އެމްއެމްސީގެ މައުލޫމާތުތައް އާންމުކުރަން ކުއިޒެއް ފަށަނީ
އެމްއެމްސީގެ މައުލޫމާތުތައް އާންމުކުރަން ކުއިޒެއް ފަށަނީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މައުލޫމާތާއި ހިންގާ ހަރަކާތްތަކުގެ އިތުރުން އެހެނިހެން ކަންކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ކުއިޒެއް ފަށަން އެ ކައުންސިލުން ނިންމައިފި އެވެ.

މީޑިއާ ކައުންސިލުން ބުނީ، "މޯލްޑިވްސް މީޑިއާ ކައުންސިލް ކުއިޒް 2021" ގެ ނަމުގައި އެ ކުއިޒް ކުރިއަށް ގެންދާނީ އަންނަ ޖުލައި 1 އިން އެ މަހުގެ ނިޔަލަށް ކަމަށެވެ.

ކުއިޒު ބޭއްވުމުގެ ބޭނުމަކީ، އެމްއެމްސީގެ އާންމު މައުލޫމާތާއި މަސައްކަތްތަކާ ގުޅޭ ގޮތުން އާންމުންނަށް މައުލޫމާތު އެނގޭ ވަރު ދެނެގަތުން ކަމަށް އެމްއެމްސީން ބުންޏެވެ. އަދި އެ އިދާރާ އިން ހިންގާ ހަރަކާތްތަކާއި އެހެނިހެން ކަންކަމާ ގުޅޭ މައުލޫމާތު މި ކުއިޒު މެދުވެރިކޮށް ދިނުމަކީ ވެސް އެއް ބޭނުން ކަމަށް އެމްއެމްސީން ބުނެ އެވެ.

މީޑިއާ ކައުންސިލުން ބުނިގޮތުގައި، ކުއިޒުގައި ބައިވެރިވުމަށް މި މަހުގެ 15 ގައި ހުޅުވާލާނެ ކަމަށެވެ. ރަޖިސްޓަރީ ވާން ހުޅުވާލުމާއެކު އެމްއެމްސީގެ ފޭސްބުކް، އިންސްޓަގްރާމް އަދި ޓުވިޓާ މެދުވެރިކޮށް އެކަން އާންމު ކުރާނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

މި ކުއިޒަށް ރަޖިސްޓަރީ ކުރުމަށް ހުޅުވައިލާނީ އަންނަ މަހުގެ 15 ގެ ނިޔަލަށް ކަމަށާއި އެ މުއްދަތަށް ފަހު ރަޖިސްޓްރީ ކުރުން ބަންދު ވާނެ ކަމަށް އެމްއެމްސީން ބުންޏެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ކުއިޒުގެ ސުވާލުތައް އެމްއެމްސީގެ ރަސްމީ ފޭސްބުކް ޕޭޖުގައި، އެ ދުވަހެއްގެ މެންދުރު އެކެއް ޖަހާއިރު ޝާއިއުކުރާނެ އެވެ.