ކޮވިޑް ޖެހުނީ 370 މީހަކަށް، ބަލިން އިތުރު 1369 މީހަކު ރަނގަޅުވި
ކޮވިޑް ޖެހުނީ 370 މީހަކަށް، ބަލިން އިތުރު 1369 މީހަކު ރަނގަޅުވި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 370 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށާއި އިތުރު 1369 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

އެޗްޕީއޭ އިން އާންމުކުރި އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 4،263 ސާމްޕަލެއް ނެގިއިރު ޕޮޒިޓިވްވީ 370 މީހެކެވެ. އޭގެ ތެރޭގައި ގިނައީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ.

މާލެއިން، 217 މީހަކާއި ރަށްރަށުން 148 މީހަކާ އެކު ރިސޯޓުތަކުން ހަތަރު މީހަކާއި ތަރައްގީ ކުރަމުން އަންނަ ރަށްރަށުން އެކަކު ޕޮޒިޓިވްވެފައިވެ އެވެ.

މިއާ އެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 68،872 އަށް އެރީ އެވެ. އަދި މިދިޔަ 24 ގަޑިއިރު ބަލިން ރަނގަޅުވި 1369 މީހުންނާ އެކު އެބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވެސް 51،213 އަށް އެރީ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 17،461 މީހެކެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ އަދަދު ވެސް އިއްޔެއަށް ވުރެ މިއަދު މަދެ އެވެ. އިއްޔެ 164 މީހަކަށް ފަރުވާދިނެވެ. މިއަދު އެ އަދަދު އުޅެނީ 152 ގަ އެވެ.

ރާއްޖޭގައި މިބަލި ފެތުރޭތާ މިވީ އެއް އަހަރުގެ ތެރޭގައި ޖުމްލަ 189 މީހަކު ބަލީގައި މަރުވި އެވެ. މިދިޔަ މަހަކީ އޭގެ ތެރެއިން އެންމެ ގިނަ މަރު ރިޕޯޓްކުރި މަހެވެ.