ވެކްސިން ޖެހި ދަތުރުވެރިންނަށް ސްޕޭން ހުޅުވާލައިފި
ވެކްސިން ޖެހި ދަތުރުވެރިންނަށް ސްޕޭން ހުޅުވާލައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ އެއްވެސް ބާވަތެއްގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ކޮންމެ މީހަކަށް ވެސް، ސްޕޭނަށް އެތެރެ ވެވޭނެ ކަމަށް އެ ގައުމުން މިއަދު ނިންމައިފި އެވެ.

އެ ގައުމުގެ ހެލްތު މިނިސްޓަރު ކެރޮލީނާ ޑެރިއަސް ވިދާޅުވީ ސްޕޭނަކީ ކޮންމެ މީހަކަށް ވެސް އަމާން ތަނެއް ކަމަށެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި ކޮންމެ މީހަކަށް ވެސް، އެ ގައުމަށް އެތެރެވުން ހުއްދަ ކުރީ، ކޮވިޑްގެ ސަބަބުން ހީނަރުވެފައިވާ، އެ ގައުމުގެ ޓޫރިޒަމް ދާއިރާ އަށް ދިރުން ގެނައުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެކްސިން ނުޖެހި ނަމަވެސް، 72 ގަޑިއިރު ނުވާ ނެގެޓިވް ނަތީޖާއަކާ އެކު، ޔޫރަޕްގެ ގައުމުތަކުން ދަތުރުކުރާ މީހުންނަށް މިހާރު ވެސް ސްޕޭނަށް އެތެރެވެވެ އެވެ. އެކަމަށް ވެސް އިތުރު ލުޔެއް ދިނުމަށް ފަހު މިހާރު ނިންމާފައިވަނީ، ޔޫރަޕްގެ ގައުމުތަކުން ވެކްސިން ނުޖަހައި އަންނަ މީހުން، ކޮވިޑްގެ ނެގެޓިވް ނަތީޖާއެއް ނުގެނަޔަސް، ސްޕޭނަށް އެތެރެވުމަށް ފަހު، ކުޑަ ހަރަދަކުން ހެދޭ، އެންޓިޖީން ޓެސްޓެއް ހަދަންޖެހޭ ގޮތަށެވެ.

ނަމަވެސް ސްޕޭނުގެ އެންމެ ބޮޑު ޓޫރިޒަމް މާކެޓްގެ ގޮތުގައި ބެލެވޭ އިނގިރޭސި ވިލާތުން، ކޮވިޑާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުޔެއް ނުދެ އެވެ. އިނގިރޭސި ވިލާތުން އެކުލަވާލާފައިވާ، ކޮވިޑްގެ ނުރައްކާ ބޮޑު ގައުމުތަކުގެ ލިސްޓުގައި ސްޕޭންގެ ނަން އަދިވެސް އެބަ އޮތެވެ. މިހެންވުމުން، ސްޕޭނަށް ދިޔުމަށް ފަހު، އެނބުރި އަންނަ އިނގިރޭސި ވިލާތުގެ ރައްޔިތުން، ބޮޑު އަގު ދައްކާފައި ކޮވިޑް ޓެސްޓް ހެދުމަށް ފަހު، ގޭގައި ކަރަންޓީނުގެ މުއްދަތު ވެސް ފުރިހަމަ ކުރަންޖެހޭނެ އެވެ.

ޗައިނާގެ ވޫހާން ސިޓީން، ޑިސެމްބަރު، 2019 ގައި ފެނުނު ކޮވިޑް-19، ވަބާއެއްގެ ގޮތުގައި މުޅި ދުނިޔެއަށް ފެތުރި، 174 މިލިއަން މީހަކަށް މިހާތަނަށް މިބަލި ޖެހިއްޖެ އެވެ. އޭގެ ތެރެއިން 3.7 މިލިއަން މީހުން މަރުވެއްޖެ އެވެ. އެމެރިކާގައި، މިހާތަނަށް 34.2 މިލިއަން މީހުންނަށް މި ބަލި ޖެހި، އޭގެ ތެރެއިން 612،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ކޮވިޑް އެންމެ ހަލުވިކޮށް މިހާރު ފެތުރެމުން ދާ އިންޑިޔާގައި، މިހާތަނަށް 28.9 މިލިއަން މީހުންނަށް މިބަލި ޖެހި، އޭގެ ތެރެއިން 349،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. ތިން ވަނަ އަށް އެންމެ ހަލުވިކޮށް މި ބަލި ފެތުރެމުންދާ ބްރެޒީލުން، މިހާތަނަށް 16.9 މިލިއަން މީހުންނަށް މި ބަލި ޖެހި، އޭގެ ތެރެއިން 473،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.