07 ޖޫން 2021 - 14:45

މިޔަންމާގެ އިރުދެކުނު ސަރަހައްދުގައި، އެ ގައުމުގެ އަސްކަރިއްޔާގެ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ތެދުވެފައިވާ މަދަނީ ޖަމާއަތްތަކާއި، ސަރުކާރު ސިފައިންނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން، އެ ސަރަހައްދުގެ ގިނަ އަވަށްތައް ފަޅުވާން ފަށައިފި އެވެ.
ސަރުކާރު ސިފައިންގެ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް އުފެދިފައިވާ ޖަމާއަތަށް، އެ މީހުން އަމިއްލައަށް ދީފައިވާ ނަމަކީ، ކަރެންނީ ޕީޕަލްސް ޑިފެންސް ފޯސް އެވެ. މި ޖަމާއަތް އުފެދުމާ އެކު، ސަރުކާރު ސިފައިން އަންނަނީ، އެ ސަރަހައްދުގެ މީހުން ދިރިއުޅޭ އަވަށްތަކަށް ވައިގެ މަގުން ހަމަލާ ދެމުންނެވެ. ސިފައިންގެ ހަމަލާތައް އެންމެ ފުރަތަމަ ވެސް އަމާޒުކުރީ އާންމުން ދިރިއުޅޭ ގެތަކަށެވެ. އަދި މީހުން އަމާންކަން ހޯދަން ފައްޅިތަކަށް ވަންނަން ފެށުމުން، ސިފައިންގެ ހަމަލާތައް ފައްޅިތަކަށް ވެސް އަމާޒުކުރި އެވެ. މި ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ އެވެ.
މި ހަމަލާތަކާ ގުޅިގެން، އިރުދެކުނުގައިވާ ކަޔާހް ސިޓީގެ ގިނަ އަވަށްތަކުގެ މީހުން މިހާރު ވަނީ، އެމީހުންގެ ގެދޮރު ދޫކޮށް ޖަންގަލިތަކަށް ވަދެ ފިލައިފަ އެވެ. ޖަންގަލިތަކަށް ވަދެ ތިބި އެތައް ހާސް ބަޔަކު މިހާރު ތިބީ، ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައި ކަމަށް، އެ މީހުންނާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓް ކުރެ އެވެ.
ޖަންގަލިތަކަށް ވަދެވުނަސް، އެތަނުގައި ވެސް އެއްވެސް އަމާންކަމެއް ނޯންނާނެ ކަމަށާއި، މިޔަންމާ ސިފައިން ކޮންމެ ވަގުތަކުވެސް އެއްގަމު މަގުން އެ ސަރަހައްދަށް އަރައި، ޖަންގައްޔަށް ވެސް ވަންނާނެ ކަމަށް އެމީހުން ބުނެ އެވެ. އެހެންވެއްޖެ ނަމަ، އެއްވެސް އިންސާނިއްޔަތުކަމެއް ނެތި، މީހުން މަރަން ފަށާނެ ކަމަށް އެމީހުން ދެކެ އެވެ.
މިދިޔަ މެއި މަހުގެ 21 އިން ފެށިގެން، އެ ސަރަހައްދުގައި ހަމަލާތައް ފަށާފައިވާ އިރު، އދ.ގެ އެހީދޭ ޖަމާއަތްތަކުން އަންދާޒާ ކުރާ ގޮތުގައި، ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުން 85،000-100،000 ދެމެދުގެ އަދަދެއްގެ މީހުން ވަނީ ގެދޮރު ދޫކޮށް ޖަންގައްޔަށް ވަދެފަ އެވެ.
ކަރެންނާ ރައްޔިތުންގެ ދިފާއީ ބާރުގެ ހަނގުރާމަވެރިންނާއި، މިޔަންމާ ސަރުކާރުގެ ސިފައިންނާ ދެމެދު އެންމެ ފުރަތަމަ ކުރިމަތިލުންތައް ހިނގީ މި އަހަރުގެ މާޗު މަހުގެ އެވެ. މި ލަޝްކަރު އުފެދުމާ އެކު، އޭގެ ކުރިން އުފެދިފައި ހުރި، ހަނގުރާމަވެރި ކުދިކުދި ގުރޫޕްތައް ވެސް މިހާރު އަންނަނީ، މި އާ ލަޝްކަރާ ގުޅިގެން، ސަރުކާރު ސިފައިންނަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަމުންނެވެ.
މިޔަންމާގައި މިދިޔަ ފެބްރުއަރީ މަހު ގެނައި އަސްކަރީ އިންގިލާބާ ގުޅިގެން، ރައްޔިތުން އަންނަނީ މަދަނީ ސަރުކާރަކާ ވެރިކަން ހަވާލުކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް އެކަމަށް ސިފައިން އިޖާބަ ނުދީ، ސަރުކާރާ ދެކޮޅަށް އަޑުއުފުލައި މީހުން މަރައި، އެތައް ބަޔަކު ޒަހަމްކޮށްލުމާ ގުޅިގެން، ސަރުކާރު ސިފައިންނާ ދެކޮޅަށް ހަތިޔާރު ހިފައިގެން ތެދުވާ ގުރޫޕްތައް އަންނަނީ އިތުރުވަމުންނެވެ.
ފެބްރުއަރީ މަހުގެ އިންގިލާބާ ދެކޮޅަށް އެތައް މިލިޔަން ބަޔަކު މަގުތަކަށް ނުކުމެ ކުރި މުޒާހަރާތައް ރޫޅައިލުމަށް ސިފައިން ދިން ހަމަލާތަކުގައި، މަދުވެގެން 850 މީހަކު ވަނީ މަރާލައިފަ އެވެ. އަދި އިތުރު 8،500 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.