07 ޖޫން 2021 - 23:37

މާލޭގެ ކަންކަން ކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެ ކައުންސިލުން ބޭއްވި ނިއުސް ކޮންފަރެންސްގައި މޭޔަރު ވިދާޅުވީ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކެބިނެޓުގެ ގިނަ ވަޒީރުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މިނިސްޓަރުންގެ ތެރެއިން ބާކީ ތިއްބެވީ ދެ ތިން ބޭފުޅެއް ކަމަށާއި އެ ބޭފުޅުންނާ ވެސް އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގެ ޓިކެޓުގައި މޭޔަރުކަން ކާމިޔާބުކުރެއްވި ޑރ. މުއިއްޒު ވިދާޅުވީ ރައީސްއާ ބައްދަލުކުރައްވަން އެދިވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަން ހަމަޖެހިގެން ދިޔަ ކަމަށެވެ. އަދި ބައްދަލުވުމުގައި އިތުރަށް ވަގުތު ވެސް ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ
"އަޅުގަނޑަށް ގާތްގަނޑަކަަށް ހުރިހާ މިނިސްޓަރުންނާ ބައްދަލުވިއިރު، ބައެއް ބޭފުޅުންގެ އެހީތެރިކަން ބޭނުންވި ވަގުތު އެހީތެރިކަން ވެސް ދެއްވާފައި އެބަހުރި. މިސާލަކަށް ޕްލޭނިން މިނިސްޓަރު، އަޅުގަނޑުމެންނަށް ޕްލޭނިން މިނިސްޓްރީގެ ޓެކްނިކަލް އެހީތެރިކަން އެބަދެއްވާ. އަދި ޕްލޭނިން މިނިސްޓްރީ ދަށުގައި އޮތް ޕަބްލިކް ވޯކްސްގެ އެހީތެރިކަން ވަރަށް ބޮޑަށް ދެއްވާ،" މޭޔަރު ވިދާޅުވި އެވެ.
"ހަމަ އެގޮތަށް ހެލްތު މިނިސްޓްރީގެ އެހީތެރިކަން، އިކޮނޮމިކް މިނިސްޓަރު. މިހެން ގޮސް ވަރަށް ގިނަ މިނިސްޓްރީތަކުގެ އެހީތެރިކަން އަދި ވަރަށް ރަނގަޅު ބިނާކުރުވަނިވި ވާހަކަތައް ދެކެވިފައި ހުރީ ފިނޭންސް މިނިސްޓަރު، ހެރިޓޭޖް މިނިސްޓަރު، ޔޫތު މިނިސްޓަރު... ޖުމްލަ ގޮތެއްގައި ވަރަށް ރަނގަޅަށް އެއްބާރުލުން ދެއްވާ."
އޭނާ ވިދާޅުވީ މާލެ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއާ ގުޅިގެން ފަހިދިރިއުޅުން ކޯޕަރޭޝަނާ ބައްދަލުކުރަން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް މިހާ ހިސާބަށް އައިއިރު ވެސް އެ ކުންފުންޏާއެކު މަޝްވަރާ ކުރެވިފައިނުވާކަން ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ހުޅުމާލޭގެ ކަންކަމުގައި މާލެ ސިޓީ ކައުންސިލާ މަޝްވަރާނުކުރާ ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން އެމްޑީޕީން ސުޕަ މެޖޯރިޓީ ނަގަމުން ދިޔަ މާލޭ ސިޓީ ކައުންސިލުން މި ފަހަރު ގިނަ ގޮނޑިތައް ލިބުނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށެވެ.