ބަތަލާ އެވެލީން ކައިވެނިކޮށްފި
ބަތަލާ އެވެލީން ކައިވެނިކޮށްފި

ކައިވެނިކުރިތާ މަހެއްވާން ކައިރިވެފައި ވަނިކޮށް ބޮލީވުޑްގެ ބަތަލާ އެވެލީން ޝަރުމާ ކައިވެނިކުރިކަން އިއުލާންކޮށްފި އެވެ.

ޖަރުމަނަށް އުފަން ބޮލީވުޑްގެ ބަތަލާ ކައިވެނިކުރީ އޭނާ ރައްޓެހިވެގެން ގިނަ ދުވަސްވަންދެން އުޅުނު އިންޑިއާ ދަރިކޮޅުގެ އޮސްޓްރޭލިއާގެ ދަތުގެ ޑރ. އަދި ވިޔަފާރިވެރިޔާ ތުޝާން ބިންދީއާ އެވެ. އެ ދެ މީހުން އެންގޭޖްވީ 2019 ގެ އޮކްޓޯބަރުގަ އެވެ.

މީޑިއާތަކުން ބުނީ ކަންޓްރީ-ސްޓައިލަށް ބޭއްވި ކައިވެނީގެ ހަފުލާ އޮތީ މިދިޔަ މަހުގެ 15 ގައި އޮސްޓްރޭލިއާގެ ބްރިޒްބޭންގައި ކަމަށާއި އޭގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާގެ މިހުން ކަމަށެވެ.

ކައިވެނިކުރި ވާހަކަ އެވެލީން އިންސްޓަގްރާމްގައި ކައިވެނީގެ ހަފުލާގެ ފޮޓޯއަކާ އެކު އާންމުކުރީ ހޯމަ ދުވަހު އެވެ. އޭގެ ކެޕްޝަނަކަށް ހިތަކާ އެކު އިނީ "ފޯއެވާ" އެވެ.

އުމުރުން މިހާރު 34 އަހަރުގެ އެވަލީން ބޮލީވުޑަށް ނުކުތީ 2012 ގެ "ފްރޮމް ސިޑްނީ ވިތު ލަވް" އިންނެވެ. އޭގެ ފަހުން އޭނާ ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި ރަންބީރް ކަޕޫރްގެ "ޔެ ޖަވާނީ ހެ ދީވާނީ" އާއި ޕްރަބާސްގެ "ސާހޯ" އާއި ވަރުން ދަވަންގެ "މޭ ތޭރާ ހީރޯ" އާއި ޝާހްރުކް ޚާންގެ "ޖަބް ހެރީ މެޓް ސޭޖަލް" ފަދަ ފިލްމުތައް ހިމެނެ އެވެ.

އެވެލީން ގިނައިން ފެނިފައި ވަނީ ސަޕޯޓިން ރޯލުތަކުންނެވެ.