08 ޖޫން 2021 - 16:05

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ ހަ މަސް ދުވަހުގެ ތެރޭގައި ދެވަނަ ޑޯޒް ޖެހުމުގައި މައްސަލައެއް ނެތް ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭ އިން އާންމުކުރި އިއުލާނެއްގައި ބުނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭނުންކުރަމުންދާ އަންނަ ކޮވިޝީލްޑް/ އެސްޓްރަޒެނެކާ ވެކްސިން އުފެއްދުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އެ ވެކްސިން ލިބުމަށް ދަތިވެފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ، ވެކްސިން ލިބުމުގައި ހުރި ދަތިތަކާ ހެދި މިހާތަނަށް ހަދާފައިވާ ދިރާސާތަކަށް ބަލައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އެ ވެކްސިންގެ ދެވަނަ ޑޯޒް ހަ މަސް ދުވަހަށް ފަސްކުރުމާ ގުޅޭގޮތުން އަމަލުކުރާނެ ގޮތުގެ ލަފައެއް އާންމުކޮށްފައި ކަމަށެވެ. އޭގައި ވަނީ ދެވަނަ ޑޯޒް ހަ މަސް ދުވަހުގެ ތެރޭގައި ޖެހިދާނެ ކަމަށެވެ.
އެހެންވެ، އެ ލަފާގައިވާ ގޮތަށް ދެވަނަ ޑޯޒް ހަ މަސް ދުވަހުގެ ތެރޭގައި ޖެހޭނެ ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ލަފާދޭ ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ރާއްޖޭގައި އެގޮތަށް އަމަލުކުރަން ނިންމި ނަމަވެސް ރާއްޖެއަށް ވެކްސިން ލިބުނުހާ އަވަހަށް އެ ވެކްސިން ޖަހާނެ އެވެ.
ކޮވިޝީލްޑް ވެކްސިން ލިބުމަށް ދަތިވެ، މިދިޔަ މެއި މަހުގެ ހަތަރު ވަނަ ދުވަހު ވަނީ ރާއްޖޭގައި އެ ވެކްސިން ޖެހުން މެދުކަނޑާލައިފަ އެވެ. ރާއްޖެ އިން ގިނަ ބަޔަކު ވަނީ މި ވެކްސިން ޖަހައިފަ އެވެ. ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދެމުން އައީ 8-12 ހަފުތާއާ ދެމެދުގަ އެވެ.
މީގެ ކުރިން ޑޮކްޓަރުން ބާރު އަޅަމުންް އައީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި ފަހުން އަށް ހަފުތާ ވި މީހުން ވީ އެންމެ އަވަހަށް ވެކްސިންގެ ދެވަނަ ޑޯޒު ޖެހުމަށެވެ. ވެކްސިން ޖެހުން ލަސްވާ ނަމަ ހަށިގަނޑުގެ ދިފާއުގެ މިންވަރު ދަށަށް ދާނެ ކަމަށް ޑޮކްޓަރުން ބުނެފައިވެ އެވެ.
ކޮވިޝީލްޑަކީ ސިންގަޕޫރުގެ އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާގެ މައްޗަށް ތައްޔާރުކުރަމުން އަންނަ ވެކްސިނެކެވެ. ސަރުކާރުން އެސްޓްރަޒެނެކާ ވެކްސިން ހޯދައި، އެ ވެކްސިން، ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހިފައި ތިބި މީހުންނަށް ދިނުމަށް ވެސް ނިންމާފައިވެ އެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ކުރިން ވިދާޅުވެފައިވާ ގޮތުގައި އެސްޓްރަޒެނެކާ ވެކްސިންގެ ދެ ލައްކައެއްހާ ޑޯޒް މި މަހުގެ ފަހުކޮޅު ލިބޭނެ އެވެ.
ރާއްޖެއިން މިހާތަނަށް 312،133 މީހަކު ވެކްސިންގެ ފުރަތަަމަ ޑޯޒް ފުރިހަމަކޮށްފައިވެ އެވެ. އޭގެ ތެރެއިން 173،291 މީހަކު ވެކްސިން ފުރިހަމަކޮށްފީ ނަމަވެސް ލައްކައަކަށް ވުރެ ގިނަ ބަޔަކު ތިބީ ކޮވިޝީލްޑް ވެކްސިން ނެތިގެން ވެކްސިން ފުރިހަމަ ނުކުރެވިފަ އެވެ.