09 ޖޫން 2021 - 11:38

ސައުތު އޭޝިއަން ގޭމްސް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން މެޑަލް ހޯދާ ވާހަކަ ދިވެހިންގެ ކަންފަތްތަކަކަށް އާ ވާހަކައަކަށް ނުވާނެ އެވެ. ނަމަވެސް އޮލިމްޕިކްސް ގޭމްސްގައި މެޑައްޔެއް ހޯދާ ވާހަކަ ދިވެހިންނަށްވެފައި ވަނީ ބީރައްޓެހި ވާހަކަ އަކަށެވެ. ރާއްޖެއަށް ވުރެ އާބާދީގެ ގޮތުން އެތައް ގުނައެއް ކުޑަ ގައުމުތަކުން އޮލިމްޕިކްސްގެ މެޑަލް ހޯދައިފި އެވެ. އާބާދީގައި 63،000 މީހުންގެ ހިމެނޭ ކުޑަކުޑަ ބާމިއުޑާއިން ވެސް އޮލިމްޕިކް މެޑަލެއް ހޯދައިފި އެވެ. ދުނިޔޭގެ އެންމެ ފަގީރު ގައުމު ބުރުންޑީ އިން ވެސް އޮލިމްޕިކްސްގައި ދެ މެޑަލް ހޯދި އެވެ.

ރާއްޖެ އަށް އޮލިމްޕިކްސްގައި މެޑައްޔެއް ނުހޯދެންވީ ސަބަބެއް ނެތެވެ. އޮލިމްޕިކްސް ގޭމްސްގައި ރާއްޖެއަށް މެޑަލް ހޯދޭނެ އެވެ. ރާއްޖޭގެ ރޯވިން އެސޯސިއޭޝަން އިން ދައްކަމުން ދިޔައީ އެ ވާހަކަ އެވެ. އެހެން ނަމަވެސް އެ އެސޯސިއޭޝަނަށް ނުލިބި އޮތީ ގާނޫނީ ހައިސިއްޔަތެވެ. ދުނިޔޭގެ ރޯވިން ފެޑެރޭޝަނުން ވަނީ، ރާއްޖޭގެ ރޯވިން އެސޯސިއޭޝަނަކީ އެ ފެޑްރޭޝަންގެ މެންބަރެއް ކަމުގައި ބަލައިގެންފަ އެވެ. އެ ޖަމިއްޔާ އަށް ނެތީ ރާއްޖޭގެ ގައުމީ އެސޯސިއޭޝަނެއްގެ ދަރަޖަ އެވެ.

އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ، އޭޝިއާގެ ރޯވިން ފެޑްރޭޝަނެއްގެ މެންބަރުކަން ލިބި، ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ވެސް އެސޯސިއޭޝަނެއްގެ ގޮތުގައި ބަލައިގަތުމުންނެވެ. އެ ހުރިހާ ހައިސިއްޔަތެއްގެ ކުރިން އެންމެ ފުރަތަމަ ހޯދަން ޖެހޭ ހައިސިއްޔަތަކީ ގައުމީ އެސޯސިއޭޝަނެއްގެ ދަރަޖަ އެވެ.

"ކުޅިވަރު ގާނޫނަށް އައި ބަދަލާ އެކު ހުރިހާ ކުޅިވަރު އެސޯސިއޭޝަނެއް ރަޖިސްޓްރީ ވާން އެންގުމުން ރޯވިން އެސޯސިއޭޝަން ފިޔަވައި އެހެން އެސޯސިއޭޝަންތައް ނޯމަލް ޕްރޮސީޖާގެ ދަށުން ރި-ސޯޓް ކުރި. އަޅުގަނޑުމެންގެ އެސޯސިއޭޝަނަކަށް ނުވި،" ރޯވިން އެސޯސިއޭޝަންގެ ރައީސް އަހްމަދު ހަބީބު "މިހާރު" އަށް ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެންނަށް އެންގީ އަސާސީ ގަވާއިދު އިސްލާހު ކުރަން. އަސާސީ ގަވައިދު އިސްލާހުކޮށް ހުށަހެޅުމުން ސްޕޯޓްސް ކޮމިޝަނާގެ އެންޑޯޒްމެންޓާ އެކު އަނބުރާ އަޅުގަނޑުމެންނަށް ލިބުނީ މި ޕެންޑެމިކް ތެރޭގައި."
އެ އެސޯސިއޭޝަންގެ އިންތިހާބު މި މަހު 19 ގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ. ހަބީބު ވިދާޅުވީ އިންތިހާބަށް ފަހު އާ އެކްސްކޯއާ އެކު، ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ދަރަޖަ ހޯދުމަށް ހުށަހަޅުއްވާނެ ކަމަށެވެ.
ގާތްގަނޑަަކަށް 37 ގައުމަކުން ވާދަކުރި އޭޝިއާގެ ރޯވިން ކޯސްޓަލް ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ އަންހެން ބައިވެރިޔަކު ވާދަކޮށް ވަނީ މެޑަލް ވެސް ހޯދައިފަ އެވެ. ހަބީބު ވިދާޅުވީ، ރަނގަޅު ޓްރޭނިންތަކަކާ އެކު ރޯވިން އިން ރާއްޖެއަށް އޮލިމްޕިިކް މެޑައްޔެއް ހޯދި ދާނާ ކަމަށެވެ. މި އަހަރަކީ ރާއްޖޭގައި އޭޝިއަން ކޯސްޓަލް ޗެމްޕިއަންޝިޕް ބާއްވަން ފުރުސަތު ލިބިފައި އޮތް އަހަރު ކަމަށް ހަބީބު ވިދާޅުވި އެވެ.
"އެހެންނަަމަވެސް މިދިޔަ އަހަރު ސިންގަޕޫރުގައި ބާއްވަން އޮތް ޗެމްޕިއަންޝިޕް ކޮވިޑް-19 އާ ހެދި ފަސް ކުރުމުން ރާއްޖޭގައި ބާއްވާ ޗެމްޕިއަންޝިޕް ވެސް ވަނީ ފަސްވެފައި،" އޭނާ ވިދާޅުވި އެވެ.
"އެ ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވޭނީ ކަމާ ބެހޭ މުއައްސަސާތަކުން އެކަން ސީރިއަސްކޮށް ނަގައިފިއްޔާ. މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލަށް ވެސް އަޅުގަނޑުމެން ދަންނަވަމުން މި އަންނަނީ އެ ގޭމް ބާއްވާ ސަރަހައްދަކަށް ވެސް ޓޫރިޒަމްގެ ގޮތުން ވެސް ވަރަށް ބޮޑު ބޫސްޓެއް އަންނާނެ ވާހަކަ."
ރޯވިން އިންޓަނޭޝަނަލް ކޯޗިން ލައިސެންސް ހާސިލުކޮށްފައިވާ ކޯޗުން ވެސް ރާއްޖޭގައި އެބަތިއްބެވެ. ނަމަވެސް މައްސަލައަކީ އަމަލީ ގޮތުން މަސައްކަތް ކުރަން ވަގުތު ނުވުމެވެ. ހަބީބު ވިދާޅުވީ ގައުމީ އެސޯސިއޭޝަނެއްގެ ހައިސިއްޔަތު ލިބިފައި ނެތުމުން ބަޖެޓް ލިބޭނެ ގޮތެއް ނެތް ކަމަށެވެ.
"ބަޖެޓް ވެސް ލިބި މުސާރައެއް ދެވޭނެ ގޮތެއް ހަމަޖެހިގެން ކޯޗުން ވެސް އެކްޓިވްކޮށް މަސައްކަތް ކުރަން ނުކުންނާނީ،" އޭނާ ވިދާޅުވި އެވެ.
"ސާމާނު ބަހައްޓާނެ ތަނެއް ވެސް މި ވަގުތު ނެތް. އެސޯސިއޭޝަނެއްގެ ދަރަޖަ ލިބުނީމަ އެކަންކަން ހަމަޖެހިގެން ދާނެކަމަށް އުންމީދު ކުރަނީ."
ހަބީބު ވިދާޅުވީ އިންތިހާބުގައި ރަނގަޅު ޓީމެއް ވާދަކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެ ޓީމާ އެކު ރޯވިން އެސޯސިއޭޝަންގެ ހިންގުން ރަނގަޅު ވެގެންދާނެ ކަމުގެ އުންމީދު އޭނާ ކުރައްވަ އެވެ.
ރާއްޖޭގެ އެހެން އެސޯސިއޭޝަންތަކާ އެއްވަރުގެ ސަމާލު ކަމެއް ރޯވިން އަށް ލިބިއްޖެނަމަ، މެޑަލް ހޯދަން ފަސޭހަ ވާނެ ކަމަށް ހަބީބު ވިދާޅުވި އެވެ. އޭނާ އެ ވާހަކަ ވިދާޅުވަނީ އޭޝިއާގެ ރޯވިން މުބާރާތުގައި ވާދަކޮށް ރާއްޖޭގެ ރޯވިން ޓީމުތަކުން ހޯދައިފައިވާ ކާމިޔާބުގެ މައްޗަށް ބިނާކޮށެވެ. އަދި އޮލިމްޕިކްސްގައި ރޯވިންގެ ސްކޯޕް އެހާ ފުޅާ ނުވުމަކީ އެ ކުޅިވަރުން ރާއްޖެ އަށް މެޑަލް ހޯދިދާނެ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަންނަ އަހަރު ބާއްވާ ސަމާ ޔޫތު އޮލިމްޕިކްސްގައި މެޑައްޔެއް ހޯދާ ވާހަކަ އެ އެސޯސިއޭޝަނުން ވަނީ ދައްކަން ފަށައިފަ އެވެ.
"ކުރިއަށް އޮތް ހަތަރު އަހަރަށް ރަނގަޅު ޕްލޭނެއް ހަދައިގެން ޓްރޭނިންތައް ރަނގަޅަށް ގެންގޮސްގެން މެޑަލްއަކާ ހަމައަށް ދެވިިދާނެ،" އޭނާ ވިދާޅުވި އެވެ.
ދިވެހިންނަކީ ކަނޑަށް، ރާޅަށް ފަރިތަ ބައެކެވެ. އޮލިމްޕިކްސްގައި އެންމެ ބޮޑެތި ގައުމުތަކުން އެންމެ އިސްކަންދޭ ކުޅިވަރަކަށް ރޯވިން ނުވުމަކީ، އޮލިމްޕިކްސްގެ މެޑަލްގެ ޗާޓުން ރާއްޖެއަށް ޖާގަ ލިބެން އޮތް ފުރުސަތަކަށް ވެދާނެ އެވެ.