08 ޖޫން 2021 - 13:02

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެ ޑޯޒް ވެކްސިން ޖަހާފައިވާ ގިނަ މީހުންގެ އެންމެ ބޮޑު އުންމީދަކަށް އޮތީ ޗުއްޓީގައި ރަށަށް ދިއުމެވެ. ވެކްސިން ފުރިހަމަކޮށް ވަކި މުއްދަތެއް ހަމަކޮށްފި ނަމަ ކަރަންޓީނު ނުވެ ރަށަށް ދެވޭ އޮތަށް އޮތް އޮތުން، ކޮވިޑްގެ ކޭސްތައް ގިނަވުމާ އެކު ސަސްޕެންޑްކުރި ނަމަވެސް ސްކޫލް ޗުއްޓީއާ ހިސާބަށް ދާއިރު އެކަން ބަދަލުވެ އަނެއްކާވެސް ލުއި ގޮތެއް ހަމަޖެހޭނެ ކަމަށް އުންމީދުކޮށްގެން ތިއްބާ އެންމެ ފަހުން ނިންމީ ޗުއްޓީއަށް ރަށަށް ދިއުމަކީ ޒަރޫރީ ބޭނުމެއް ނޫން ކަމަށާއި އެހެންވެ ހުއްދަ ނުލިބޭނެ ކަމަށެވެ.
ކޮވިޑާ ހެދި މާލޭގެ ހާސްކަމުގައި ބަންދުވެފައި ތިބޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެ ނަފްސާނީ ގޮތުން ވެސް އުނދަގޫވާ ހިސާބަށް ގޮސްފައި ވަނިކޮށް، ވެކްސިނުން ވެސް ލުޔެއް ނުލިބޭ ގޮތަށް ފިޔަވަޅުތައް ހަރުކަށިކުރުން ގިނަ މީހުންނަށް ކަމަކު ނުދިޔަ އެވެ. ވެކްސިން ފުރިހަމަކޮށްފައި ތިބި މީހުން ކަރަންޓީނުވާ ގޮތަށް ނަމަވެސް ރަށަށް ދާން ހުއްދަ ނެތުން އެތައް ބަޔަކު ނެގީ ތާކުންތާކު ނުޖެހޭ ނިިންމުމެއްގެ ގޮތުގަ އެވެ.
އާ އުސޫލު ބުނާ ގޮތުން ނަމަ، މާލޭން ރަށްރަށަށް ދާން ހުއްދަ ދޭނީ ސިއްހީ ފަރުވާ ހޯދުމަށް މާލެއަށް އައިސް އެނބުރި ދާންޖެހިފައިވާ މީހުންނާއި އެފަދަ މީހަކާ އެކު ދާން ޖެހޭ މީހުންނާއި، ވަޒީފާ ނުވަތަ މަސައްކަތް ހުއްޓާލަން ޖެހިގެން މާލޭގައި އިތުރަށް ތިބެން ދަތިވެފައިވާ މީހުންނަށާއި މާލޭގައި ދިރިއުޅެވެން ނެތުމުގެ ސަބަބުން ރަށަށް ދިރިއުޅުން ބަދަލުކުރަންޖެހޭ މީހުންނާއި މާލެއަށް ތައުލީމު ހާސިލުކުރުމަށް އައިސް ތައުލީމު ހާސިލުކުރުން މުޅިން ނިމިގެން ރަށަށްދާ މީހުންނަށެވެ.
ސްކޫލް ޗުއްޓީގައި ރަށަށް ދިއުމަކީ ޒަރޫރީ ބޭނުމެއް ކަމަށް ނުބަލާނެ ކަމަށް ބުނެފައި ވާތީ، ޗުއްޓީއަށް ރަށަށް ދާން ހުއްދައެއް ނުލިބޭނެ އެވެ. އެ އުސޫލު އެގޮތަށް އޮތުމުން، 14 ދުވަހަށް ކަރަންޓީނުވާން ޖެހޭ ގޮތަށް ވިޔަސް، އެ މީހުންނަށް ރަށަށް ދާން ހުއްދައެއް ނުލިބޭނެ އެވެ.
އެކަމާ ގުޅިގެން މާލޭގައި އުޅޭ ބައެއް މީހުންގެ ޝަކުވާ ބޮޑެވެ.
"އާއިލާގެ ގާތަށް އަހަރަކު އެއް ފަހަރު ރަށަށް ދެވޭއިރު އެ ޗުއްޓީގައި ވެސް ރަށަށް ގޮސްލަން ނުލިބުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް. ވަކިން ހާއްސަކޮށް ގިނަ މީހުންނަކީ މިވަގުތު ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ވެސް ފުރިހަމަކޮށްފައިވާ ބަޔަކަށްވާއިރު ކަރަންޓީނުވާން ޖެހޭ ގޮތަށް ވިޔަސް، އެ ފުރުސަތު ނުދޭންވީ ކީއްވެކަމެއް ނޭނގެ،" ޝަކުވާކުރި މީހަކު ބުންޏެވެ.
މިގޮތަށް ޝަކުވާކުރާ މީހުން ބުނަނީ އެންމެ ފަހުން ވެސް ހާލަތު ހަމަޔަކަށް އެޅިފައި އޮއްވައި ގޯސްވީ ކައުންސިލް އިންތިހާބަށް ސިޔާސީ ބޭނުމަށް ދިން ތާކުންތާކު ނުޖެހޭ ލުއިތަކާ ހެދި ކަމަށާއި އެކަމުގެ އުނދަގޫ އުފުލަން މި ޖެހެނީ އާންމުންނަށް ކަމަށެވެ.
މިކަމާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ފާޑުކީ މީހުން "ދެން އެންމެ އަވަހަށް އިންތިޚާބެއް އޮތީ ކޮން އިރަކުހޭ" އަހައި، ކުރިން ކަން ދިމާވި ގޮތާ ބެހޭ ގޮތުން ޝަކުވާކޮށްފައިވެ އެވެ. އަނެއްކޮޅުން ރަށްރަށުގައި ތިބި މީހުންގެ ތެރޭ އޮތީ، މާލޭން ރަށްރަށަށް މީހުން ދިއުމުން ބަލި ފެތުރިދާނެތީ އެކަމުގެ ކަންބޮޑުވާއި ޝަކުވާ އެވެ.
ދެކޮޅަށް ހަމަހަމަ ހައްލެއް މިކަމުގައި ބޭނުންވާކަން އެބަ އެނގެ އެވެ.
ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހައިގެން ތިބި މީހުންނަށް ކަރަންޓީނުވާ ގޮތަށް ވެސް ރަށްރަށަށް ދާން ފުރުސަތު ނުދޭ މައްސަލައާ ގުޅިގެން ސުވާލުކުރުމުން، އެޗްއީއޯސީގެ ކޮމިއުނިކޭޝަން އޮފިސަރު ވިދާޅުވީ، އެ ގޮތަށް ބަދަލުކުރަން ޖެހުނީ ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް މައްޗަށް އަރައިގެން ދިއުމުން ކަމަށެވެ. އަދި ހާލަތު ރަނގަޅުވަންދެން ފިޔަވަޅުތައް ދެމި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާ ފަދަ ބައެއް ގައުމުތަކުގައި ވެސް އަންނަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ލުއި ދެމުންނެވެ. އެގޮތުން ވެކްސިން ފުރިހަމަ ކުރުމުން، ކޮވިޑް ބަލީގެ ކުރިން އުޅުނު ގޮތަށް މާސްކް ނާޅައި ގައިދުރުކަމެއް ވެސް ނެތި އާންމު ތަންތަނުގައި އުޅެވޭނެ ކަމަށް އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން (ސީޑީސީ) އިން ވަނީ ބުނެފަ އެވެ. ނަމަވެސް ބަންދު ތަންތަނުގެ ތެރޭގައި އަދި އާންމު ދަތުރުފަތުރުގައި ނަމަ އެތަނަކުން ކަނޑައަޅާފައި އޮންނަ އުސޫލަކަށް އަމަލުކުރަން ޖެހެ އެވެ.
އޭގެ އިތުރުން ވެސް އެހެން ގައުމުތަކަށް ދަތުރުކުރުމުގައި ވެސް ލުއިތަކެއް ދީފައިވެ އެވެ. އެކަމަކު ރާއްޖޭގައި ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާވެފައިވާ ގިނަ ބަޔަކު ތިބި ނަމަވެސް އެ މީހުންނަށް ލުޔެއް ނެތެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 173،291 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވެ އެވެ. އަދި 312،133 މީހުން ތިބީ ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ޖަހައިގެންނެވެ.
މިއަހަރުގެ ބޮޑު ޗުއްޓީ ފެށޭނީ މި މަހުގެ 27 ވަނަ ދުވަހު އެވެ. މިވަގުތަށް ބަލާއިރު މާލޭ ސަރަހައްދުން ބަލި ޖެހޭ މީހުންގެ އަދަދުތައް ކުރިއަށްވުރެ ދަށެވެ. އެކަމަކު އެންމެންގެ ވެސް ޝަކުވާ އަކީ މި ބޮޑު ޗުއްޓީ ވެސް އިތުރު ހާސްކަމުގައި މިހެން ތިބެންވީތޯ އެވެ. ކޮވިޑް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަވީރު ޕްރެސް ކޮންފަރެންސެއް ދެއްވާނެ އެވެ. އާންމުންގެ ޝަކުވާ ބޮޑުވެފައިވާ ކަންކަމާ ގުޅޭ ގޮތުން މި ޕްރެސް ކޮންފަރެންސުން ޖަވާބެއް ލިބޭނެ ކަމެއް އަދި ނޭނގެ އެވެ.