އީރާން އޮތީ ނިއުކްލިއަ ހަތިޔާރު އުފެއްދުމާ ދާދި ގާތުގައި
އީރާން އޮތީ ނިއުކްލިއަ ހަތިޔާރު އުފެއްދުމާ ދާދި ގާތުގައި

އީރާންގެ ނިއުކްލިއާ ޕްރޮގްރާމް މިހާރު އޮތީ ނިއުކްލިއާ ހަތިޔާރެއް އުފެއްދުމާ ދާދި ގާތުގައި ކަމަށާއި، ހަތިޔާރު އުފައްދަން ބޭނުންވާ ވަރަށް އެ ގައުމުގައި ޔޫރޭނިއަމް ފައްކާ ކޮށްފައިވާ ކަމަށް، ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ (އައިއޭއީއޭ) އިން ބުނެފި އެވެ.

އެ އިދާރާގެ ޑިރެކްޓަ ޖެނެރަލް ރަފައެލް ގްރޮސީ، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި އީރާނަށް ނިއުކްލިއާ ހަތިޔާރުގެ ގާބިލްކަން ލިބުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

"މިހާރު އީރާންގައި ހިނގަމުން އެދަނީ ވަރަށް ނުރައްކާތެރި ކަންތައްތަކެއް. އެއީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ވަރަށް ޝައުގުވެރިވާ އަދި، މަތީ މިންވަރަކަށް ޔޫރޭނިއަމް ފައްކާކުރަމުން އަންނަ ގައުމެއް. އަދި މިހާރު އެ ގައުމު އެ އޮތީ ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ދާދި ގާތުގައި،" ރަފައެލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހިންގާ ތަންތަނުގެ ތެރެއިން، އެ އިދާރާއިން އެންމެ ފަހުން ބަލައި ފާސްކުރި ތިން ތަނުން ކުރެ އެންމެ ތަނަކާ ބެހޭ ގޮތުން ވެސް، އެ އިދާރާ އިން ބޭނުންވި ސާފު މައުލޫމާތުތައް އީރާނުން ހިއްސާ ނުކުރާ ކަމަށެވެ. އަދި އެ ތަންތަނުގެ މައުލޫމާތުތައް ނުދޭތާ އެތައް މަހެއް ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން، އަސްކަރީ ގޮތުން އެންމެ ބާރުގަދަ ހަ ގައުމާއި އީރާނާ ދެމެދު، 2015 ވަނަ އަހަރު ގާއިމުކޮށްފައިވާ ނިއުކްލިއާ މުއާހަދާ އަލުން މުރާޖައާ ކުރަމުން އަންނަ އިރު، އެކަމުގައި ރަނގަޅު ކުރިއެރުމެއް ލިބިފައިވާ ކަމަށް، ވެސް ރަފައެލް ވިދާޅުވި އެވެ. އެ މުއާހަދާ އަލުން މުރާޖައާ ކުރަނީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި، އެ މުއާހަދާއިން އެމެރިކާ ވަކިވެފައިވަނިކޮށް، މިހާރުގެ ރައީސް ޖޯ ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އަލުން އެ މުއާހަދާގައި އެމެރިކާ ބައިވެރިވާން ނިންމުމާ ގުޅިގެންނެވެ.

އައިއޭއީއޭ އިން މިދިޔަ ހަފުތާގައި ބުނި ގޮތުގައި އީރާނާ އެކު ގާއިމުކޮށްފައިވާ ނިއުކްލިއާ މުއާހަދާގައި، ހުއްދަ ދީފައިވާ މިންވަރަށް ވުރެ 16 ގުނަ އިތުރަށް، ފައްކާކޮށްފައިވާ ޔޫރޭނިއަމް، މިހާރު އީރާނުގައި އެބަހުއްޓެވެ. އެ މުއާހަދާގެ ދަށުން ހުއްދަ ދީފައިވަނީ، 202.8 ކިލޯގެ ޔޫރޭނިއަމް ފައްކާކުރުމަށެވެ. ނަމަވެސް މިހާރު އެ ގައުމުގައި 3241 ކިލޯގެ ޔޫރޭނިއަމް އެބަހުރި ކަމަށް، ބެލެވޭ ކަމަށް އައިއޭއީއޭ އިން ބުނެ އެވެ.

އީރާންގެ ނިއުކްލިއާ މުއާހަދާގައި އަލުން ބައިވެރިވުމަށް ނިންމި ނިންމުމާ ގުޅޭ ގޮތުން، އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލެންކިން ވިދާޅުވީ، އެ މުއާހަދާގައި ބައިވެރިވުމަށް ފަހު، (އީރާނާއި މުއާހަދާގެ އެހެން ބައިވެރިން) އެއް ބަޔަކު އަނެއް ބަޔަކަށް، މުގާބިލުގައި ކޮށްދޭނެ ކަންކަމާ މެދު އަދި އެއްބަސްވުމަކަށް ނާދެވޭ ކަމަށެވެ.

"އީރާނާ އެކު އެ މުއާހަދާ ގާއިމުކުރި އިރު، އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އޮތީ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި. ނަމަވެސް މިހާރު އެ ޕްރޮގްރާމް އެއޮތީ ކޮންޓްރޯލުން ބޭރުވެފައި. ވަރަށް ނުރައްކާތެރި ކަންކަމުގައި އީރާން މިހާރުވެސް އެދަނީ ބައިވެރިވަމުން. އަދި ނިއުކްލިއާ ބާރަކަށް އީރާން ވެއްޖެއްޔާ، އީރާންގެ ނުރައްކާތެރި އެއަށް ވުރެ މާ ބޮޑުވާނެ."

އީރާންގެ ނިއުކްލިއާ މުއާހަދާއާ ބެހޭ ގޮތުން ކުރާ މަޝްވަރާތަކުގެ ހަ ވަނަ ބުރުގެ ވާހަކަތައް މިމަހުގެ 10 ގައި އޮސްޓްރިއާގެ ވިއެނާގައި ފެށުމަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ. މި ބުރުގެ ވާހަކަތަކުގައި، އީރާންގެ ތެލުގެ އެކްސްޕޯޓުން ލިބޭ އާމްދަނީ ހިފަހައްޓައިގެން، އީރާނަށް އިގްތިސާދީ ގޮތުން ދަތިކުރުމަށް، އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްލުމާ މެދު ގޮތެއް ނިންމުން އެކަށީގެންވެ އެވެ.

ހަ ވަނަ ބުރުގެ ވާހަކަތައް ފެށުމަށް ތާވަލުކޮށްފައިވާ އިރު، އީރާންގެ ރޫހާނީ ލީޑަރު އަލީ ހާމަނާއީ ވިދާޅުވީ ނިއުކްލިއާ މުއާހަދާ ކުރިއަށް ގެންދަން ބޭނުންވާ ނަމަ، އެމެރިކާގެ ފަރާތުން އީރާން ބޭނުންވަނީ ބަސް މަދުކޮށްފައި އަމަލު ގިނަކުރަން ކަމަށެވެ. މިހާރުވެސް އެމެރިކާގެ ކިތަންމެ ވައުދެއް ނުފުއްދި އެބަހުރި ކަމަށާއި، މިހާރު އީރާން ބޭނުންވަނީ އެމެރިކާ އިން އަމަލީ ގޮތުން ފިޔަވަޅު އަޅަން ކަމަށް ވެސް ހާމަނާއީ ވިދާޅުވި އެވެ.

އީރާނާއި ދުނިޔޭގެ އަސްކަރީ ގޮތުން އެންމެ ބާރުގަދަ ހަ ގައުމާ ދެމެދު، 2015 ވަނަ އަހަރު ގާއިމުކޮށްފައިވާ ނިއުކްލިއާ މުއާހަދާ އިން އެމެރިކާ ވަކިވީ، 2018 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މުއާހަދާގައި އެމެރިކާ އަލުން ބައިވެރިވުމަށް ނިންމީ، އެމެރިކާގެ ރައީސްކަމާ ޖޯ ބައިޑަން، މިއަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު ހަވާލުވެވަޑައިގަތުމަށް ފަހު އެވެ.