10 ޖޫން 2021 - 13:20

ޔޫރޯގައި އެންމެ ފުރަތަމަ ވާދަކުރީ 2008 ގައި

ޔޫރޯގައި ގުރޫޕް ސްޓޭޖު ފަހަނަޅައި ދެވިފައެއް ނުވޭ

ޔޫރޯގައި ވާދަކުރާ ތިން ވަނަ ފަހަރު
އޮސްޓްރިއާގެ ފުޓްބޯޅައިގައި އަވަށްޓެރި ޖަރުމަންގެ ނުފޫޒު ބޮޑެވެ. ޖަރުމަންގެ ބުންޑެސް ލީގާގައި އޮސްޓްރިއާގެ ކުޅުންތެރިން ގިނަ އެވެ. އޮސްޓްރިއާގެ ކޯޗަކީ ވެސް ކުރީގެ ހުޅަނގު ޖަރުމަނަށް ކުޅުނު ފްރެންކޯ ފޯޑާ އެވެ.
ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އޮސްޓްރިއާ އެންމެ ފުރަތަމަ ވާދަކުރީ ޔޫރޯ 2008 ގެ މުބާރާތް ހޯސްޓްކުރި އެއް ގައުމުގެ ހައިސިއްޔަތުންނެވެ. ކޮލިފައިން މަރުހަލާއެއް ކަޑަތުކޮށް ޔޫރޯގައި އެ ޓީމު ވިދިވިގެން ކުޅޭ ދެ ވަނަ ޔޫރޯ އަށް މިފަހަރުގެ މުބާރާތް ވާނެ އެވެ.
ޔޫރޯގެ ކޮލިފައިންގެ ގުރޫޕް ޖީ ލައްވާލި ގޮތުން އޮސްޓްރިއާ އަށް ފަސޭހަކަމާ އެކު ކޮލިފައި ވެވިދާނެ ކަމަށް ބެލެވުނެވެ. އެ ޓީމަށް ވާދަކުރަން އުނދަގޫ ޓީމަކަށް ގުރޫޕްގައި އޮތީ ޕޮލެންޑެވެ. ދެން އެ ގުރޫޕްގައި ހިމެނުނީ، ނޯތު މެސެޑޯނިއާ، ސްލޮވޭނިއާ، އިޒްރޭލްގެ އިތުރުން ލެޓްވިއާ އެވެ.
ކޮލިފައިންގެ ފުރަތަމަ ދެ މެޗުގައި ޕޮލެންޑް އަދި އިޒްރޭލު އަތުން ބަލިވެ ކޯޗު ފްރެންކޯ ފޯޑާއަށް ޕްރެޝަރު ކުރިމަތިވި އެވެ. ނަތީޖާތައް ރަނގަޅު ކޮށްގެން ނޫނީ އޭނާ އަށް މަގާމުގައި ދެމިނުހުރެވޭނެކަން ޔަގީންވި އެވެ. އޭގެ ފަހުން ނަތީޖާތައް ރަނގަޅުކޮށް ގުރޫޕްގެ ދެ ވަނައިގައި ޔޫރޯއަށް ކޮލިފައިވި އެވެ. ކުޅުނު 10 މެޗުން ހަ މެޗު ކާމިޔާބުކުރި އެވެ. ތިން މެޗުން ބަލިވެ އެއް މެޗު އެއްވަރު ކުރި އެވެ. ޕޮލެންޑާ ދެކޮޅަށް އެއްވަރު ކުރި އެވެ. އެއް ވަނަ ހޯދި ޕޮލެންޑާއި އޮސްޓްރިއާ އާ ދެމެދު ހުރީ ހަ ޕޮއިންޓްގެ ފަރަގެވެ.
އޮސްޓްރިއާގެ އެންމެ މަޝްހޫރު ކުޅުންތެރިޔަކީ، ބަޔާން މިޔުނިކްގައި 13 އަހަރު ހޭދަ ކުރުމަށް ފަހު ރެއާލް މެޑްރިޑަށް ބަދަލުވި ޑޭވިޑް އަލަބާ އެވެ. އޭނާ ވަނީ ބަޔާންއާ އެކު ބުންޑެސް ލީގާގެ ތަށި 10 ފަހަރު ހޯދައި، ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ.
ނަމަވެސް އޮސްޓްރިއާ ޓީމުގައި އެންމެ މުހިންމު ކުޅުންތެރިޔާގެ ގޮތުގައި ފާހަގަ ވެފައި އޮތީ އަލަބާގެ ނަމެއް ނޫނެވެ. ލަނޑު ޖެހުމުގެ މައްސަލަ ކުރިމަތިވި އޮސްޓްރިއާގެ ޓީމަށް ބޭނުން ވެފައި އޮތީ އިދިކޮޅު ޓީމުތަކުގެ ޑިފެންސް ރޫޅާލައި ލަނޑު ޖަހާނެ ކުޅުންތެރިޔެކެވެ. އެކަން އެ ޓީމުގައި ކުރަނީ އިންޓަ މިލާން އާއި ވެސްޓްހަމް ޔުނައިޓެޑަށް ކުރިން ކުޅުނު މާކޯ އާނައުޓޯވިޗް އެވެ. ކޮލިފައިންގައި އޭނާ ވަނީ ހަ ލަނޑު ޖަހައިފަ އެވެ.
ފްރެންކޯ ފޯޑާ ކޯޗެއްގެ ގޮތުގައި އެންމެ ގިނަ މުއްދަތެއް ހޭދަ ކުރީ އޮސްޓްރިއާގެ ސުޓްރަމް ގްރާޒްގަ އެވެ. އެންމެ ފުރަތަމަ އެ ޓީމުގެ އެސިސްޓެންޓް ކޯޗަކަށެވެ. ހެޑް ކޯޗް ކަމާ އޭނާ ހަވާލުވީ 2006 ގަ އެވެ. އޭނާގެ ކޯޗުކަމުގެ ދަށުން އެ ކްލަބުން އޮސްޓްރިއާގެ ލީގު ކާމިޔާބު ކުރި އެވެ.
އޮސްޓްރީއާގެ ކޯޗް ކަމުގައި ހަ އަހަރު ހޭދަކުރި ސްވިޒަލޭންޑްގެ މާސެލް ކޯލާއަށް، އެންމެ ފަހުގެ ވޯލްޑް ކަޕަށް އޮސްޓްރިއާ ކޮލިފައިކޮށް ނުދެވުމުން އޭނާ މަގާމުން ވަކިކުރި އެވެ. ގައުމީ ޓީމުގެ ކޯޗް ކަމަށް ގެންނަން އޮސްޓްރިއާގެ ފުޓްބޯލް ފެޑްރޭޝަނަށް ފެނުނު އެންމެ ރަނގަޅު މީހަކަށްވީ ފޯޑާ އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން ޔުއެފާ ނޭޝަން ލީގުގެ ލީގު އޭ އަށް އޮސްޓްރިއާ ޕްރަމޯޓް ކޮށްދިނެވެ. އަދި ޔޫރޯއަށް ކޮލިފައިކޮށްދިނުމުން އޭނާއާ މެދު އިތުރަށް އުންމީދު އާވި އެވެ.