ކޭސްތައް ދަށަށްދާތީ އިންޑިއާގެ ސްޓޭޓްތައް ހުޅުވާލަނީ
ކޭސްތައް ދަށަށްދާތީ އިންޑިއާގެ ސްޓޭޓްތައް ހުޅުވާލަނީ

ނިއު ދިއްލީ (ޖޫން 7) - ކޮރޯނާވައިރަހުގެ ހޮޓްސްޕޮޓުގެ ގޮތުގައި ބެލެވުނު އިންޑިއާގެ ބައެއް ސްޓޭޓްތަކުން ކޭސްތަކުގެ އަދަދު މަދުވާން ފެށުމާ އެކު އެ ސްޓޭޓްތައް މަޑުމަޑުން ހުޅުވާލާ ގޮތަށް ނިންމައިފި އެވެ.

ކޭސްތައް ދަށަށްދާތީ އިންޑިއާގެ ސްޓޭޓްތައް ހުޅުވާލަނީ
ކޭސްތައް ދަށަށްދާތީ އިންޑިއާގެ ސްޓޭޓްތައް ހުޅުވާލަނީ

ލުއި ދޭ ސްޓޭޓްތަކުގެ ތެރޭގައި ވެރިރަށް ނިއު ދިއްލީ އާއި ފައިނޭންޝަލް ހަބް މުމްބާއީ ހިމެނެ އެވެ.

އިންޑިއާގެ ބައެއް ސްޓޭޓްތައް ހުއްޓުމަކަށް އައި ދެ ވަނަ ރާޅުގައި ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި، އޮކްސިޖަން އާއި ބޭސް ވެސް ހުސްވި އެވެ. ދެ ވަނަ ރާޅުގައި ޕީކަށް އެރި ދުވަސްވަރު ވަނީ ދުވާލަކު ހަތަރު ލައްކަ މީހުން ޕޮޒިޓިވްވެފަ އެވެ.

ލުއިތައް ދިން ނަމަވެސް ތަޖްރިބާކާރުން ވަނީ ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ. ސަބަބަކީ ވެކްސިން ޖެހި މީހުންގެ އަދަދު އަދިވެސް އެކަށީގެންވާ ވަރަށް އިތުރުވެފައި ނުވުމާއި އާ ވޭރިއަންޓްތަކުގެ ސަބަބުންނެވެ. އިންޑިއާގައި މިހާތަނަށް ވެކްސިން ޖަހާފައި ވަނީ 230 މިލިއަން މީހުންނެވެ. އެއީ 1.4 ބިލިއަން އާބާދީގެ ތެރޭން ހަތަރު ޕަސެންޓަށް ވުރެ ދަށް އަދަދެކެވެ.

އިންޑިއާ އިން މިއަދު ޕޮޒިޓިވްވެފައި ވަނީ 101،000 މީހުންނެވެ. މިއަދު މަރުވި މީހުންގެ އަދަދު 2،400 އަށް އެރި އެވެ. އިންޑިއާ އިން މިހާތަނަށް ވަނީ 28 މިލިއަން މީހުން ޕޮޒިޓިވްވެ 349،000 މީހުން މަރުވެފަ އެވެ.

ކޭސްތައް މަދުވި ނަމަވެސް ހުރިހާ ސްޓޭޓްތަކެއް ހުޅުވާލަން ގަސްދެއް ނުކުރެ އެވެ. އުތުރުން ރާޖަސްތާން، ކަރުނާޓަކާ، ދެކުނުން ކެރަލާ، ޓަމިލް ނާޑޫ އަދި ޓެލަންގާނާގެ ލޮކްޑައުންނަށް ލުއި ދޭން އަދި ގަސްދެއް ނުކުރެ އެވެ. ލުއިދޭ ސްޓޭޓްތައް ކަމަށްވާ އުއްތަރަ ޕްރަދޭޝް، މަހާރާޝްތުރާ އަދި ހަރިޔާނާ އިން ވެސް ހުޅުވާލަނީ އެކި ފޭސްތަކަށް ބަހާލައިގެންނެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވިދާޅުވީ އަދަދުތައް މަދު ނުވާ ނަމަ އާ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ތިން ވަނަ ރާޅަކަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިއްލީގެ މެޓްރޯ މިއަދު ވަނީ ދެބައިކުޅަ އެއްބައި ޖާގައިގައި އޮޕަރޭޓް ކުރަން ފަށައިފަ އެވެ. މުމްބާއީގެ ފިހާރަތަކާއި ރެސްޓޯރެންޓްތައް ހުޅުވާފައިވާ އިރު މޯލްތަކާއި ސިނަމާތައް ހުޅުވުމުގެ ހުއްދައެއް އަދި ނުލިބެ އެވެ. އުއްތަރަ ޕްރަދޭޝްގެ ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ރޭގަނޑާއި ހަފުތާ ބަންދުގައި މިހާރު ވެސް ކާފިއު ހިންގަ އެވެ. ހަރިޔާނާ ސްޓޭޓުގެ ފިހާރަތަކާއި މޯލްތައް އަދި އަޅުކަން ކުރާ ތަންތަން ހުޅުވާލި ނަމަވެސް ގިނަވެގެން އެއް ފަހަރާ ވަދެވޭނީ 21 މީހުންނަށެވެ.