21 ނޮވެމްބަރ 2016 - 14:41

ނިއު ޔޯކް (ނޮވެމްބަރު 21) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ޚިޔާލުތައް ހުރި ގޮތުން އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވެދާނެ ކަމަށް އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ވަކީލް އަމާލް ކްލޫނީ ވިދާޅުވެއްޖެ އެވެ.

ޓެކްސަސްގެ އަންހެނުންނާ ބެހޭ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަމާލް ވިދާޅުވީ ޓްރަމްޕުގެ ސިޔާސަތުގެ ސަބަބުން އެމެރިކާއި އާއި ދުނިޔޭގެ އެހެން މުސްލިމުންނަށް ވެސް ގެއްލުންވާނެ ކަމަށެވެ.
"މުސްލިމުން އެމެރިކާ އަށް ވަނުން މަނާކުރުމާއި ޓެރަރިސްޓުން ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް އަނިޔާ ދިނުމަށް ވިދާޅުވުން ފަދަ ކަންކަމަކީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަންކަން،" އަމާލް ވިދާޅުވި އެވެ. "މިއީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ މީހުން ވެސް ކަންބޮޑުވާ ކަންކަން. މި ފަދަ ވާހަކަތަކުގެ ސަބަބުން ބައިނަލްއަގުވާމީ ދުނިޔޭގައި އެމެރިކާ އަށް ލިބިފައިވާ އަގު ވެއްޓިދާނެ ކަމުގެ ޝައްކު އުފެދޭނެ."
އަންހެނުންގެ ހައްގުތަކާ ބެހޭ ގޮތުން އަމާލް ވިދާޅުވީ އަންހެނުން އޮބަހައްޓާ ފަހަތަށް ޖެއްސުމަކީ ކޮންމެ ގައުމެއްގެ ވެސް ދެބައިކުޅަ އެއްބައި ފަހަތަށް ޖެހުން ކަމަށެވެ. އެހެންވެ އަމާލް ވަނީ ހުރިހާ އަންހެނުން ވެސް ކުރިއަށް ދިއުމަށް އެދިވަޑައިގެންފަ އެވެ.