ކެނެޑާގެ މުސްލިމް އާއިލާއަކަށް ހަމަލާދީ ހަތަރު މީހަކު މަރާލައިފި
ކެނެޑާގެ މުސްލިމް އާއިލާއަކަށް ހަމަލާދީ ހަތަރު މީހަކު މަރާލައިފި

ކެނެޑާގެ އޮންޓާރިއޯ ޕްރޮވިންސްގައި ދިރިއުޅޭ މުސްލިމް އާއިލާއެއްގެ ބަޔަކު، މަގު ހުރަސްކުރަނިކޮށް، ބޮޑު ލޮރީއަކުން ޖައްސައި، އޭގެ ތެރެއިން ހަތަރު މީހަކު މަރާލައިފި އެވެ.

އޮންޓާރިއޯގެ ފުލުހުން ބުނި ގޮތުގައި މިދިޔަ އާދީއްތަ ދުވަހު ހަވީރު ހިނގި އެ ހާދިސާގައި، މުސްލިމް އާއިލާގެ އުމުރުން ނުވަ އަހަރުގެ ފިރިހެން ކުއްޖަކު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. މުސްލިމް އާއިލާއެއްގެ ބަޔަކު، އޮންޓާރިއޯގެ ލަންޑަން ސިޓީގެ މަގެއް ހުރަސްކުރަންވެގެން މަގުގެ އެއް ފަރާތުގައި މަޑުކޮށްލައިގެން ތިއްބާ، އެމީހުންގެ ގައިގައި ލޮރީން ޖެއްސީ، އެއީ މުސްލިމް ބައެއްކަން އެނގިގެން ގަސްދުގައި ކަމަށް ފުލުހުން ބުނެ އެވެ.

މި ނުބައި ޖަރީމާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، މިއީ މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމަށް ކެނެޑާގައި ހިންގާ ފިކުރީ އޮއިވަރުގެ ހިތި ނަތީޖާކަމަށް ވެސް ފުލުހުން ބުނެ އެވެ. މި ހާދިސާގައި މަރުވީ، ޕާކިސްތާނަށް ނިސްބަތްވާ އާއިލާއެއްގެ، 77 އަހަރާއި 44 އަހަރުގެ ދެ އަންހެނަކާއި، 46 އަހަރުގެ ފިރިހެނަކާއި 15 އަހަރުގެ އަންހެން ކުއްޖެކެވެ.

"މިއީ ނަފްރަތުގެ ވާހަކަތަކުން ހިއްވަރު ލިބިގެން، ދުރާލައި ރާވައިގެން ގަސްދުގައި ކުރި ކަމެއް ކަމުގެ ހެކި ލިބިފައި އެބަހުރި. މިހާތަނަށް ގަބޫލުކުރެވޭ ގޮތުގައި އެ މީހުންނަށް ހަމަލާ ދިނީ އެއީ މުސްލިމުން ކަމަށް ވާތީ. މިމައްސަލައިގައި ހައްޔަރުކުރި ނަތާނިއަލް ވެލްޓްމެން އަކީ، މިއާއިލާގެ މީހުން ދަންނަ ބައެއް ނޫން،" ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ލަންޑަން ސިޓީގެ ފުލުހުންގެ ތަރުޖަމާނު ޕޯލް ވެއިޓް ބުނެފައިވެ އެވެ.

މި ހަމަލާ ދީފައި މިވަނީ، މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމުގެ ވާހަކަތައް އާންމުވެ އެކަމުން ހިއްވަރު ލިބިގެން، މުސްލިމުންނަށް ހަމަލާ ދިނުން ކެނެޑާގައި އިތުރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އަދި ދީނީ-ނަސްލީ ދިމާކުރުންތައް ހުއްޓުވައިދިނުމަށް އެދި ކެނެޑާ ސަރުކާރަށް ގޮވާލާ އަޑުތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މި ހާދިސާއާ ގުޅިގެން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ މިއީ ނަފްރަތާއި ރުޅިވެރިކަމުގެ އަމަލެއް ކަމަށާއި، ހާދިސާގެ ވާހަކަ އިވުމުން ކުއްލި ސިހުމެއް ލިބިވަޑައިގެންނެވި ކަމަށެވެ.

ލަންޑަންގަޔާއި ކެނެޑާގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ މުސްލިމުންނަށް، ޔަގީންކޮށްދޭން ބޭނުންވަނީ، ކެނެޑާ ސަރުކާރު މިއޮތީ ކަލޭމެންނާ އެކުގައި ކަން. މުސްލިމުންނާ މެދު ނަފްރަތު އުފެއްދުނުގެ ފިކުރީ އޮއިވަރަށް (އިސްލާމޮފޯބިއާ) އަށް އަހަރެމެންގެ މުޖްތަމައުތަކުގައި އެއްވެސް ޖާގައެއް ނޯންނާނެ. މިއީ ވަރަށް މަކަރުވެރި ވަރަށް ދަށު ދަރަޖައިގެ އަދި ހުއްޓުވަންޖެހޭ އަމަލުތަކެއް،" ޓްރޫޑޯ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

މި ހާދިސާގެ ތުހުމަތުގައި، ނަތާނިއަލް ވެލްޓްމެން ކިޔާ 20 އަހަރުގެ ޒުވާން ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް މިހާރު ވަނީ ގަސްދުގައި މީހަކު މެރުމުގެ ހަތަރު ދައުވާއަކާއި، މީހަކު މަރައިލަން އުޅުމުގެ އެއް ދައުވާ އުފުލައިފަ އެވެ.

ކެނެޑާގެ މުސްލިމް މުޖްތަމައުން، ކެނެޑާ ސަރުކާރަށް މިހާރު ގޮވާލަމުން އަންނަނީ، މި ހާދިސާއަކީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ބަލައިގެން މައްސަލަ ތަހުގީގުކޮށް ދައުވާ ކޮށްދިނުމަށެވެ. އަދި ޓެރަރިޒަމްގެ ގާނޫނުގެ އެންމެ ފުޅާ މާނައިގައި މި މައްސަލައިގައި ދައުވާކުރަންޖެހޭ ކަމަށް ވެސް، ކެނެޑާގައި ދިރިއުޅޭ މުސްލިމުން ބުނެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، ކެނެޑާގައި މުސްލިމުންނަށް ދޭ ހަމަލާތައް އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އެ ގޮތުން 2018 ވަނަ އަހަރު ކެނެޑާގައި މުސްލިމުންނަށް ހަމަލާ ދިނުމުގެ 166 ހާދިސާއެއް ހިނގާފައިވާ އިރު، 2019 ވަނަ އަހަރު އެފަދަ 181 ހާދިސާ ހިނގާފައިވެ އެވެ.

ކެނެޑާގެ އަލްބާޓާ ޕްރޮވިންސްގައި ދިރިއުޅޭ މުސްލިމް އަންހެނުންނަށް، އަނގަބަހުންނާއި ޖިސްމާނީ ގޮތުން ގޯނާ ކުރުމުގެ އަމަލުތައް، މިދިޔަ މަސްތަކުގައި ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.