08 ޖޫން 2021 - 06:18

ވަކި ޓްވީޓްތަކެއް ބަލަން ބޭނުން ނަމަ އަގެއް ދައްކަން ޖެހޭ ގޮތަށް ޓްވިޓާ އިން "ސުޕަ ފޮލޯޒް" ގެ ނަމުގައި އާ ފީޗާއެއް ތައާރަފުކުރަން ނިންމާފައި ވާއިރު، އެކަމަށް ހާއްސަ މައިގަނޑު ތިން ޝަރުތެއް ކަނޑައަޅާފައިވާ ކަމަށް ރިސާޗަރަކު ބުނެފި އެވެ.
ޓެކް ކުންފުނިތަކުގެ އެޕްތަކާ ބެހޭ މައުލޫމާތު ތިލަކޮށް ރިސާޗަރު ޖޭން މަންޗުން ވޮންގް ބުނެފައިވާ ގޮތުގައި ޓްވިޓާގެ "ސުޕަ ފޮލޯ" ބޭނުން ކުރެވޭނީ މައިގަނޑު ތިން ޝަރުތެއް ހަމަވާ މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުން މަތީގެ މީހަކަށްވުމާއި ފޮލޯވަރުންގެ އަދަދު މަދުވެގެން 10،000 ގައި ހުރުމާއި ފާއިތުވި މަސް ދުވަހުގެ ތެރޭގައި މަދުވެގެން 25 ޓްވީޓްކޮށްފައިވާ މީހަކަށް ވުމެވެ.
ޖޭންގެ ޓްވީޓެއްގައި މި ވާހަކަ ބުނެފައިވާ އިރު އޭނާ ވަނީ "ސުޕަ ފޮލޯޒް" އާއި އެ މަސައްކަތްކުރާނެ ގޮތުގެ ސްކްރީންޝޮޓްތަކެއް ވެސް ހިމަނައިފަ އެވެ. އެގޮތުން "ސުޕަ ފޮލޯ" އާ އެކު ކެޓަގަރީ އާއި ޕްލެޓްފޯމް ސެކްޝަނުގައި "އެޑަލްޓް ކޮންޓެންޓް" އާއި "އޮންލީ ފޭންސް" ވެސް ހިމަނާފައި ހުންނާނެ ކަމަށް ބުންޏެވެ.
ޖޭން ބުނެފައިވާ ގޮތުގައި "ސުޕަ ފޮލޯޒް" އަށް މަހަކު ޗާޖްކުރާނީ މަހަކު 4.99 ޑޮލަރެވެ.
މި ފީޗާގެ ވާހަކަ ޖޭން އެންމެ ފުރަތަމަ ތިލަކުރީ ފެބްއަރީ މަހުގެ ތެރޭގަ އެވެ. އޭނާ ބުނީ ދެން މާ ލަހެއް ނުވެ "ސުޕަ ފޮލޯޒް" ޓްވިޓާ އިން ރަސްމީކޮށް ދޫކޮށްލާނެ ކަމަށެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން އެތަނުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.