ލޮރެންޓޭ ކޮވިޑަށް ޕޮޒިޓިވްވެ ޔޫރޯގެ ކުރިން ސްޕެއިނަށް އިތުރު މައްސަލައެއް
ލޮރެންޓޭ ކޮވިޑަށް ޕޮޒިޓިވްވެ ޔޫރޯގެ ކުރިން ސްޕެއިނަށް އިތުރު މައްސަލައެއް

މެޑްރިޑް (ޖޫން) - ސްޕެއިންގެ ޑިފެންޑަރު ޑިއޭގޯ ލޮރެންޓޭ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޔޫރޯގެ ކުރިން ސްޕެއިންގެ ސްކޮޑަށް އިތުރު މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ.

މީގެ ކުރިން، ކެޕްޓަން ސާޖިއޯ ބުސްކެޓްސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭނާ ޕޮޒިޓިވް ވުމުން ސްޕެއިންގެ މުޅި ސްކޮޑް ކަރަންޓީނުވާން މަޖުބޫރުކުރި އެވެ.

ލީޑްސް ޔުނައިޓެޑްގެ ޑިފެންޑަރު ކޮވިޑަށް ޕޮޒިޓިވް ވުމުން އޭނާ އަށް ވެސް ވަނީ ސްކޮޑް ދޫކޮށް ދާންޖެހިފަ އެވެ. މިދިޔަ އާދިއްތަ ދުވަހު ބުސްކެޓްސް ޕޮޒިޓިވް ވުމުން ސްޕެއިންގެ އެހެން ކުޅުންތެރިން ވެސް ކޮވިޑަށް ޓެސްޓް ކުރި އެވެ. ނަމަވެސް އޭރު ޓެސްޓްތަކުން ދެއްކީ އެހެން ކުޅުންތެރިން ނެގެޓިވް ކަމަށެވެ.

ސްކޮޑް ކަރަންޓީނުވާން ޖެހުމުން، ލިތުއޭނިއާއާ ދެކޮޅަށް ސްޕެއިން ރޭ ކުޅުނު މެޗުގައި، ލިތުއޭނިއާގެ ސީނިއާ ޓީމާ ދެކޮޅަށް ނުކުތީ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމެވެ. ސްޕެއިންގެ ޓީމުން ވަނީ 4-0 އިން މޮޅުވެފަ އެވެ. އެ މެ ޗަކީ ޔޫރޯއަށް ތައްޔާރުވާން ސްޕެއިން ކުޅެން އޮތް އެންމެ ފަހު މެޗެވެ.

އެންރީކޭ ވަނީ، ޕްރިލިމިނަރީ ސްކޮޑްގައި އޭނާ ލިސްޓް ކުރި ކުޅުންތެރިންގެ ތެރެއިން ހަ ކުޅުންތެރިޔަކަށް ސްޕެއިންގެ ބަބުލްއާ ގުޅެން ފުރުސަތު ދީފަ އެވެ. އެއީ ޗެލްސީގެ ކީޕަރު ކެޕާ، ވިޔަރެއާލްގެ ޑިފެންޑަރު ރައުލް އަލްބިއޯލް، ލީޑްސްގެ ފޯވަޑް ރޮޑްރިގޯ މޮރޭނޯ، ވެސްޓްހަމްގެ ޕަބްލޯ ފޯނަލްސް، ވެލެންސިއާގެ ކާލޯސް ސޯލާ، ސެލްޓަ ވީގޯގެ ބްރައިސް މެންޑޭޒް އެވެ.

ސްޕެއިންގެ ސްޕޯޓްސް މިނިސްޓަރު ހޯޒޭ މެނައުލް ރޮޑްރިގޭޒް ވިދާޅުވީ، ސްޕެއިންގެ ކުޅުންތެރިން މިއަދު ވެކްސިން ޖަހާނެ ކަމަށެވެ.

ހުކުރު ދުވަހު ފަށާ، ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ. ސްވިޑެންގެ ޑެޔާން ކުލްސެވްސްކީ ޓީމުން ވެސް ދެ ކުޅުންތެރިޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.