ކޮވިޑް ބަލިމީހުން ދެނެގަންނަން މެލޭޝިޔާގައި ޑްރޯން ބޭނުންކުރަނީ
ކޮވިޑް ބަލިމީހުން ދެނެގަންނަން މެލޭޝިޔާގައި ޑްރޯން ބޭނުންކުރަނީ

މެލޭޝިޔާގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން، އާންމު ތަންތާނގައި އުޅޭ މީހުންގެ ހުން ބެލުމަށް ޑްރޯން ބޭނުންކުރަން ފަށައިފި އެވެ.

މިކަމަށް މެލޭޝިޔާ ފުލުހުން ބޭނުންކުރާ ޑްރޯންތަކަކީ، 20 ފޫޓު އުހުގައި އޮވެގެން ވެސް، ބިންމަތީގައި ތިބޭ ވަކިވަކި މީހުންގެ ހަށިގަނޑުގެ ހޫނުމިން ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯނެކެވެ. މެލޭޝިޔާގެ ރަސްމީ ނޫސް އޭޖެންސީ، ބަރްނާމާ އިން ބުނި ގޮތުގައި މަގުމަތީގަޔާއި އާންމު ތަންތާނގައި އުޅޭ އެއްވެސް މީހެއްގެ ހަށިގަނޑުގެ ހޫނިމިން، އާދައިގެ ވަރަށް ވުރެ މަތީގައި ހުރެއްޖެ ނަމަ، ޑްރޯން އިން ކަމާގުޅޭ އިދާރާއަށް އެކަމުގެ މެސެޖް ވަގުތުން ފޮނުވާނެ އެވެ.

މިއަހަރު ފެށުނު އިރު، ކޮވިޑް-19ގެ ބަލިމަޑުކަން ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވެފައި އޮތުމަށް ފަހު، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވާން ފެށުމާއެކު، މިދިޔަ ހަފުތާއިން ފެށިގެން، މުޅި މެލޭޝިޔާ ކަހަލަ ގޮތަކަށް ވަނީ ފުރަބަންދު ކޮށްފަ އެވެ. އޭރު އެވްރެޖް ގޮތެއްގައި ދުވާލަކު 9000 މީހުން އެ ބައްޔަށް ޕޮޒިޓިވަމުން އައެވެ.

ފުރަބަންދުގެ ހާލަތު އިއުލާން ކުރި ފަހުން، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ދަށް ވާން ފަށައިފި އެވެ. ހެލްތު ޑިރެކްޓަ ޖެނެރަލް ނޫރް ހިޝާމް ވިދާޅުވި ގޮތުގައި މިފަހުން ބަލި ޖެހުނު ގިނަ މީހުންނަކީ، ވަކި މީހަކާ ކޮންޓެކްޓްވެގެން ކަން އެނގެން ނެތް މީހުންނެވެ. ސަބަބަކީ، މިހާރު މެލޭޝިޔާގައި ފެތުރެމުން ދަނީ، ކޮވިޑް-19ގެ ފަހުގެ ބާވަތްތައް ކަމަށް ވާތީ އެވެ.

ކޮވިޑް-19ގެ ބީޓާ ބާވަތާއި ޑެލްޓާ ބާވަތުގެ ވައިރަސް ހަށިގަނޑަށް ވަނުމުން ބަލީގައި ބޮޑުވަރުވާ ނިސްބަތް ވެސް އަދި މަރުވާ ނިސްބަތްވެސް، އޭގެ ކުރީގެ ބާވަތާ އަޅައި ބަލާއިރު ވަރަށް ބޮޑަށް އިތުރެވެ.

މެލޭޝިޔާގައި މިހާރު އިއުލާންކޮށްފައިވާ ފުރަބަންދުގެ ތެރޭގައި، ގެއަށް ބޭނުންވާ އަސާސީ ތަކެތި ގަތުމަށްޓަކައި ކޮންމެ ގޭބިސީއަކުން ވެސް ބޭރަށް ނުކުމެވޭނީ ހުއްދަ ދީފައިވާ ދެ މީހަކަށެވެ. އެއާއެކު، ކުޅިވަރުގެ އެއްވެސް ހަރަކާތެއް ހިންގުން މަނާކޮށްފައި ވުމުގެ އިތުރުން، ސްކޫލްތަކާއި ޝޮޕިން މޯލްތައް ވަނީ ބަންދުކޮށްފަ އެވެ.

އަދި ސިނާއީ މަސައްކަތްކުރާ ތަންތަން ހިންގުން ހުއްދަ ދީފައިވަނީ، ވީ އެންމެ މަދު އަދަދަކަށް މުވައްޒަފުން ނެރެގެންނެވެ.

ފުރަބަންދުގެ ތެރޭގައި މަގުމަތީގައި މީހުން އުޅޭތޯ ބެލުމަށް ވެސް، މެލޭޝިޔާ ފުލުހުން މީގެ ކުރިން ޑްރޯން ބޭނުންކޮށްފައިވެ އެވެ. އަދި ބައެއް ގޭގެއަށް ފުލުހުން ވަދެ، ފުރަބަންދުގެ އުސޫލުތައް ތަންފީޒު ކުރޭތޯ އާއި، ގޭގައި ދިރިއުޅޭ އެއްވެސް މީހަކު ބޭރުގައި އުޅޭތޯ ބަލައި ފާސްކުރުމުގެ ޕްރޮގްރާމެއް ވެސް ހިންގާފައިވެ އެވެ.

ކޮވިޑް ބަލި ކޮންޓްރޯލް ކުރުމުގައި އެންމެ ފުރަތަމަ ޑްރޯން ބޭނުން ކުރަން ފެށީ، މިދިޔަ އަހަރު ޗައިނާގަ އެވެ.

މަގުމަތީގައި ހޭންޑް ސެނިޓައިޒަ ސްޕްރޭ ކުރުމަށާއި، މަގުމަތީގައި އުޅޭ މީހުން ގެއަށް ވަންނަން އެންގުމަށް ވެސް، ޗައިނާގެ ބައެއް ހިސާބުތަކުގައި ޑްރޯން ބޭނުންކޮށްފައިވެ އެވެ.