08 ޖޫން 2021 - 10:31

އަދާލަތު ޕާޓީގެ ބެކިންއާ އެކު މި ސަރުކާރުގެ ފުރަމަތަ ޖެންޑާ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތް ޝިދާތާ ޝަރީފަކީ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ ހޫނު ހަމަލާތަކުން "އަނދައަނދާ" އޮންނަ ވަޒީރެވެ. އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ބިޔަ ލަޝްކަރު އޭނާ ވަށައިލީ، ކުޑަކުދިންނާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެ، އެކަންކަން ހަމައަކަށް އެޅުވުމުގައި ފެއިލްވި ކަމަށް ބުނެ އެވެ.

އެމްއާރްއެމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އާތިފާ ޝަކޫރަށް ވެސް ފިއްތުންތައް ކުރިމަތި ކުރުވައި، މަޖިލީހަށް އެތައް ފަހަރަކު ދަމައި، އިސްތިއުފާ އަށް ގޮވައި އަޑުގަދަވެގެން އޭނާ އެންމެ ފަހުން ވަޒީރުކަން ދޫކޮށްލެއްވި އެވެ.

ކޮވިޑް-19 ފެތުރުމުގެ ކުރިން ވެސް "ނޯ ކޮންފިޑެންސް މޯޝަނެއްގެ ތުންފަތް މަތީގައި" ހުރި ޖުމްހޫރީ ޕާޓީގެ އަބްދުﷲ އަމީން ހިންގެވި ވުޒާރާއިން ފެންނަން ޖެހުނީ އެންމެ ގޯހެކެވެ. ހުރި ގޮތަށް "ކަނޑައި ވައްޓާލައި"، މިހާރު ޖިނާއީ ބޮޑު ތަހުގީގެއް ވެސް އޭނާގެ މައްޗަށް އެބަ ކުރެ އެވެ.

މިފަހުން ވެސް އެމްޑީޕީގެ ޕީޖީގެ ދިގު އަތް ފޯރީ ހަމަ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހުންނެވި ޓެކްނޮޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހަށެވެ. އޭނާގެ ކުރި ބޮޑު ކުށަކީ އެ މިނިސްޓްރީން ހަދަން ޖެހޭ ކަމަށް ބުނާ ގަވައިދެއް ނުހެދި އޮތުމެވެ. އެމްޑީޕީގެ މުޅި މަޖިލިސް ހީވީ މަލީހު "އަރައި ކައިލި" ހެނެވެ.
މި ވާހަކަތައް އަލުން ދައްކަން ޖެހެނީ، ވަޒީރުންގެ އިހުމާލުތަކާއި ބޮޑެތި މައްސަލަތައް އަނެއްކާވެސް ފެންމަތިވީމަ އެވެ. ހެލްތު މިނިސްޓްރީގެ މާސިންގާ ބޮޑު އިހުމާލަކާ ހެދި އުމުރުން 11 އަހަރުގެ މައުސޫމް ކުއްޖެއްގެ ފުރާނަ ހިނގައްޖެ އެވެ. އަދި ހަމައެހެންމެ، ޑިފެންސް މިނިސްޓަރަށް އެނގިވަޑައިގެންފައި އޮއްވާ، އޭނާގެ އަތް ދަށުން ދައުލަތުގެ އެއް ބާރުގެ ވެރިޔާ އަށް ޓެރަރިސްޓް ހަމަލާއެއް ވެސް ދީފި އެވެ. ކުރިން އެފަދަ ކަމެއް ހިނގަން އުޅޭކަން އެނގި ހުރިހާ ދިމާލަކުން ފެންނަން އޮތީ އިހުމާލެވެ.
ނަމަވެސް ކުރިޔާ ހިލާފަށް މިފަހަރު ތަފާތު ވަނީ އެއް ކަމެކެވެ. ކުރިން "ގޯސް ހެދީ" ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުންނެވެ. މިފަހަރު އިހުމާލު ފެންނަން އޮތީ އެމްޑީޕީން ވަރަށް ގަދަރު ކުރާ ވަޒީރުންގެ ފަރާތުންނެވެ. އެއާއެކު، ބާރުގަދަ މަޖިލިސް ލޮނު މަޑުވެ، "ބީރު ވެއްޖެ" އެވެ.
"ގާނޫނުއަސާސީގައި މަޖިލިސް މެންބަރުންގެ ޒިންމާ ބަޔާން ކޮށްފައި އޮންނަ އިރު ސާފުކޮށް އޮންނާނެ ދާއިރާއަކަށް ވެސް ބެލުމެއް ނެތި މުޅި ގައުމާއި ރައްޔިތުންނަށް ފައިދާ ވާނެ ގޮތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށް. ހަމައެކަނި އެ ޕޮއިންޓަށް ވިސްނިޔަސް އެމްޑީޕީ ފެއިލް ވެއްޖެކަން އެނގޭ،" އިދިކޮޅު މެންބަރަކު "މިހާރު" އަށް ވިދާޅުވި އެވެ.
"އެމްޑީޕީ އަށް ނިސްބަތްވާ ވަޒީރެއް ވެއްޖެއާ ގައުމު ކޮންމެ ހިސާބަކަށް ގެންދިއަޔަސް އެއްޗެއް ވިދާޅު ނުވެ، ތުން ފިއްތައިގެން ތިބޭތަން މި ފެންނަނީ."
އެ ވިދާޅުވާ ވާހަކައިގެ ފުރިހަމަ މިސާލެއް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ހާޒިރުކޮށްގެން އިއްޔެ ބޭއްވި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ ކުރިޔަށް ދިޔަ ގޮތަށް ކަޅިއެއް އެއްލިޔަސް ސާފުވާނެ އެވެ.
ނަސީމް ހާޒިރު ކުރީ ދެ ކަމަކަށެވެ. މިނިސްޓްރީގެ ބޮޑު އިހުމާލެއްގެ ސަބަބުން ފުރާނަ ދިޔަ މިޝްކާގެ މަރާ ގުޅޭ ގޮތުން ސުވާލު ކުރުމަށާއި ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާއާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ޖަވާބުދާރީ ކުރުވުމަށެވެ.
ނަމަވެސް ކަންތައް ވެގެން ދިޔައީ އެއާ މުޅިން ހިލާފަށެވެ. ނަސީމް ދެއްކެވީ ޖަވާބުދާރީވެވަޑައި ނުގެންނެވޭނެ އުޒުރެކެވެ. އެކަމާ ދެކޮޅަށް ބަހެއް ބުނާނެ ނުވަތަ އިޝާރާތެއް ކޮށްލާނެ ވެސް މެންބަރަކު ނެތެވެ. މިޝްކާގެ މައްސަލަ އަށް ވުރެ ނަސީމަށް ހަމްދަރުދީވާހެން ވެސް ހީވާ ކަހަލަ އެވެ. މުޅި ކޮމިޓީ ކޮންޓްރޯލް ކުރީ ނަސީމެވެ. އޭނާ ވިދާޅުވި ގޮތަކަށް އެކަންވާން ދޫކޮށްލި އެވެ.
ސިއްހީ ދާއިރާއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާ އަށް އެތައް ރައްޔިތުންތަކެއް ކަންބޮޑުވުންތައް ބަންޑުންކޮށްލައި، ލޯ ކުރިމަތީގައި އާއިލާ މީހުންގެ ފުރާނަަ ދާއިރު ސިއްހީ ދާއިރާ އިން އަޅައި ނުލުމާއި އިހުމާލަކަށް ފަހު އިހުމާލެއްގެ ވާހަކަތައް ފެންމަތިވެ ސުރުހީތައް ފުރި ބާރުވެފައިވާ އިރު ވެސް، އެމްޑީޕީ އަދި އެ ނޫން ޕާޓީއެއްގެ މެންބަރެއްގެ ވެސް "ހަރަކާތެއް"ހާ ވަރު ވެސް ކޮމިޓީން ނުފެނި ނަސީމް ސަލާމަތްވި އެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ވެސް މައްސަލަތައް ވެސް އޮތީ އެ ހިސާބުގަ އެވެ. ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރުގެ ވެރިޔާ އަށް ބަޔަކު ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު މަޖިލިސް މެންބަރަކު ދިނުމުން ވެސް ނަޝީދަށް ދިން "ހައި ލެވަލް ސެކިއުރިޓީ" ސީސީޓީވީ ފުޓޭޖުތަކުން ފެނި ސިފައިން ބޭޒާރުވި އިރު ވެސް، މާރިޔާ ހުންނެވީ ހަމަ ގަދަކަން މަތީގަ އެވެ.
ޕްރޯ ގަވަމަންޓް ޓީވީތަކަށް އަރުއްވައި، މާރިޔާ ޖެހިލުމެއް ނުވެ ބަސް ވިދާޅުވަމުން ގެންދަނީ ކޮންފިޑެންސާ އެކު ބިރަކާ ނުލައެވެ. މައްސަލައެއް ނުބެލޭނެ ކަމާއި މަޖިލީހާއި ސަރުކާރުގެ ބާރާއި ބެކިން އަދިވެސް ފުރިހަމަ އަށް އޮތް މީހަކު ވާހަކަ ދައްކާނެ ކަހަލަ ރާގަކުންނެވެ.
ނަމަވެސް މާރިޔާ އެ ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނާ ކަނޑައެޅިގެން ހިލާފުވެފަ އެވެ. އޭގެ ސަބަބުން ނަޝީދުގެ ފުރާނަ އަށް ނުރައްކާވެ، ބޮޑު އަނިޔާއެއް ލިބިވަޑައިގަތުމުން މި ވަގުތު މާރިޔާ އެ ހުރީ ފެއިލްވެ، މަގާމްްގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭނެކަން ވެސް ސާބިތުވެފަ އެވެ.
"އިލްޔާސް ލަބީބުގެ ކޯލް ދިފާއީ ވަޒީރަށް ލިބުނީމަ އެއްވެސް މީހަކަށް ރިޕޯޓު ނުކުރެއްވީ، އިލްޔާސް އަށް އެނގުނު ކަމަކަށް ވާތީ ފުލުހުންނަށް ރިޕޯޓު ކުރާށޭ ކިޔާފައި ހަނު ހުރުމަކީ ވެސް މަނާ ކަމެއް ކަމަށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބުނޭ. އަނެއްކާ އެއީ ޓެރަރިޒަމް ފަދަ އަމަލެއް ހުއްޓުވުމުގައި އެންމެ ބޮޑު ޒިންމާ އޮންނަ ފަރާތް،" މަޖިލީހުގެ 241 ކޮމިޓީ މެންބަރަކު މިހާރަށް ވިދާޅުވި އެވެ.
"އެއްވެސް ފިޔަވަޅެއް ނާޅުއްވާ ހުންނެވީމަ މިނިސްޓަރު [މާރިޔާ] ކުށްވެރިވާނެ."
ނަމަވެސް އޭނާއާ ދޭތެރޭ އެމްޑީޕީގެ އޮތް ސޮފްޓް ކޯނާ ފެނިގެން ދިޔައީ އިންކުއަރީ އަށް ވެސް ސިފައިން ނުފޮނުވަން ދެކޮޅު ހަދައި ގަދަ ދައްކާލީމަ، ޕާޓީގެ ވަޒީރުގެ ގައިގައި އަތް ނުލައި، ޑެޕިއުޓީ މިނިސްޓަރަކު "ކަތިލި" ގޮތުންނެވެ.
މިފަދަ ބޮޑުތި އިހުމާލުތަކާ އެކު ވެސް އެކި ޕާޓީތަކުގެ ވަޒީރުންނަށް އެކި ގޮތަށް އެމްޑީޕީ ޕީޖީން އަމަލު ކުރާ މައްސަލާގައި މި ރިޕޯޓަށް ކޮމެންޓް ކުރައްވަމުން، ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ރޭ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕީޖީން އެއްވެސް ވަޒީރަކާ މެދު ތަފާތު ކުރުމެއް ނުގެންގުޅެ އެވެ. އަދި ގާނޫނާއި ގަވައިދުގެ މަތިން ހުރިހާ ވަޒީރަކާ މެދު ފާރަވެރިވެ، ޒިންމާދާރު ކުރުވުމުގެ މަސައްކަތް ވޭތުވެދިޔަ ތަނުގައި ވެސް އަދި ދެން ވެސް ކުރަމުން ދާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
"ވަޒީރުންތަކެއް ވަކި ކުރަން އުޅެނީކީ ނޫން. އަޅުގަނޑުމެންގެ ޒިންމާއަކީ މިކަންކަމަށް ފާރަވެރިވެ ތިބުން. އެހެންވެ ތަފާތު ކުރުމެއް ނެތި އެކަންކަން ގަވައިދުގެ ތެރެއިން އަޅުގަނޑުމެން ކުރިޔަށް ގެންދަން،" ފަލާހު ވިދާޅުވި އެވެ.
ނަމަވެސް މި ދުވަސްވަރު ހިނގައިގެން އުޅޭ ވަކިވަކި މައްސަލަތަކާ ގުޅޭ ގޮތުން އޭނާ ވަކި އެއްޗެއް ވިދާޅުވާން ބޭނުމެއް ނުވި އެވެ. އަދި އިތުރު ޖަވާބެއް ނުދެއްވައި، ފޯނު ކޯލް ކުރުކޮށްލެއްވި އެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހުންނަވި ނަމަވެސް "މިނިވަން" ސިފަތައް ގެންގުޅުއްވާ، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންގެ ރައުޔު މި މައްސަލައިގައި ތަފާތެވެ. އަދި އެއީ، އޭނާ އަށް ވަރަށް ސީރިއަސް ވެސް މައްސަލައެއް ވެސް މެ އެވެ.
އޭނާ "މިހާރު"އާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ވަޒީރުންނާ މެދު ތަފާތުކުރުން ގެންގުޅޭ މައްސަލަ ވަރަށް ބޮޑެވެ. އެއީ ޗެކް އެންޑް ބެލެންސް ސިސްޓަމަށް ގެއްލުން ލިބޭ ފަދަ ކަމެކެވެ. އަދި ހަގީގަތުގައި ވެސް އެ ސިސްޓަމަށް އަމަލު ކުރެވޭތަން މިހާރު ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައިގެ ރޫޓް ކޯސް ފެށެނީ އަލީ ހުސެއިން ވިދާޅުވާ ގޮތުގައި 2008 ގެ ފަހުންނެވެ. ތިން ބާރު ވަކިވެފައި އޮންނަން ޖެހޭނެ ކަމަށް ހުރިހާ ފަރާތްތަކުން އެހާ ބޮޑަށް ވަކާލާތު ކުރި ނަމަވެސް އޭރުގެ ސަރުކާރާއި 2013 ވަނަ އަހަރު އިންތިހާބުވި ސަރުކާރުން ވެސް އަސާސީ ހިދުމަތް ފޯރުކޮށް ދިނުމާއި މަޝްރޫއުތައް ހިންގުމުގައި އެކި ދާއިރާތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅެ އެވެ. ސީދާ ސިޔާސީ ބޭނުންތަކަށް ގަސްތުގައި ބަޖެޓު ނުދިނުމާ ކަންކަން ހިނގަ އެވެ. ނަމަވެސް "މަޝްރޫއުތައް ނުހިންގެނީ މެންބަރުން އެއްބާރުލުން ނުދޭތީ" ކަމަށް ވެސް ބުނެ އެވެ.
އެހެންވެ، ރައްޔިތުންނަށް ވެސް އެގޮތަށް ވިސްނި ގިނަ މެންބަރުން ތިބެން ޖެހެނީ ސަރުކާރުގެ "އަތް ދަށުވެފަ" އެވެ. މިހާރު ވެސް ފެންނަ ސަރުކާރަށް ތާއީދު ކުރާ މެންބަރުން، ނުވަތަ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު އެންގެވި ގޮތަކަށް އަމަލު ކުރާ މެންބަރުން ފާޅު ވަނީ އެހެންވެ ކަމަށް ވެދާނެ އެވެ.
"އެހެންވެ ވަކިވަކި މެންބަރުން ވަކި ވަޒީރުންނާ މެދު ސޮފްޓް ކޯނާއެއް އޮންނަނީ. އެ ދާއިރާ އަށް ކަންކަން ކޮށްދޭ ވަޒީރުންގެ މައްސަލަ އަޔަސް މާ ގިނަ ވާހަކަތަކެއް ނުދައްކާނެ، އަޅައެއް ނުލާނެ،" އަލީ ވިދާޅުވި އެވެ.
އަނެއް މައްސަލައަކީ ޕާޓީ ނިޒާމްގެ ތެރޭ އޮންނަ ކަލްޓް ސިފަ އެކެވެ. ވަކި ލީޑަރެއްގެ ފޮޓޯ "ވިއްކައިގެން" ބައެއް މެންބަރުން މަޖިލީހަށް ހޮވަން ޖެހުން ފަދަ ސިޔާސީ އުކުޅުތަކާ ހެދި ވެސް އެ މެންބަރުން ތިބެން ޖެހެނީ ޕާޓީގެ ލީޑަރު އެންގި ގޮތަކަށް އެ ވިސްނުމަކަށް ކަމަށް އަލީ ވިދާޅުވި އެވެ.
ވަރަށް ގިނަ ފަރާތްތަކުން އިއްތިފާގުވާ މައްސަލައަކީ މި އެވެ؛ ރައްޔިތުންގެ މަޖިލީހުން އެމްޑީޕީގެ ވަޒީރުންނާ ދޭތެރޭ ތަފާތުކުރުންތައް ގެންގުޅެ އެވެ. އެއީ އެކި ފަހަރު ފެންނަން އޮތް ހަގީގަތެކެވެ. މިސާލަކަށް؛ މިއަދު ހެލްތު މިނިސްޓްރީގައި ނުވަތަ ޑިފެންސް މިނިސްޓްރީގައި އެހެން ޕާޓީއެއްގެ ވަޒީރަކު ހުރި ނަމަ އެ ފަކީރުގެ ހާލަކީ ކޮބައި ހެއްޔެވެ؟