09 ޖޫން 2021 - 11:10

ރިއޯ ޑި ޖެނީރޯ (ޖޫން 9) - ބްރެޒިލްގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ހުއްޓުވުމަށް އެދި، ބްރެޒިލްގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
ބްރެޒިލްގެ އުއްތަމަ ފަނޑިޔާރު، ލުއިޒް ފުކްސް ވަނީ ކޯޓަށް މައްސަލަ ބަލައިގެންފައިވާކަން އަންގައިފަ އެވެ. އަދި އޭނާ ވަނީ މާދަމާ އަށް މައްސަލަ އެޖެންޑާކޮށްފަ އެވެ. އާދިއްތަ ދުވަހުގެ ރޭ ކޮޕާ އެމެރިކާ ބްރެޒިލްގައި ފެށުމަށް ވަނީ ތާވަލު ކޮށްފަ އެވެ.
ކޮލަމްބިއާ އާއި އާޖެންޓީނާގައި ކުރިން ބާއްވަން ތާވަލްކުރި މުބާރާތް ފަހުން އާޖެންޓީނާގައި އެކަނި ބާއްވާ ގޮތަށް ހަމަޖެއްސި އެވެ. އެއީ ކޮލަމްބިއާގެ ސިޔާސީ މަސްރަހާ ގުޅިގެން އެ މުބާރާތް އެ ގައުމުގައި ބޭއްވެނެ މާހައުލެއް ނެތުމުންނެވެ. ނަމަވެސް އާޖެންޓީނާގައި ކޮވިޑް-19 ގެ ބިރުވެރިކަން ބޮޑުވުމުން އެ ގައުމުގައި ވެސް މުބާރާތް ނުބޭއްވޭނެ ކަމަށް އެންގި އެވެ.
ދެކުނު އެމެރިކާ ފުޓްބޯޅަ އިދާރާއިން ނިންމީ ބްރެޒިލްގައި މުބާރާތް ބޭއްވުމަށެވެ. އެ ގައުމުގައި ވެސް ކޮވިޑް-19 ގެ ބިރުވެރިކަން އެބައޮތެވެ. ކޮވިޑް ޖެހިގެން ދުނިޔޭގެ އެންމެ ގިނަ މީހުން މަރުވި ގައުމުތަކުގެ ލިސްޓްގެ ދެ ވަނައިގައި އޮތީ ބްރެޒިލްގެ ނަމެވެ. ކޮވިޑް ވެކްސިން ޕްރޮގްރާމް އެ ގައުމުގައި ފުރިހަމަކޮށްފައި ވަނީ 25 ޕަސެންޓް މީހުންނެވެ.
ކޮޕާ އެމެރިކާ ބާއްވަން ބްރެޒިލް ސަރުކާރުން ހުއްދަ ދިނުމުން، އެ ގައުމުގެ އިދިކޮޅު ޕާޓީތައް ކަމަށްވާ ވޯކާސް ޕާޓީ އަދި ސޯޝަލިސްޓް ޕާޓީން ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ވެސް ކޮށްފަ އެވެ.
ކޮޕާ އެމެރިކާއާ މެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ދެ ފަރާތަކުންނެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ސްޕޯޓްސް މިނިސްޓަރު ކާމަން ލޫސިއާ ވެސް ހިމެނެ އެވެ.
މި ހާލަތުގައި ކޮޕާ އެމެރިކާ އެ ގައުމުގައި ބާއްވަން، ބްރެޒިލްގެ ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ދެކޮޅު ހަދަ އެވެ.