08 ޖޫން 2021 - 14:19

އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެ މަނިކުފާނު ދިރިއުޅުއްވަން ހާއްސަ ގެކޮޅެއް ހަމަޖައްސަން ގާނޫނުގައި ހިމަނަން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.
ސަރުކާރު ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހަޅުއްވާފައިވާ އެ ބިލް ބަލައިގަންނަން ފާސްވީ 54 މެންބަރުންގެ އިއްތިފާގުންނެވެ.
ބިލު ހުށަހެޅި ސަބަބެއް ކަމަށް ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރަށް ދައުލަތުން ދެމުން އަންނަ ހިމާޔަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެ މަނިކުފާނު ދިރިއުޅުމަށްޓަކައި ހާއްސަ ރަސްމީ ގެއެއް ދައުލަތުން ހަމަޖައްސައިދިނުމަށާއި އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ރައްކާތެރިކަން އެމްއެންޑީއެފުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ކަނޑައެޅުމަށްޓަކައި ކަމަށެވެ.
އެގޮތުން ފަނޑިޔާރުންގެ ގާނޫނުގެ 13 ވަނަ މާއްދާގައި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅަކާއި، އެ ގެއަށް ބޭނުންވާ މުއައްޒަފުންނާއި އެ ގެ ހިންގާނެ ހަރަދު ދައުލަތުން ހަމަޖެއްސުން ވަނީ ހިމަނައިފަ އެވެ. އެ ގެއަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސާނީ ސުޕްރީމް ކޯޓުން ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ގެއަކީ ސަލާމަތީ ހިދުމަތްތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭ ފަދަ ގެއަކަށް ވާން ޖެހޭނެ ކަމަށާއި އެމްއެންޑީއެފުން ސެކިއުރިޓީ ބަލަހައްޓަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
އުއްތަމަ ފަނޑިޔާރަށް ހާއްސަ ގެކޮޅެއް ހަމަޖައްސަން އިސްލާހެއްގެ މަސައްކަތް ފަށާފައި ވަނީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީއާ މެދު ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށެވެ.