އެއްބާރުލުން ދޭން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ އައިޔޫއެމް އެއްބަސްވެއްޖެ
އެއްބާރުލުން ދޭން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ އައިޔޫއެމް އެއްބަސްވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އާއި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޕާކިސްތާނުގެ ޔުނިވާސިޓީގެ ރައީސް ޕްރޮފެސަރު ޑރ. އަހުމަދު ޔޫސުފް ދްރައިވީޝް އަދި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ސޮއިކުރައްވައިފަ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ ޕާކިސްތާނުގެ އިންޓަނޭޝަނަލް ޔުނިވާސިޓީއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޔުނިވާސިޓީއެއް ކަމަށާއި އެ ތަނުން ދަސްވެނިވެފައިވާ ދަރިވަރުންނަކީ ވަރަށް ކާމިޔާބު ބޭފުޅުންކަމަށް ޝަހީމް ވިދާޅުވި އެވެ.

"މިއީ ވަރަށް ވަރުގަދަ ޔުނިވާސިޓީއެއް. ހާއްސަކޮށް ގާނޫނީ ދާއިރާ ފާހަގަކޮށްލެވޭ،" ޝަހީމް ވިދާޅުވި އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޑރ. އަހުމަދު ޔޫސުފް ވަނީ، އެ ޔުނިވާސިޓީގައި ތައުލީމް ހާސިލްކުރުމަށް އިސްލާމިކް ޔުނިވާސިޓީއަށް 30 ސްކޮލަޝިޕް ހަދިޔާކޮށްފައިވާކަން އިއުލާންކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނީ ދެ ޔުނިވާސިޓީ ގުޅިގެން ކަމަށާއި އަދި އެ ޔުނިވާސިޓީގެ ގާބިލްކަން ހުރި މިންވަރަކުން ރާއްޖެއަށް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.