07 ޖޫން 2021 - 10:57

އިރުމަތީ ގުދުސްގެ ޝައިހް ޖައްރާހް އަވަށުގައި ދިރިއުޅޭ މުހައްމަދުލް ކުރްދު ހައްޔަރުކުރަން، އިޒްރޭލު ފުލުހުން އިއްޔެ އައި ވަގުތު، މުހައްމަދު ގޭގައި ނެތުމުން އޭނާގެ ނިބޫ ދައްތަ މުނާ ހައްޔަރުކުރުމާ ގުޅިގެން، މުހައްމަދު އަމިއްލައަށް ފުލުހުންގެ އިދާރާއަށް ގޮސް އަމާން ދީފި އެވެ.
މުހައްމަދުލް ކުރްދަކީ، އެ އަވަށުގައި ދިރިއުޅޭ ފަލަސްތީނު މީހުން، އެމީހުންގެ ގެދޮރުން ނެރެ، ޔަހޫދީ ވަޒަންވެރިންނަށް ދިނުމަށް އިޒްރޭލު ސަރުކާރާއި އިޒްރޭލުގެ ކޯޓުތައް ގުޅިގެން ހިންގާ ޖަރީމާ ދެކޮޅަށް އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އެކަކެވެ. ކުރްދު އާއިލާއަކީ ވެސް، އެމީހުންގެ ގެދޮރުން ނުކުތުމަށް އިޒްރޭލުގެ ކޯޓުން ހުކުމްކުރުމުގެ ސަބަބުން ގެދޮރުން ނުކުންނަން ޖެހިފައިވާ ބައެކެވެ.
މުހައްމަދު ހޯދަން އިޒްރޭލު ފުލުހުން އޭނާގެ ގެއަށް އައި ވަގުތު، މުހައްމަދު އުޅުނީ ގެއިން ބޭރުގަ އެވެ. އަދި މުހައްމަދު ކޮބައިތޯ ސުވާލު ކުރަމުން، މުޅި ގެ ބަލައި ފާސްކުރުމަށް ފަހު، އޭނާގެ ދައްތަ މުނާގެ އަތުގައި ބިޑިއަޅުވައި ހައްޔަރުކޮށްގެން ގެންދިޔައީ އެވެ. ނަމަވެސް އެމީހުން ހައްޔަރުކުރަނީ ކޮން ތުހުމަތެއްގައި ކަމެއް އިޒްރޭލު ފުލުހުން ނުބުނެ އެވެ.
މުހައްމަދު ގެއަށް އައި އިރު، ދައްތަ ހައްޔަރުކޮށްގެން ގެންދިޔަ ކަން އެނގުމާއެކު، އޭނާ އަމިއްލައަށް އެ ސަރަހައްދުގައި ހުންނަ އިޒްރޭލު ފުލުހުންގެ އިދާރާއަށް ގޮސް، ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ އެވެ.
ކުރްދު އާއިލާގެ މުހައްމަދާއި މުނާއަކީ، ޝައިހް ޖައްރާހް އަވަށުގައި އިޒްރޭލު ސިފައިންނާއި ފުލުހުން އެންމެ ފަހުން ހިންގި އުދުވާނީ އަމަލުތައް، ސޯޝަލް މީޑިއާގެ ޒަރީއާއިން ބައިނަލްއަގުވާމީ މުޖްތަމައަށް ތިލަކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ދެ މީހުންނެވެ.
ޝައިހް ޖައްރާހް އަވަށުގެ އާއިލާތަކެއް ދިރިއުޅެމުން އައި ގެތަކެއް ހުސްކުރަން، އިޒްރޭލުގެ ކޯޓުން ހުކުމް ކުރުމާ ގުޅިގެން، އެ ސަރަހައްދުގައި އުޅޭ ޔަހޫދީ ވަޒަންވެރިން، ގަދަކަމުން އެ ގެތަކަށް ވަދެ ފަލަސްތީނު މީހުންނަށް ގޯނާކުރުމުގެ އަމަލުތަކެއް ހިންގާފައިވެ އެވެ. އަދި އެފަދަ އަމަލުތައް ހިންގަނީ، އިޒްރޭލު ފުލުހުންގެ ރައްކާތެރިކަން ލިބިގެންނެވެ.
ފަލަސްތީނު މީހުން ގެދޮރުން ނެރުމަށް ޔަހޫދީ ވަޒަންވެރިން ހިންގި ހަރަކާތްތަކާ ގުޅިގެން، ހުސްވި އޭޕްރީލް 13 ވަނަ ދުވަހުން ފެށިގެން ޝައިހް ޖައްރާހް އަވަށުގަޔާއި، ހިފާފައިވާ އިރުމަތީ ގުދުސްގެ އެހެން ސަރަހައްދުތަކުގައި ވެސް، އިޒްރޭލު ފުލުހުންނާއި ފަލަސްތީނު މީހުންނާ ދެމެދު ކުރިމަތިލުންތައް ހިނގަން ފެށި އެވެ.
އެ ކުރިމަތިލުންތައް ވަރުގަދަވެ، އެންމެ ފަހުން މަސްޖިދުލް އަގްސާގައި ރޯދަ މަހުގެ ފަހު ދިހައިގައި އަޅުކަމުގައި ތިބި މުސްލިމުންނަށް، އިޒްރޭލު ސިފައިން ހަމަލާދީ މިސްކިތުން ނެރުމާ ގުޅިގެން، ގާޒާގައި ވެސް އިޒްރޭލު ސިފައިންނާ ދެކޮޅު ހަރަކާތްތައް ފެށުނެވެ.
އެންމެ ފަހުން، އިޒްރޭލު ސިފައިން މެއި 10 ވަނަ ދުވަހުން ފެށިގެން ގާޒާ އަށް މިސައިލާއި ބޮމާއި ޓޭންކުން ހަމަލާދީ، ފަލަސްތީނުގެ 260 މީހުން ޝަހީދުކޮށްލި އެވެ. އޭގެ ތެރޭގައި 65 ކުޑަކުދިންނާއި 41 އަންހެނަކާއި 17 މުސްކުޅިން ހިމެނެ އެވެ. އަދި 1948 މީހުން ޒަހަމްވި އެވެ. އޭގެ އިތުރުން ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ހިންގި އުދުވާނުތަކުގައި، ފަލަސްތީނުގެ 28 މީހަކު ޝަހީދުވެ، އިތުރު 7000 މީހުން ޒަހަމްވި އެވެ.