ހިޖްރަކުރާ މީހުންނަށް ކަމަލާ: އެމެރިކާއަށް ނާދޭ
ހިޖްރަކުރާ މީހުންނަށް ކަމަލާ: އެމެރިކާއަށް ނާދޭ

އެޖެންޑާގެ އެންމެ އިސް ކަމެއްގެ ގޮތުގައި، އެމެރިކާ އަށް ހިޖްރަ ކުރާ މީހުންގެ މައްސަލަ ހިމަނުއްވައިގެން، އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް، މެދުތެރޭ އެމެރިކާގެ ދެ ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފި އެވެ.

ކަމަލާގެ މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން، ގުއަޓެމާލާ އަށް އިއްޔެ ވަޑައިގެން އެ ގައުމުގެ ރައީސް އަލެސަންދްރޯ ގިއަންމަޓޭއާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި އެވެ. ދެ ބޭފުޅުން އެކުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ކަމަލާ ވިދާޅުވީ، ގުއަޓެމާލާ އާއި ހޮންޑިއުރަސް އަދި އެލް ސަލްވަޑޯގެ ރައްޔިތުން، ދަތުރު ހަދައިގެން އެމެރިކާގެ ބޯޑަރު ކައިރިއަށް އަންނަން އެއްވެސް ބަޔަކު ހިއްވަރު ދީގެން ނުވާނެ ކަމަށެވެ.

"އެމެރިކާގެ ގާނޫނުތައް ތަންފީޒުކޮށް އަހަރެމެންގެ ބޯޑަރުތައް އަހަރެމެން ހިމާޔަތް ކުރާނަން. ކަލޭމެން އަހަރެމެންގެ ބޯޑަރު ކައިރިއަށް އަޔަސް، ކަލޭމެން އަނބުރާ ފޮނުވައިލާނަން. އެމެރިކާ އަށް ނާދޭ،" ކަމަލާ ވިދާޅުވި އެވެ.

ފަގީރުކަމާއި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ގައުމު ދޫކޮށް، އެމެރިކާ އަށް ހިޖްރަކުރާ އެންމެ ގިނަ މީހުންނަކީ ގުއަޓެމާލާ އާއި ހޮންޑިއުރަސް އަދި އެލް ސަލްވަޑޯގެ މީހުންނެވެ. އެމެރިކާ އަށް ހިޖްރަކުރާ މީހުން އެ ގައުމަށް އެތެރެވުން ހުއްޓުވުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރަށް އަންނަނީ ފިއްތުންތައް ކުރިމަތިކުރަމުންނެވެ.

ކަމަލާ ވިދާޅުވި ގޮތުގައި ގުއަޓެމާލާގެ އުތުރު އަދި ދެކުނު ބޯޑަރު ހުރަސްކޮށް ގުއަޓެމާލާ އިން ހިޖްރަކުރާ މީހުންގެ މައްސަލަ ހައްލުކުރުމަށް، ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް މިހާރުވަނީ އެއްބަސްވެވިފަ އެވެ.

އޭގެ އިތުރުން، އިންސާނުން ޓްރެފިކް ކުރުމާއި މަސްތުވާތަކެތީގެ ވަގު ވިޔަފާރި ހުއްޓުވުމާ ގުޅޭ ގޮތުން ވެސް، ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

މީގެ އިތުރުން، އިންސާނުން ޓްރެފިކް ކުރުމާއި މަސްތުވާތަކެތީގެ ވަގު ވިޔަފާރި ހުއްޓުވުމާ ބެހޭ ޓާސްކް ފޯހަކާއި، ކޮރަޕްޝަން ހުއްޓުވުމާ ބެހޭ ޓާސްކް ފޯހެއް އުފައްދައި، ގުއަޓެމާލާ ސަރުކާރުގެ ކަމާ ގުޅޭ ދާއިރާތަކުން މީހުން ތަމްރީން ކޮށްދިނުމަށް ވެސް އެމެރިކާ އިން މިހާރު ނިންމާފައިވާ ކަމަށް ކަމަލާ ވިދާޅުވި އެވެ.

ކޮވިޑް ބަލި ކޮންޓްރޯލް ކުރުމަށް ގުއަޓެމާލާ ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާ އިން 500000 ޑޯޒް ވެކްސިން އާއި 26 މިލިއަން ޑޮލަރު ދޭނެ ކަމަށް، ކަމަލާ ވިދާޅުވި އެވެ.

ގުއަޓެމާލާގެ އަމިއްލަ ޖަމިއްޔާތަކުން ބުނާ ގޮތުގައި އެގައުމުގައި މިހާރު ހުރި އިޖްތިމާއީ މައްސަލަތަކުގެ ތެރއިން އެންމެ ކަންބޮޑުވާ މައްސަލައަކީ، މުޅި ގައުމުގައި ފެތުރިފައި އޮތް ކޮރަޕްޝަންގެ މައްސަލަ އެވެ.

ސަރުކާރު ތެރޭގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކި، ދެ ގާނޫނީ ވަކީލަކު، ގުއަޓެމާލާ ސަރުކާރުން މިދިޔަ މަހުގެ ތެރޭގައި ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮރަޕްޝަނާ ދެކޮޅު ޖަމިއްޔާތަކުން ބުނި ގޮތުގައި އެމީހުން ހައްޔަރުކުރީ، ކޮރަޕްޝަނާ ދެކޮޅަށް އުފުލާ އަޑުތައް ކަނޑުވައިލުމުގެ ބޭނުމުގަ އެވެ.

ކަމަލާގެ މި ދަތުރުފުޅުގައި ގުއަޓެމާލާގެ ބައެއް އަމިއްލަ ޖަމިއްޔާތަކާއި ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ފަހު، މިއަދުގެ ވަގުތެއްގައި މެކްސިކޯ އަށް ވަޑައިގެން އެ ގައުމުގެ ރައީސް އަންދްރޭ މެނުއަލް ލޮޕޭޒްއާ ބައްދަލުކުރައްވާނެ އެވެ.