ހަމާސްގެ އިންޒާރާ ގުޅިގެން "ދިދައިގެ ހިނގާލުން" ކެންސަލް
ހަމާސްގެ އިންޒާރާ ގުޅިގެން "ދިދައިގެ ހިނގާލުން" ކެންސަލް

އަަންނަ ބުރާސްފަތި ދުވަހު އިރުމަތީ ގުދުސްގައި ބޭއްވުމަށް، ޔަހޫދީ ވަޒަންވެރިން ރޭވި "ދިދައިގެ ހިނގާލުން"، ހަމާސް ޖަމާއަތުން އިންޒާރު ދިންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، އިޒްރޭލު ސަރުކާރުން ކެންސަލްކޮށްފި އެވެ.

އިރުމަތީ ގުދުސްގައި ހަދާފައިވާ ޔަހޫދީ އާބާދީތަކުގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިން ރާވާފައި އޮތީ، އިޒްރޭލުގެ ދިދަ ހިފައިގެން ވީހާ ގިނަ ޔަހޫދީން އިރުމަތީ ގުދުސްގެ މަގުތަކުގައި ހިނގާލުމެއް ބާއްވާށެވެ. އަދި މި ހިނގާލުން ރާވާފައި އޮތީ، އިރުމަތީ ގުދުސްގައި އެންމެ ގިނައިން، ޔަހޫދީ ވަޒަންވެރިންނާއި ފަލަސްތީނު މީހުންނާ ދެމެދު ކުރިމަތިލުންތައް ހިނގާ ސަރަހައްދުތަކުގެ ތެރެއިން ކުރިއަށް ގެންދާ ގޮތަށެވެ.

އާންމު އުސޫލުން، ޔަހޫދީ ވަޒަންވެރިން ރާވާ އެފަދަ ކަންކަން ކުރިއަށް ގެންދަނީ، އިޒްރޭލު ސިފައިންނާއި ފުލުހުން، ސަލާމަތީ ރައްކާތެރިކަން ދީގެންނެވެ. ގުދުސްގެ އެންމެ މުހިންމު އެއް ދޮރޯށި ކަމަށްވާ "ބާބޫލް އާމޫދު" އިން ފަށައިގެން ކުރިއަށް ގެންދާ ގޮތަށް އިންތިޒާމުކުރި މި ހިނގާލުން އިއުލާންކުރުމާ އެކު، އެކަން ކުރިއަށް ގެންދަން އިޒްރޭލު ފުލުހުން ހުއްދަ ދިނެވެ.

އިޒްރޭލު ފުލުހުން އެކަމަށް ހުއްދަ ދިނުމާއެކު، ހަމާސް ޖަމާއަތުން އިޒްރޭލުގެ އެ ނިންމުމަށް ހޫނު ރައްދެއް ދީ ދުނިޔެ ސަމާލުކުރުވި އެވެ.

"ބުރާސްފަތި ތި ބާއްވާ ހިނގާލުން، އިރުމަތީ ގުދުސާއި އަލް މަސްޖިދުލް އަގްސާގެ ގޯތިތެރޭގައި ކުރިއަށް ގެންދަން ފުރުސަތު ނިދުނުމަށް، އިޒްރޭލަށް އިންޒާރުކުރަން. މިބުނާ އެއްޗެއް އިޒްރޭލަށް ސާފުވެއްޖެ ކަމަށް އުންމީދުކުރަން. އެހެންވީމާ ބުރާސްފަތި ދުވަހު އާ މެއި 10 ނާންނާނެ ކަމަށް ދެކެން،" ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ މެމްބަރު ޚަލީލުލް ހައްޔާ ދެއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

"ކަލޭމެން އަހަރެމެންނަށް ހަމަލާދޭން އަލުން ފަށައިފި ނަމަ، ކަލޭމެންނަށް ރައްދު ދޭން އަހަރެމެން އެނބުރި އަންނާނަން."

އޭނާ ވިދާޅުވީ ގުދުސާ ހަމައަށް ހަނގުރާމަ ފޯރައިފި ނަމަ، ރަތް ރޮނގެއް ނޯންނާނެ ކަމަށެވެ. އޭގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި "ގުދުސް ކަނޑީގެ ހަނގުރާމަ" އަކީ ފަލަސްތީނު ރައްޔިތުންގެ އެއްބައިވަންތަކަން އިޒްރޭލަށް ދެއްކުމަށް އަޅައިލި ހަމައެކަނި ސުރުހީއެކެވެ. މެއި 10-21 އަށް އިޒްރޭލުން ގާޒާ އަށް ދިން ހަމަލާތަކަށް ރައްދުދިނުމަށް ހަމާސް ޖަމާއަތުން ކުރި ހަނގުރާމައަށް އެ ޖަމާއަތުން ދީފައިވާ ނަމަކީ "ގުދުސް ކަނޑީގެ ހަނގުރާމަ" އެވެ.

ހަމާސްގެ މިއިންޒާރު އާންމުވިތާ މާ ގިނަ އިރުތަކެއް ނުވަނީސް، އިޒްރޭލު ފުލުހުންގެ ފަރާތުން އާ ބަޔާނެއް ނެރެ، ޔަހޫދީންގެ ހިނގާލުމަށް މިވަގުތު ހުއްދަ ދެވެން ނެތްކަން އެންގި އެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އިޒްރޭލުގެ މިހާރުގެ ހާލަތު އޮތް ގޮތަށް ބަލާއިރު، އެ ހިނގާލުން ރޭވިފައި އޮތް ގޮތާއި ހިނގާލުން ބާއްވާ ދުވަސްވަރަކީ، އެފަދަ ހިނގާލުމެއް ބޭއްވުމަށް އެންމެ އެކަށީގެންވާ ގޮތެއް އަދި ދުވަސްވަރެއް ވެސް ނޫނެވެ.

އިޒްރޭލު ފުލުހުންގެ މި ނިންމުމާ ގުޅިގެން، ހަރުކަށި ކަނާތު ފިޔައިގެ ދީނީ ޖަމާއަތްތައް ދަނީ، ހަމާސްގެ އިންޒާރުތަކަށް އިޒްރޭލު ފުލުހުން ބިރުގަންނަނީތޯ ސުވާލުކޮށް، ސޯޝަލް މީޑިއާގައި އިޒްރޭލު ސަރުކާރަށް ފާޑު ކިޔަމުންނެވެ. އަދި އެކަމަށް ހުއްދަ ދިނުމަށް އެދި، ސިޔާސީ ފަރާތްތަކުންނާއި ޔަހޫދީ ހަރުކަށި ޖަމާއައްތަކުން ދަނީ އިޒްރޭލު ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ.