އެމްޑީޕީގެ ކޯޅުންތަކަށް ރައީސް ވިދާޅުވީ މިއީ ހަލަބޮލި ކުރަންވީ ވަގުތު ނޫން ކަމަށް
އެމްޑީޕީގެ ކޯޅުންތަކަށް ރައީސް ވިދާޅުވީ މިއީ ހަލަބޮލި ކުރަންވީ ވަގުތު ނޫން ކަމަށް

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާއެއް ދީގެން ތަހުގީގުތައް ހިނގަމުންދާ ދަނޑިވަޅެއްގައި އެމްޑީޕީގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ޖެހި، ދެ ފަރާތަށް ބަހުގެ ހަމަލާތައް ދޭތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިދިޔަ މަހު ހައެއްގައި ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގާ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރުކުރަން އެމްއެންޑީއެފުން ދެކޮޅު ހެދި މައްސަލަ ބަލަން އިމްތިޔާޒާއި ސުލޫކް ކޮމިޓީ އަށް ފޮނުވާފައި ވަނިކޮށް، އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެކަމާ ދެކޮޅަށް ވޯޓު ދެއްވައި އެ މައްސަލަ ބޭރުކޮށްލައްވައިފަ އެވެ.

އެ މައްސަލަ އެމްޑީޕީގެ ތެރޭގައި ހޫނުވެފައި ވަނިކޮށް، ތަހުގީގަށް ހުރަސް އަޅުއްވަން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ނަޝީދު ވަނީ ރައީސްގެ އިސްތަށިފުޅުގައި އަޅުއްވައިފަ އެވެ. އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މެދުވެރި ކުރައްވައި އެ ޕާޓީގެ ގައުމީ މަޖިލިސްގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އޮތީ ސިފައިން މަޖިލީހަށް ހާޒިރުވިޔަ ނުދޭން މަސައްކަތް ކުރައްވަނީ ސީދާ ރައީސް ލޮބީ ކުރައްވައިގެން ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

"މިއީ ރައީސް ނަޝީދު. ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 އަށް ހާޒިރުވިޔަ ނުދޭން ތިޔަ މަސައްކަތް ކުރައްވާ ސަބަބެއް އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ. ކޮން ކަމެއްތޯ ސިއްރު ކުރައްވަން ތިޔަ އުޅުއްވަނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވުމާ އެކު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ އިސް މެންބަރުންނާއި ސަޕޯޓަރުން އަންނަނީ ސަރުކާރާއި ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލަ އަށް އިޝާރާތް ކުރައްވައި، ރައީސް ވިދާޅުވީ މެއި ހައެއްގެ ޓެރަރިޒަމް ހަމަލާއަކީ ރާއްޖޭގައި މިހާތަނަށް ހިނގާފައި ނުވާ ފަދަ ނުރައްކާތެރި ހަމަލާއެއް ކަމަށާއި ނަމަވެސް އޭގެ ވަށައިގެން ހުރި ކަންކަމާއި އެކި ދިމަދިމާލަށް ސަމާލުކަން ގެންގޮސް މުޅި މައްސަލައިގެ އަސްލު މިހާރު ގެއްލޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

"މިއީ ސިޔާސީ ހަލަބޮލި ކަމުގެ ތެރެއަށް ދާންވީ ވަގުތެއް ނޫން. ރާއްޖޭގައި އެބަހުރި އެއަށް ވުރެ މާ ބޮޑެތި ކަންކަން ހައްލު ކުރަން. އަޅުގަނޑުގެ އެދުމަކީ އެކަމަށް އަމާޒު ހިފައިގެން ކުރިޔަށް ވަޑައިގަތުން،" ރައީސް ވިދާޅުވި އެވެ.

ހަމަލާ ދިން ބަޔަކާއި، ހަމަލާ ދިނީ ކޮން ބަޔަކު ބުނެގެންތޯ އަދި އެހެން މަގްސަދެއްގައި ކޮށްފައި އޮތް ކަމެއްތޯ ވެސް ބަލައި މުޅި ގައުމު އެކަމުން ސަލާމަތް މަސައްކަތްކުރަން ޖެހޭ ކަމަށާއި ނަމަވެސް މިހާރު ފެންނަނީ އެއިން ނެއްޓި މުޅިން އެހެން ދިމާލަކަށް އަމާޒު ހިފާފައި ހުރި ތަން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެން ނަހައްދަވަން އަޅުގަނޑު ހުރިހާ ބޭފުޅުންގެ ކިބައިން ވަރަށް ބޮޑަށް އެދެން،" ރައީސް ވިދާޅުވި އެވެ.

މި ގައުމު ސަލާމަތް ކުރަން މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި ސަރުކާރާއި ރައްޔިތުންގެ މަޖިލިސް އެކީގައި މަސައްކަތް ކޮށްގެން ކުރެވެން ހުރި ވަރަށް ބައިވަރު ކަންކަން އެބަހުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އައިއީޑީއެއް ގޮއްވާލައިގެން ނަޝީދަށް ދިން ހަމަލާގައި އެ މަނިކުފާނު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. ރާއްޖޭން ފަރުވާ ހޯއްދެވުމަށް ފަހު މިހާރު ހުންނެވީ އިތުރު ފަރުވާ އަށް ޖަރުމަނުވިލާތުގަ އެވެ.