48،000ރ. ގެ މުސާރައާ އެކު، ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަނީ
48،000ރ. ގެ މުސާރައާ އެކު، ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަނީ

ކްރިމިނަލް ކޯޓަށް ފަނޑިޔާރަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ، ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމަށް ދެ ފަނޑިޔާރުން ބޭނުންވާ ކަމަށެވެ. އަދި މިހާރު ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރު ކަމުގައި ތިއްބެވި ބޭފުޅުންނަށް ވެސް މި މަގާމަށް ބަދަލު ވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

އެގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ 13:00 އާ ހަމައަށް މި މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މި މަގާމަށް ކުރިމަތިލާން އެދޭ މީހުން ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ޖޭއެސްސީ އަށް ފޮނުވުމަށް އެ ކޮމިޝަނުންް ވަނީ އެދިފަ އެވެ.

މި މަގާމަށް ނަގާ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔާތުގެ ގޮތުގައި މަހަކު 48،300ރ. ލިބޭނެ ކަމަށް ޖޭއެސްސީން ބުނެއެވެ. އެއީ މުސާރައިގެ ގޮތުގައި މަހަކު 30،000ރ.، ލިވިންގް އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300ރ. އެވެ. މީގެ އިތުރުން ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތިން، މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބޭނެ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.