އެމްޕެކްގެ ފުރަތަމަ ޕަބްލިކް އިވެންޓް ބާއްވައިފި
އެމްޕެކްގެ ފުރަތަމަ ޕަބްލިކް އިވެންޓް ބާއްވައިފި

ރާއްޖޭގެ ތިންކް ޓޭންކެއް ކަމަށްވާ މޯލްޑިވްސް ޕޮލިސީ އެޑްވޮކަސީ ކޯކަސް (އެމްޕެކް) ގެ ފުރަތަމަ ޕަބްލިކް ބައްދަލުވުން ބާއްވައިފި އެވެ.

އޮންލައިންކޮށް ބޭއްވި މި ބައްދަލުވުން އޮތީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އެމްޕެކް އަކީ ރާއްޖޭގެ އިގްތިސާދައި އިޖްތިމާއި އަދި ސިޔާސީ ކަންކަމުގެ ޕޮލިސީތައް ދިރާސާކޮށް، އެކަމާބެހޭ ކަރުދާސް ލިޔެ ތައްޔާރުކުރުމާއި އެފަދަ ތަކެތި އާންމުންނާއި ހިއްސާކުރުމަށް އުފައްދާފައިވާ ތިންކް ޓޭންކެކެވެ. މި ތިން ޓޭންކް އުފެއްދީ މި އަހަރު ޖެނުއަރީގަ އެވެ.

ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާކުރީ ޖަޒީރާ ރަށްތަކާއި ބިން ބެދިފައި ހުންނަ ގައުމުތަކުގައި ޕޮލިސީ އެނަލަސިސް ހެދުމުގައި ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުންނެވެ.

މި ބައްދަލުވުމުގައި ޔުނިވާސިޓީ އޮފް ބްރެޑްފަޑްގެ ޕްރޮފެސާ އޮފް ޕަބްލިކް ޕޮލިސީ އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އަދި ހެޑް އޮފް ޕީސް ސްޓަޑީސް އެންޑް އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް ޕްރޮފެސަރު، ޕީ.ބީ. އާނަންދު ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވި އެވެ.

"ޖަރީރާ ރަށްތަކާއި ބިން ބެދިފައި ހުންނަ ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީ އަށް ކުރަމުން އަންނަ މަސައްކަތްތަކާއި އެ މަސައްކަތަކަށް ހުރި ހުރަސްތަކާއި މި ކަންކަމުގެ ސަބަބުން އިޖުތިމާއީ ގޮތުން އުފެދޭ ބައެއް މައްސަލަތަކާ ބެހޭގޮތުން ޕްރޮފެސާ އާނަންދު ވަރަށް ތަފުސީލުކޮށް ގިނަ ވާހަކަތަކެއް ދެއްކެވި،" އެމްޕެކުގެ މެނޭޖިން އެޑްވޮކެޓް އާތިފް ޝަކޫރު ވިދާޅުވި އެވެ.

އެމްޕެކްގެ ކައުންސިލް އޮފް އެޑްވޮކޭޓްސްގައި ޗެއާ ޕްރޮފެސަރު ހަސަން އުގެއިލްގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ޑރ. މަރިޔަމް ޒުލްފާ، ޢަބްދުﷲ ކަމާލުއްދީން، ޑރ. ފަޒީޒް ނަޖީބު، ޑރ. އަބަދުއްސައްތާރު ޔޫސުފް، ޑރ. މަރިޔަމް ޝަކީލާ، ޑރ. މަހުމޫދް ޝައުގީ އަދި މެނޭޖިން އެޑްވޮކެޓް އިބްރާހިމް އާތިފް ޝަކޫރު އެވެ.

މި ވަގުތު އެމްޕެކުން ޕޮލިސީ ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާ ދާއިރާތަކުގެ ތެރޭގައި، މަތީ ތައުލީމްގެ ސިޔާސަތު އަދި މަންހަޖް، ރާއްޖޭގް ސްޕެޝަލް ސިޔާސަތު، ޕްރައިމަރީ ހެލްތު ކެއާގެ މުހިންމުކަން، ރާއްޖެ އަށް އެންމެ އެކަށޭނެ ގަވަނަންސް ސިސްޓަމް، ތަރައްގީގައި ސައެންސް އެންޑް ޓެކްނޮލޮޖީގެ ދައުރު އަދި ރާއްޖޭގެ އިގްތިސާދުގެ ދިރާސާތަކެއް ވެސް ހިމެނެ އެވެ.

އެމްޕެކްގެ ޕޮލިސީ އެނަލަސިސް އަދި ޕޮލިސީ އެޑްވޮކަސީގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން މަސައްކަތް ކުރެވެމުންދާ ކަރުދާސްތައް ތައްޔާރު ކުރެވެމުންދާއިރު، ކޮންމެ މަހަކު އެއް ފަހަރު މިފަދަ ޕަބްލިކް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

އެމްޕެކްގެ މެންބަރަކަށް ވުމުގެ ފުރުސަތު ވެސް މިހާރު އޮތީ އާންމުކޮށް ހުޅުވާލައިފަ އެވެ. މެންބާޝިޕް އެޕްލިކޭޝަން ފޯމް އެ ފަރާތުގެ ވެބްސައިޓް mpac.ac އިން ލިބޭނެ އެވެ.