ޓެކްނިކަލް މައްސަލައަކާ ގުޅިގެން މަޖިލިސް ޖަލްސާ ކެންސަލް
ޓެކްނިކަލް މައްސަލައަކާ ގުޅިގެން މަޖިލިސް ޖަލްސާ ކެންސަލް

ޓެކްނިކަލް މައްސަލައެއް ދިމާވެގެން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.

ކޮންމެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާތައް މިހާރު ފަށަނީ ހެނދުނު 10:00 ގައެވެ.

ނަމަވެސް މަޖިލީހުގެ ކޮމިއުނިކޭޝަން އެންޑް މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު ވިދާޅުވި ގޮތުގައި ޓެކްނިކަލް މައްސަލައެއް ދިމާވެ، އެ މައްސަލަ ހައްލު ކުރަން ވަގުތު ނަގާނެ ކަމަށް ބެލެވޭތީ މިއަދުގެ ޖަލްސާ ކެންސަލް ކޮށްފައިވާ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ގިނަ މެންބަރުން ޖަލްސާގައި ބައިވެރިވަނީ އޮންލައިންކޮށެވެ.

މިއަދުގެ ޖަލްސާ ކެންސަލް ކުރިއިރު، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ތެރޭގައި ވަނީ މައްސަލަ ޖެހި ހޫނުވެފަ އެވެ. އެކަން ހިނގާފައި ވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރަން ޑިފެންސް މިނިސްޓްރީން ދެކޮޅު ހެދި މައްސަލަ ނުބަލަން އިމްތިޔާޒް އަދި ސުލޫކް ކޮމިޓީން ރޭ ނިންމުމާ ގުޅިގެނެވެ. އެ މައްސަލަ ބޭރުވީ އެމްޑީޕީގެ ހަތަރު މެންބަރެއްގެ ވެސް ވޯޓާ އެކުގަ އެވެ.

ބައެއް މެންބަރުން ތުހުމަތު ކުރައްވާ ގޮތުގައި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލަށް ފިޔަވަޅު ނާޅައި މައްސަލަ ބޭރުކޮށްލަން އެންގީ އަލިފުށީ ދާއިރާ މެންބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނެއް ކަމަށްވާ، މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް އެމްޑީޕީގެ ގިނަ މެންބަރުން އަންނަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ޒަމީލްގެ މައްސަލަ ނުބަލަން ނިންމުމަކީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލޮބީ ކުރައްވައިގެން ކުރައްވާ މަސައްކަތެއް ކަމަށް މިހާރު ހަމަލާއާ ގުޅިގެން ޖަރުމަނުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.