08 ޖޫން 2021 - 22:44

މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހާއްސަ ރަށަކަށް، ހުޅުމާލެއާ ގުޅާލާފައިވާ ފަރުކޮޅުފުށި ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލުން މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރުދާނެ ހާއްސަ ތަނެއް ކަނޑައަޅާފައި ނެތުމުން، އެކަމަށް އެންމެ ރަނގަޅު ތަނަކީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސް ހިނގާ ފަރުކޮޅުފުއްޓެވެ.
ކައުންސިލްގެ އެ ވިސްނުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރައީސް މިއަދު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ފަރާތުން މާލޭ ރައްޔިތުން ދިރިއުޅޭ ތަނެއްގެ ގޮތުގައި ފަރުކޮޅުފުށި ކަނޑައެޅުމާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން އެމަނިކުފާނާ މަޝްވަރާ ކޮށްފައި ނުވާ ކަމަށާއި ސަރުކާރުގެ އެއްވެސް ފަރާތެއްގެ ސަމާލު ކަމަށް އެ މަސައްކަތް ގެނެސްފައި ނުވާ ކަމަށެވެ.
"ހުޅުމާލޭގައި އޮތް ބިމަކީ އެޗްޑީސީއަށް ދީ މިލްކުކޮށްފައި އޮތް ބިމެއް. އެތަނަށް އަމަލު ކުރާނެ ގޮތާއި ޕްލޭން އޮތީ ޗްޑީސީސން ރާވައި ނިންމާފައި. އެއަށް ބަދަލެއް ގެންނަ ކަމަށް ވާންޏާ އެޗްޑީސީ އާއި ސަރުކާރާ ވެސް މަޝްވަރާ ކުރަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރު ދާނެ ރަށެއް ކަނޑައެޅުމަކީ ސަރުކާރުން ވެސް ވެފައި އޮތް ވައުދެއް ކަމަށާއި އޭގެ އެއް މަސައްކަތަކީ މާލެ ކައިރީ އޮތް ބޭރުގެ ބަޔަކު ހިންގާ ރިސޯޓްގެ އެއްބައި ދިވެހިންނަށް ހާއްސަ ކުރުން ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން އެ މަސައްކަތް ހުއްޓިފައި އޮތް ނަމަވެސް އެހެން ރަށެއް ވެސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ހަމަޖެއްސި ފަރުކޮޅުފުއްޓަކީ މީގެ ކުރިން "ކްލަބް މެޑް" ރިސޯޓު ހިންގި ތަނެވެ. އެ ތަން ހުސްކުރީ ވެސް، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ހިއްކުމަށެވެ.
ފަރުކޮޅުފުށި އެންމެ ފަހުން ބޭނުންކުރީ ކޮވިޑު-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދޭނެ ފެސިލިޓީއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ޑިޓޮކްސް ފަރުވާ ދޭން ވެސް އެތަން ބޭނުންކުރި އެވެ.