22 ނޮވެމްބަރ 2016 - 06:12

"ގްލޭޑިއޭޓާ" ފަދަ މަޝްހޫރު އަދި މޮޅެތި ފިލްމްތައް ކުޅެފައިވާ ހޮލީވުޑްގެ އެކްޓަރު ރަސަލް ކްރޯ އަލުން ކައިވެންޏަކަށް ތައްޔާރު ވާން ފަށައިފި އެވެ.

ހޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން 52 އަހަރުގެ އެކްޓަރާއި އޮސްޓްރޭލިއާގެ ލިޔުންތެރިޔާ ތެރީސާ ޕެނެލޮޕް (ޓެރީ އިރްވިން)، 52، އުޅެނީ ރައްޓެހިވެގެންނެވެ. ޓެރީގެ ފިރިމީހާ ސްޓީވް އިރްވިން ވަނީ 2006 ގައި މަރުވެފަ އެވެ. އެ ދެ މީހުންނަށް ދެ ކުދިން ވެސް ލިބިފައިވެ އެވެ.
ރަސަލް ވެސް މީގެ ކުރިން ކައިވެންޏެއްކޮށް، ދެ ދަރިން ލިބިފައިވެ އެވެ. އޭނާ އާއި ބަތަލާ އަދި ލަވަ ކިޔުންތެރިޔާ ޑެނިއަލް ސްޕެންސާ، 47، 2003 ގައި ކުރި ކައިވެނި ރަސްމީކޮށް ނިމުމަކަށް އައީ 2012 ގަ އެވެ.
ރަސަލް ވަނީ އޭނާގެ ފިލްމް "ޕްރޫފް އޮފް ލައިފް" ގެ ބަތަލާ މެގް ރަޔަން، 55، އާ ވެސް ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަސަލް އާއި ޓެރީގެ ގުޅުން މިހާތަނަށް ވަރަށް ބޮޑަަށް ސިއްރުކޮށްގެން އުޅުނު ނަމަވެސް ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ގާތް މީހުން ގާތު ބުނެފައިވެ އެވެ.
އެ ދެ މީހުން ކައިވެނި ކުރަން ނިންމާފައި ވަނީ 2018 ގެ ފަހުކޮޅު އެވެ.
"އަ ބިއުޓިފުލް މައިންޑް" އާއި "ލެސް މިސެރަބަލް" ފަދަ ފިލްމްތައް ކުޅެ، އޮސްކާ އާއި ގޯލްޑެން ގްލޯބް ވެސް ހާސިލްކޮށްފައިވާ ރަސަލް ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޖޫން 9، 2017 ގައި ރިލީޒް ކުރާ "ދަ މަމީ" އިންނެވެ.
އޭނާގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ މެއި މަހު ރިލީޒް ކުރި "ދަ ނައިސް ގައިޒް" އެވެ.