަށް ޖަލަށް ލުމަށް ކޮށްފައި އޮތް ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން، އިސްތިއުނާފު ފަސް ފަނޑިޔާރުގެ އިއްތިފާގުން އިއްޔެ އިއްވި ހުކުމްގައި ބުނެފައިވަނީ، ދަ ހޭގްގެ ކޯޓުން އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށާއި، ދެން ދުވަހެއްގައިވެސް އެ ހުކުމް އިސްތިއުނާފް ނުކުރެވޭނެ ކަމަށެވެ.

އިސްތިއުނާފް މައްސަލަ ބެއްލެވި އިސް ފަނޑިޔާރު، ޒެމްބިއާގެ ޕްރިސްކާ މަތިންބާ ނިޔަމްބޭ ވިދާޅުވީ މިލަޑިޗްގެ އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް މިހާ ހިސާބުން ނިމުނީ ކަމަށެވެ.

މިލަޑިޗްގެ މައްޗަށް އިއްވާފައި އޮތް ހުކުމް ނިހާއީ ހުކުމަކަށް ބަދަލުވުމާއެކު، އޭނާގެ ހުކުމް ތަންފީޒު ކުރުމަށް، ދެން ފޮނުވާނީ، އޭނާގެ ސިޔާސީ ވެރިޔާ، ބޮސްނިއާގެ ސާބް ދަރިކޮޅުގެ ކުރީގެ ވެރިޔާ ރަޑޮވާން ކަރަޑިޗް ވެސް، އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދާ، އިނގިރޭސި ވިލާތުގެ ޖަލަށެވެ.

ބޮސްނިއާ ހަނގުރާމައިގައި 100000 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް މިލިއަން ބަޔަކު ގެދޮރުނެތިފައިވެ އެވެ. އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކު ވަނީ، ބޮސްނިއާ ދޫކޮށް، އަވައްޓެރި ގައުމުތަކަށް ވެސް ހިޖްރަ ކޮށްފަ އެވެ.

މިލަޑިޗްގެ މައްޗަށް ކުރި ތުހުމަތުތަކުގެ ތެރެއިން، އެންމެ ބޮޑު ތުހުމަތަކީ، އޭނާގެ އަމުރަށް ސަރްބިޔާ ސިފައިން، ސަރްބްރެނީޗިއާގެ 8000 އަށް ވުރެ ގިނަ މުސްލިމް ފިރިހެނުން މެރުމެވެ. މިއީ ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު ޔޫރަޕްގައި ހިނގި އެންމެ ބޮޑު ގަތުލުއާންމުގެ ގޮތުގައި ސިފަ ކުރެވެ އެވެ.

މިލަޑިޗްގެ މައްޗަށް ހުކުމް އިއްވި ފަނޑިޔާރުން ބުނި ގޮތުގައި ސަރްބްރެނީޗިއާގެ ގަތުލުއާންމުގައި މިލަޑިޗްގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރެ އެވެ. ސަބަބަކީ، އޭރު ސަރްބިޔާ ދަރިކޮޅުގެ ސިފައިންނާއި ފުލުހުން އަމަލު ކުރަމުން ދިޔައީ އޭނާގެ އަމުރުވެރިކަމުގެ ދަށުން ކަމަށް ވާތީ އެވެ.

މި މައްސަލައިގެ ހުކުމް އިއްވަމުން ދިޔައިރު، ސަރްބްރެނީޗިއާގެ ގަތުލު އާންމުގައި ހުވަފަތްވި ބައެއް އަންހެނުންނާއި މަރުވި ބައެއް މީހުންގެ މަންމައިން، ކޯޓުގެ ބޭރުގައި ޓީވީން ޝަރީއަތް ބަލަން ތިއްބެވެ.

މިލަޑިޗްގެ މައްޗަށް ޝަރީއަތް ހިންގީ، ކުރީގެ ޔޫގޮސްލާވިއާގެ މައްސަލަތައް ބެލުމަށް އދ. މަޖިލީހުން އެކުލަވައިލި އިންޓަނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލުންނެވެ. މިލަޑިޗްގެ އިސްތިއުނާފް މައްސަލައާ މެދު ގޮތެއް ނިންމުމާއެކު އެ ކޯޓުގެ މުއްދަތު ވެސް ހަމަވީ އެވެ.