މިސްބާހާ ގުޅޭ ގޮތުން ހާާމަކުރީ ތެދު މައުލޫމާތު: ފުލުހުން
މިސްބާހާ ގުޅޭ ގޮތުން ހާާމަކުރީ ތެދު މައުލޫމާތު: ފުލުހުން

ރާއްޖެ އަށް އެތެެރެކުރި ޑްރަގްސްގެ އަގު އަދާކުރާނެ ކަމުގެ "ގެރެންޓާ"އެއް ގޮތުގައި ބޭރުގެ ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި ހުރި މުހައްމަދު މިސްބާހާ ގުޅޭ ގޮތުން އާންމު ކޮށްފައި ވަނީ ތެދު މައުލޫމާތުތައް ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ހަބަރެއް ނުވުމުން 25 އަހަރުގެ ޒުވާނާގެ މައްސަލަ އާއިލާއިން ޕޮލިހަށް ރިޕޯޓްކުރީ މިދިޔަ އޭޕްރީލް މަހުގަ އެވެ. އެހެންވެ، ފުލުހުން ވަނީ، ހދ. ނޮޅިވަރަންފަރަށް އުފަން ޒުވާނާ ގެއްލިގެން ހޯދަން އިއުލާނުކޮށްފަ އެވެ.

އެކަމަކު ފަހުން ފުލުހުން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ 22:13 ގައި ފްލައި ދުބާއީން މިސްބާހް ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށެވެ. އޭނާ ދުބާއީ މަގުން ޕާކިސްތާނަށް ގޮސްފައިވެ އެވެ. މިސްބާހަކީ މިދިޔަ ޑިސެމްބަރު މަހު ރާއްޖެ އަށް އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތީގެ "ގެރެންޓާ" ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް އިއްޔެ އާންމުވި ވީޑިއޯއެއްގައި މިސްބާހު ވަނީ އޭނާ ޑްރަގް ނެޓްވޯކްއަކާ ގުޅުމެއް ނެތް ކަމަށާއި ފުލުހުން ދައްކަނީ ދޮގު ވާހަކައެއް ކަމަށް ބުނެފަ އެވެ. ނުވަ ސިކުންތުގެ އެ ވީޑިއޯއިން ފެންނަ ގޮތުގައި މިސްބާހު ހުރީ ގަސްތަކެއް ފަހަތުގައި ރީނދޫ ކުލައިގެ ގޮޅިޖެހި ގަމީހެއް ލައިގެން އައިނެއް އަޅައިގެނެވެ. ނަމަވެސް އެ ވީޑިއޯ ނަގާފައިވަނީ ކޮންތާކު ހުރެގެން ކަމެއް އަދި ކޮން ދުވަހެއްގެ ވީޑިއޯއެއް ކަމެއް ސާފެއް ނުވެ އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އެ ވީޑިއޯ އިން ފެންނަނީ މިސްބާހުކަން ކަށަވަރު ކުރެވެ އެވެ. އެ މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް ހިއްސާކޮށްފައިވާ މައުލޫމާތުތަކަކީ ފުލުހުންނަށް ކަށަވަރު ކުރެވޭ މައުލޫމާތުތައް ކަމަށާއި ވީޑިއޯއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަަަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މިސްބާހު ރާއްޖެއިން ބޭރަށް ގެންދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު އަށް ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އިރުފާނެވެ. އިރުފާނު ހައްޔަރުކުރީ މިސްބާހު ދުބާއީ އަށް ގެންގޮސް އެނބުރި އައި ފަހުން މަސްތުވާތަކެއްޗާ އެކުގަ އެވެ.