08 ޖޫން 2021 - 20:38

ކޮވިޑާ ގުޅިގެން ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތްނުކުރާ ގޮތަށް ހަމަޖައްސާފައިވާ މުއްދަތު ހަފްތާއެއްގެ ނިޔަލަށް އިތުރުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މި މުއްދަތުގައި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ތަބާވުމަށާއި، އެ އެޖެންސީގެ އެންގުންތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ.
މިގޮތުން ގޭގައި ތިބެގެން މުވައްޒަފުންނަށް ކުރެވެން ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، ސަރުކާރުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ނަމަވެސް ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން އޮފީހަށް ހާޒިރުވާން ޖެހިއްޖެ ނަމަ އެ އިދާރާގެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތުގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތްކުރެވޭނެ ކަމަށާއި، މަސައްކަތް ކުރެވޭނީ އެޗްޕީއޭ އިން ކަނޑައަޅާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގައި ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންދާތީ އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން ސަރުކާރުން ދޭ ހިދުމަތްތަކާއި ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި، ކާފިއުގެ ވަގުތު އިތުރުކުރުމާއި، ބޭރަށް ނުކުންނަން ހުއްދަ ދީފައިވާ ވަގުތުތަކުގައި ވެސް ފާހެއް ނުވަތަ ފުލުހުންގެ ހުއްދަ ނެތި ނުނިކުމެވޭ ގޮތަށް ވަނީ ގައިޑްލައިންތަކެއް ކަނޑައަޅައިފަ އެވެ.
މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ފިޔަވަޅުތައް އިތުރު ހަފްތާއެއްގެ މުއްދަތަކަށް ދަމަހައްޓަން ވަނީ ނިންމައިފަ އެވެ.