08 ޖޫން 2021 - 20:54

މި ސަރުކާރުން އިއުލާނުކޮށްފައިވާ އެންމެ ބޮޑު މަޝްރޫއު، މާލެ-ތިލަފުށި ބްރިޖްގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި، މާލެ އާ ގުޅާލާ ބްރިޖު ބިޑްކޮށް އިވެލުއޭޝަން އޮތީ ނިމުމަކާ ހިސާބުގައި ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން ބްރިޖުގެ އަމަލީ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ބްރިޖުގެ މަސައްކަތް ލަސްވެގެން ދިޔައީ ކޮވިޑްގެ ބަލިމަޑުކަމާ ހެދި އެވެ.
މިއީ އިންޑިއާގެ މާލީ އެހީގައި އަޅާ ބްރިޖަކަށް ވާތީ މި މަޝްރޫއަށް ކުރިމަތިލެވޭނީ އިންޑިއާ ކުންފުނިތަކަށް އެކަންޏެވެ. އެހެންވެ ފިނޭންސް މިނިސްޓްރީން މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އާންމުކޮށް ބިޑަށް ހުޅުވާލުމުގެ ބަދަލުގައި އިންޑިއާގެ އެގްޒިމް ބޭންކުން ޕްރީކޮލިފައިވާ ކުންފުނިތަކަށް ހުޅުވާލައިގެންނެވެ.
ރައީސް ވިދާޅުވީ ފާއިތުވި ދެ މަހެއްހާ ދުވަހު އިންޑިއާގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ދިއުމާ އެކު އެގްޒިމް ބޭންކާ އެކު ބާއްވަން ޖެހޭ ބައްދަލުވުންތައް ވެސް ލަސްވި ކަމަށެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަނީ އެގްޒިމް ބޭންކާ އެކު ވެފައިވާ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި މި ބްރިޖްގެ މަސައްކަތް ދެ އަހަރު ތެރޭގައި ނިންމޭނެ އެވެ.
- ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރީން ވިއަޑެކްޓެއް ހެދުން
- ތިލަ ހިސާބުތަކުގަ އާއި އެއްގަމު ސަރަހައްދުތަކުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑެކްޓް ހެދުން
- ރަށްރަށުގައި 2.96 ކިލޮމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހެދުން
- ރަށްރަށުގެ މެދުގައިވާ ކަނޑުގައި 140 މީޓަރުގެ ތިން ނެވިގޭޝަން ބްރިޖެއް ހެދުން
- ވިލިމާލެ ލޭންޑް އިންޓަޗޭންޖް ސަރަހައްދުގައި ސިގްނަލައިޒްޑް ޖަންކްޝަން ހެދުން
- ގުޅިފަޅާއި ތިލަފުށީގައި ރައުންޑްއަބައުޓްތަކެއް ހެދުން
- ކޮންމެ ރަށެއްގެ ބްރިޖް ޖަންކްޝަން ކައިރި ބަސް ޓާމިނަލެއް ހެދުން
- ލޭމްޕް ޕޯސްޓާއި ބްރިޖްގެ ޕަރަޕެޓްގައި ސޯލާ ޕެނަލްސް ހަރުކުރާނެ
ބްރިޖް އެޅުމުގެ މަސައްކަތް ކުރުމަށް ބިޑަށް ހުޅުވާލި އިރު ބްރިޖް އެޅުމުގެ ކުރިން ކުރަންޖެހޭ ސާވޭގެ މަސައްކަތް ނެދަލޭންޑްސްގެ ފުގްރޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކޮށްގެން އަންނަނީ ކުރަމުންނެވެ. ފަނަރަ މިލިއަން ޑޮލަރަށް ހަވާލުކުރި އެ މަސައްކަތް އަންނަ ޖުލައި މަހަށް ނިންމަން ޖެހެ އެވެ.