07 ޖޫން 2021 - 12:53

މަތީ ތައުލީމަށް ކިޔެވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާ ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓު އިއުލާނު ކުރުން މިއަދު ފަސްކޮށްފި އެވެ.
އެ ލިސްޓު އާންމު ކުރަން ކުރިން ނިންމާފައި އޮތީ އަންނަ ބުރާސްފަތި ދުވަހު ކަމަށް ވިޔަސް އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވާ ގޮތުން ދެން ލިސްޓު އާންމު ކުރާނީ މި މަހުގެ 20 ގަ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެގޮތަށް ނިންމީ ކޮވިޑް 19ގެ ހާލަތު ގޯސްވެ، މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަން ހަމަޖެއްސުމާ ގުޅިގެން ކަމަށެވެ.
މިނިސްޓްރީގެ ބައެއް މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ވަގުތީ ލިސްޓާ ގުޅިގެން އެ މިނިސްޓްރީ އަށް ލިބިފައިވާ ޝަކުވާތައް ބެލުމަށް ފަހު، ދަރިވަރުންނަށް ޖަވާބު ދިނުމަށް އިތުރު ވަގުތު ބޭނުން ވުމަކީ ވެސް ދާއިމީ ލިސްޓު އާންމު ކުރަން ނިންމި ސަބަބެއް ކަމަށް އިއުލާނުގައި ވެ އެވެ.
މި ލޯނު ސްކީމުގެ ދަށުން ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ މިސްޓު އާންމު ކުރުން ފަސްކޮށްފައިވާއިރު، ލޯނު ލިބޭ ދަރިވަރުންގެ ތެރެއިން މިހާރު ކިޔެވުން ފަށާފައިވާ ދަރިވަރުންނަށް މި ހިނގާ ސެމިސްޓާގައި ލިބެން ޖެހޭ ފައިސާ، އެ ދަރިވަރުން އަމިއްލަ އަށް ހަރަދުކޮށްފައިވީ ނަމަވެސް، މިނިސްޓްރީން އެ ފައިސާ "ރީ އިންބާސް" ކުރާނެ ކަމަށް ބުންޏެވެ.
މިދިޔަ މޭ މަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްޓޫޑެންޓު ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެ މިނިސްޓްރީން ފެބްރުއަރީ މަހު 770 ޖާގަ އަށް ހުޅުވައިލި މި ސްކީމަށް 1،176 ދަރިވަރަކު ކުރިމަތިލާފައިވެ އެވެ. އޭގެ ތެރެއިން ވަގުތީ ލިސްޓުގައި 417 ދަރިވަރެއްގެ ނަން ހިމަނާފައި ވެ އެވެ.