ބިލު އޮތީ ނަފްރަތު އިތުރުވާ ގޮތަަށް: އަދާލަތު ޕާޓީ
ބިލު އޮތީ ނަފްރަތު އިތުރުވާ ގޮތަަށް: އަދާލަތު ޕާޓީ

މުސްލިމަކާ ދިމާއަށް، އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ނަފުރަތުގެ އަމަލު ހުއްޓުވާ ބިލުގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އެ އޮތް ގޮތުން ނަފްރަތު އިތުރުވެދާނެ ކަމަށް އަދާލު ޕާޓީން ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަފުރަތު އަމަލު ހުއްޓުވުމުގެ ބިލު ދިރާސާކޮށް، "އަދާލަތު ޕާޓީގެ މެންބަރުންނާއި ދިވެހި ރައްޔިތުން ހޭލުންތެރި ކުރުމަށް" މިއަދު ނެރުނު ކަރުދާހުގައި ބުނެފައި ވަނީ މި ބިލުގައި ނަފްރަތުގެ ބަސްމަގުގެ ކުށްތައް ބަޔާންކޮށްފައިވާ އިރު، ދެ ކުށެއް ބަޔާންކޮށްފައި ވަނީ ނަފްރަތުގެ ބަސްމަގުގެ ކުށް ކަނޑައެޅުމުގައި ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ހަމަތަކަށް ނުފެތޭ ގޮތަށް ކަމަށެވެ.

އެއީ އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމުގެ ކުށާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމުގެ ކުށެވެ.

"މި ބުނެވުނު ދެ ކުށް ބަޔާންކުރެވިފައި ވަނީ އެކި މާނަ ދޭހަވާ އިބާރާތުން، ޚިޔާލުފާޅުކުރުމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް އަދި އިސްލާމީ މުޖުތަމައެއްގެ މުސްލިމުންގެ މައްޗަށް ކޮންމެހެން ވާޖިބުވެގެންވާ ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރުމުގެ މުހިންމު ޒިންމާ އުފުލުމަކީ ގާނޫނީ ކުށެއް ކަމަށް ކަނޑައެޅޭ ބީދައިން،" އެ ކަރުދާހުގައި ލިޔެފައިވެ އެވެ.

އަދާލަތުގެ ކަރުދާހުގައި އިތުރަށް ބުނެފައި ވަނީ މި ބިލަކީ ނަފްރަތުގެ އަމަލު ހިންގުމުގެ ކުށް ބަޔާންކޮށް، އެ ކުށުގެ އަދަބު ކަނޑައަޅާ އިސްލާހެއް ކަމަށް ބުނާއިރު، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެވޭ މިންވަރަށް އިސްލާހުގައި ނަފްރަތުގެ އަމަލު ތަފުސީލުކޮށް ބަޔާންކޮށްދީފައި ވެސް ނުވާ ކަމަށެވެ. ވަކިން ޚާއްސަކޮށް ހޭޓް ސްޕީޗުގެ ކުށްތައް އދ. ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ބަލައިގެންފައިވާ ހަމަތަކަށް ނުފެތޭ ކަމަށާއި އަދި ނަފްރަތުގެ އަމަލު ރާއްޖޭގެ ގާނޫނުގައި މާނަކުރާ ނަމަ އެ ކުށުގެ ދާއިރާގެ ތެރޭގައި ގިންތި ކުރަންޖެހޭ ގިނަ ކުށްތަކަށް މި އިސްލާހުން ފަރުވާ ނުލިބޭ ކަމަށް ބުނެފައިވެ އެވެ.

މި ކަރުދާހުގައި މި ބިލާ ގުޅޭ ގޮތުން އަދާލަތު ޕާޓީން ކޮށްފައިވާ ދިރާސާގެ ހުރިހާ ތަފުސީލެއް ވެސް ވަނީ ހިމަނައިފަ އެވެ.

އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުން ކުށަކަށް ހެދުމުން، އިސްލާމްދީނުގެ އަދާވަތްތެރިން ހިމާޔަތްވާ ކަމަށް އަދާލަތުން ބުނެފައިވެ އެވެ. އަދި މުސްލިމުންނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ ބަސްމަގާއި އަމަލުތަކާއި މުޖުތަމައުގައި ފާހިޝް އަމަލުތައް ހިންގާ މީހުންނާއި ދީނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ފަސޭހަ ދޮރެއް ހުޅުވި، އެމީހުނަށް ހިމާޔަތް ލިބިގެންދާ ކަމަށް ވެސް އޭގައިވެ އެވެ.

އަދާލަތު ޕާޓީން ބުނި ގޮތުގައި ދުނިޔޭގައި ނަފްރަތުގެ ކުށާއި ހޭޓް ސްޕީޗް ކުށަކަށް ހަދައި ތަންފީޒުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ "ނަފްރަތު" މި ލަފްޒުގެ ފުރިހަމަ މާނައަކަށް އެއްބަސްވެވިފައި ނުވުމާއި ނަފްރަތުގެ ހުރިހާ ބަސްމަގަކީ އަނިޔާވެރިކަމަށް ގޮވާލުން ކަމަށް ނުވުމާއި އަދި ނަފްރަތުގެ ހުރިހާ ބަސްމަގަކީ އަނިޔާވެރިކަން އޭގެ ސަބަބުން އުފެދޭނެ ބަސްމަގަކަށް ނުވުމެވެ.

އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުން ކުށަކަށް ހަދާ ނަމަ، ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ސައްހަގޮތުގައި ކުރާ ފަރާތްތަކަށް މި މާއްދާގެ ދަށުން ޖިނާއީ ކުށްވެރިންނަށް ވެގެން ދިއުމުގެ ފުރުސަތު ބޮޑުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ކަރުދާސް ނިންމާލަމުން ވެސް ތަކުރާރުކޮށްފައި ވަނީ މިއީ އިސްލާމީ ޝަރިއާތާއި ގާނޫނު އަސާސީ އާއި ބައިނަލްއަގުވާމީ ހަމަތަކާއި ރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ލާޒިމްކުރާ ކަންކަމާ ޚިލާފު އަދި މުޖުތަމައުގައި ނަފުރަތާއި ރުޅިވެރިކަން އިތުރުވުމަށް މަގުފަހިކުރުވާ އިސްހާލެއް ކަމަށެވެ.

މީގެ ކުރިން ވެސް އަދާލަތު ޕާޓީން ބުނެފައި ވަނީ ނަފުރަތުގެ އަމަލު ހުއްޓުވާ ބިލު އޮޮތްގޮތުން ހަމަޖެހުން ގާއިމު ކުރަން ހުރަސް އެޅޭނެ ކަމަށެވެ. އެ ޕާޓީން ކުރިން ނެރުނު ބަޔާނުގައި ކުރިން ބުނެފައި ވަނީ ދީނީ އިލްމުވެރިންނާއި ޖަމިއްޔާތަކާއި ދީނާ ގުޅުން ހުރި ކަންކަމުގައި ބަސް ބުނުމުގެ ފުރުސަތު ގެއްލޭނެ ކޮންމެ ފިޔަވަޅަކީ ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ.

އެ ބިލާ މެދު އެ ޕާޓީގެ ކަންބޮޑުވުންތައް ސަރުކާރާ ޚީއްސާކޮށް، ހައްލު ހޯދުމަށާއި އިސްލާމްދީނުގެ އެންމެ މަތީ މަސްލަހަތަށް ރިއާޔަތް ކުރުމާ އެކު، ބައިނަލްއަގްވާމީ ޖަމާއަތްތަކުން ބަލައިގެންފައިވާ ހަމަތަކަށް އެކަން ކުރަން ގޮވާލައިފައިވެ އެވެ.

އެ ބިލަށް ގިިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވަމުން ދާއިރު، ސަރުކާރުން ވަނީ އިތުރު ބިިލެއް ވެސް މަޖިލީހަށް ފޮނުވަން ނިންމައިފަ އެވެ. އެއީ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ކުށް އިތުރަށް ބަޔާންކުރާ ބިިލެކެވެ.