23 ނޮވެމްބަރ 2016 - 08:30

ރަޝިޔާގެ ފިނިމިން ހުރީ މައިނަސް އެކެއް ސެންޓިގްރޭޑުގައެވެ. ދުންފިނީގެ މުށުތެރޭގައި ހައްޔަރުވެފައިވާ ގަސްތައް ހީވަނީ، ހަމައެކަނި ހުދުކުލައިން ކުރަހައިފާ ކުރެހުމެއްހެންނެވެ. ފިނިން ސަލާމަތްވުމުގެ ނަސީބު ނުލިބުނު މީހުން ފިންޏާ ހަނގުރާމަ ކުރިއެވެ. ނާހިދަކީ ނަސީބުވެރިއެކެވެ. ގާތުގައި އިށީނދެގެން އިން ރިންޒީ ވެސް މެއެވެ. ކާރަށް ފެތުރިފައިވާ ހޫނުކަމުގެ ތެރެއަށް ރީތިލަވައެއްގެ އަޑު ފޭދެމުންދިޔައެވެ. އަޑުގެ ވެރިއަކީ ކާކުކަން ނޭނގުނަސް، އެ އަޑުގެ ޖާދޫގައި ރިންޒީ ޖެހުނެވެ. ދެ ލޯ މަރައިލިއެވެ. މަޑު ފިޔާތޮށިކުލައިގެ ލިޕްސްޓިކުން ފެވިފައިވާ ރިންޒީގެ ތުންފަތަށް ވެރިވެފައިވަނީ ލުއި ހިނިތުންވުމެކެވެ. ނާހިދު ކަޅިޖަހައި ނުލައި ބަލަހައްޓައިގެން އިނެވެ. ކައިވެނިކޮށްފާނަންތޯ އަހަން ކެތްމަދުވެފައެވެ. އޭގެ ކުރިން، ލޯބިވާނަންތޯ އަހަން ވެސް ނާހިދު ބޭނުމެވެ. ކޮން ދުލަކުން ހެއްޔެވެ؟ ނާހިދުގެ ލޯބިވެރިޔަކު އެބަހުއްޓެވެ. ރިންޒީގެ ހިތުގައި ވެސް ރަސްކަން ކުރަމުންދިޔައީ އެހެން މީހެކެވެ. ދެ މީހުންގެ މަންޒިލު ވެސް ކަނޑައެޅި ނިމިއްޖެއެވެ. ރަޝިޔާއަކީ ވަގުތީ މަންޒިލެކެވެ. ނާހިދުގެ ކޯހުގެ މުއްދަތު ތިން އަހަރެވެ. ބާކީ ދެ އަހަރު އެބަ އޮތެވެ. އޮފީހުގެ ފަރާތުން ރިންޒީ އައީ ހަފުތާއަކަށެވެ. ޖަލްސާއެއްގައި ބައިވެރިވުމަށްޓަކައެވެ. ބާކީ އޮތީ ހަތަރު ދުވަހެވެ. އެއް ހޮޓަލެއްގައި ތިބެންޖެހުމުން ދެ މީހުން ބައްދަލުވެ އެކުވެރިކަން އުފެދުނީއެވެ.
ކާރު ހޮޓަލަށް މަޑުކުރުމާ އެކު ފުރަތަމަ ފޭބީ ނާހިދެވެ. ދޮރު ހުޅުވައިދިނީ ވެސް ނާހިދެއެވެ. ރިންޒީއަކީ ޝާހީ ޢާއިލާއެއްގެ ރާނީއެއް ކަހަލައެވެ. ހޮޓަލުގެ ދޮރު ވެސް، ނާހިދު ހުރިއްޔާ ރިންޒީ ހުޅުވިޔަކަ ނުދެއެވެ. އެ ދުވަހު ވެސް ކަންތައް ވީ އެހެންނެވެ. ނާހިދުގެ ހިތުގައިވަނީ ނުތަނަވަސްކަމެވެ. އެ ދުވަހަކީ ރިންޒީގެ ދަތުރުގެ ތިންވަނަ ދުވަހެވެ. ދާދި އަވަހަށް ނާހިދުގެ ލޯމަތިން ރިންޒީ ގެއްލިދާނެއެވެ. ދެން ފެންނާނެ ދުވަހެއް ނުވަތަ ފެންނާނެކަމެއް ވެސް ނޭނގެއެވެ. އެހެން މީހެއްގެ ޙައްޤަކަށް ރިންޒީ ވިޔަނުދޭން ނާހިދަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ކޮންމެ ދުވަހެއްގެ، ކޮންމެ ސިކުންތެއް ވެއަތުވަނީ ލޯބިވާ ވާހަކަ ބުނަންބުނަން ނާހިދު ހުއްޓައެވެ. ނާހިދު އިންތިޒާރުކުރީ ރިންޒީގެ އެންމެ އިޝާރާތަކަށެވެ. ރިންޒީގެ ހިތުގައި އޮތީ ކީކޭކަމެއް ނާހިދަކަށް ނޭނގެއެވެ. މެދުނުކެނޑި ނާހިދު ކުރި އިޝާރާތްތައް ރިންޒީއަށް އެނގުނުކަމުގެ އެއްވެސް ޢަލާމާތެއް ނާހިދަކަށް ނުފެނުނެވެ. އެކަމަކު، ރިންޒީ ނޫން އެހެން އަންހެންކުއްޖެއް ނާހިދުގެ ހިތަކު ނެތެވެ. ރިންޒީގެ ސަކަމިޒާޖާއި، ހިނިތުންވެލާ ގޮތާއި، އަސަރުގަދަ އަޑަށް ނާހިދުގެ ހިތް ލެނބިއްޖެއެވެ. ލޯތްބަށް ހަތަރު އަހަރު ފުރެން ކައިރިވަމުންއަންނަ ލޯބިވެރިޔާމަތިން ނާހިދު ހަނދާންނެތިއްޖެ ކަހަލައެވެ. އޭނަގެ ކުށެއް އޮވެގެނެއް ނޫނެވެ. އޭނަދެކެ ލޯބިނުވާތީއެއް ވެސް ނޫނެވެ. އެކަމަކު، އެ އަށް ވުރެ ބޮޑަށް ރިންޒީދެކެ ލޯބިވެވުނީއެވެ. އެ ލޯބި ހޯދުމަށް ރިންޒީ އެއްވެސްކަމެއް ނުކުރަނީހެވެ. ލޯތްބަކީ އެ ކަހަލަ އެއްޗެކެވެ. ނުވެސް އެނގިހުއްޓައި އަންނަ ވައިރޯޅިއެއްހެން ހިތުގައި ފިރުމައިލައެވެ. އޮއިދެމޭ ކޯރެއްގެ ފެންގަނޑު ފަދައިން ވަކި ދިމާއަކަށް ހިތުގެ ޝައުޤުވެރިކަން އަނބުރައިލައެވެ. އުދައަރާ މޫސުމެއްގައި މޫދުގެ ލޮނުގަނޑު އެއްގަމަށް ބަންޑުންކޮށްލާ ފަދައިން ހިތުގެ ޝުޢޫރުތައް ވަކި ދިމާއަކަށް ބަންޑުންވެއެވެ. ހަމައެހެންމެ، ހަނަފަސް ސަހަރާއަކަށް އޮހިލާ ވާރޭފެންފޮދެއް ބިމަށް ފޭދިގެންދާ ފަދައިން އެ ލޯބި ބޭކާރުވެގެން ހިނގައިދެއެވެ. ނާހިދުގެ ބިރަކީ އެއީއެވެ. ތިން ދުވަސް ތެރޭގައި ރިންޒީގެ ހިތުން ނާހިދަށް ޖާގައެއް ލިބުނު ހެއްޔެވެ؟
ކޮޓަރިއާ ހަމައަށް ދެވުމުން ރިންޒީ ދޮރު ހުޅުވިއެވެ. އެތެރެއަށް ވަނުމަށް ދުވަހަކު ވެސް ނާހިދަކަށް ދަޢުވަތެއް ނުލިބެއެވެ. އެ ފަހަރު ވެސް ކަންހިނގީ އެ އުސޫލުންނެވެ.
"ގުޑްނައިޓް!" ހިނިތުންވެލައިފައި ރިންޒީ ބުނެލިއެވެ.
އެ ލަފުޒު ތަކުރާރުކުރާކަށް ނާހިދު ބޭނުމެއް ނޫނެވެ. ދުރުގައި ހުންނާކަށް ވެސް ބޭނުމެއް ނޫނެވެ. ރިންޒީއާ ވަކިވުމުގެސަލާން ކުރުމަކީ ނާހިދު ކުރަން އެންމެ ފޫހިވާ ކަންތަކެވެ. އެއްޗެއް ނުބުނެ ނާހިދު ހުއްޓެވެ. ރިންޒީ ސަބަބު އަހާނެކަމުގެ އުންމީދުގައެވެ. ރިންޒީ ކޮޓަރިއަށް ވަދެފައި ދޮރު ލެއްޕިއެވެ. އިރުކޮޅަކު ވިސްނަން ހުރެލައިފައި ދޮރުގައި ނާހިދު ޓަކިޖަހައިލިއެވެ. ރިންޒީ ވަގުތުން ދޮރު ހުޅުވިއެވެ.
"އަހަރެން ވަރަށް ލޯބިވެއޭ ބުނެފިއްޔާ ކީކޭ ބުނާނީ؟" ބިރުކަނޑައިލައިފައި ނާހިދު ސުވާލު ކުރިއެވެ.
ކުއްލިއަކަށް ޚިޔާލުން އެނބުރި އާދެވުނެވެ. ނާހިދު ހުރީ ރިންޒީގެ ކޮޓަރީގެ ދޮރުމަތީގައެވެ. ޓަކިޖަހަން އަތްނަގައިގެންނެވެ. ކުރަން ހިތުއަޅައިގެން ހުރި ސުވާލު ހިތުގައި ވަޅުޖެހުނީއެވެ. އެންމެފަހުން، އިސްޖަހައިލައިގެން ނާހިދުގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ތިމާގެ ފިނޑިކަމަށް ހިތާހިތުން މަލާމާތްކުރަމުންނެވެ. އެ ވަގުތު ހަނދާންވިއެވެ. ކުރިމަތީގައި އޮތީ ބަންދު ދުވަހެކެވެ. ކިޔެވުމެއް ނޯންނާނެއެވެ. ރިންޒީ ވެސް ދާނެ ތަނެއް ނޯންނާނެއެވެ. ވީމާ، ފޯނުން ރިންޒީއާ ގުޅައިލިއެވެ.
"އެއްޗެއް ބޭނުންވެގެން މި ގުޅާލީ،" ލާނެތް ރާގެއްގައި ނާހިދު ބުންޏެވެ. "ލިބިދާނެތަ؟"
"މަ ކޯޗެއް ނާހިދަށް ދޭނީ؟" ހީނގެންފައި ރިންޒީ ބުންޏެވެ. "ދެވޭ ވަރުގެ އެއްޗެއް ބުނާތި!"
ރިންޒީގެ އެ ޖަވާބަކީ ނާހިދަށް މާނައިން ފުރިގެންވީ ޖަވާބެކެވެ. ޝައްކު އުފެދިފައިވާ މީހެއްގެ ހިތަށް ޝައްކުބަލި ޖައްސުވާ ވަރުގެ އިޝާރާތެކެވެ. ހިތް ދޭން އެދިފާނެކަމަށް ބަލައިފައި އެ ކަމަށް ރިންޒީ އިންކާރުކުރީ ހެއްޔެވެ؟
"ހާސްނުވޭ!" އެ ދަނޑިވަޅުގެ ބޭނުން ނާހިދު ހިފިއެވެ. "ހިތްދޭށެކޭ ނުބުނާނަމޭ. މަ ބޭނުންވަނީ އެއްދުވަސް އެއްކޮށް މަށަށް ދޭން. މާދަމާ ހެނދުނުން ފެށިގެން ހަވީރަށް. ފަތިހު އަހަރުމެން ނައްޓާލާނީ. ކުޑަކޮށް ތަންތަން ބަލައިލަންވާނެއްނު. ދެން ނުލިބޭނެ މި ކަހަލަ ޗާންސެއް."
ރިންޒީ ވިސްނައިލިއެވެ. ނާހިދަކީ އިތުބާރުކުރެވޭ ކަހަލަ މީހެކެވެ. ވީ ކުޑަ ދުވަސްކޮޅު ތެރޭގައި ރިންޒީއަށް ނާހިދު ދަސްވެއްޖެކަމަށް ރިންޒީ އުންމީދުކުރިއެވެ. އެހެންނަމަވެސް، ދެތިން ދުވަހުގެ ތެރޭގައި މީހަކު ދަސްވެދާނެބާއެވެ؟ އެ ސުވާލު ވެސް ރިންޒީގެ ހިތުގައި އުފެދުނެވެ.
"ކުޑަކޮށް ވިސްނާލާފަ ގުޅާލަންތަ؟" ރިންޒީ އިތުރު ވަގުތު ބޭނުންވިއެވެ.
ނާހިދު އެއްބަސްވިއެވެ. އަދި ފޯނު އެނދުމައްޗަށް އެއްލައިލިއެވެ. ހިތަށްއެރިއެވެ. ލޯބިވެރިޔަކު ހުރިކަން ރިންޒީގެ ފަރާތުން އޮތީ އެނގިފައެވެ. ވީއިރު، ނާހިދާ އެކުގައި ރިންޒީ ދާނެ ހެއްޔެވެ؟ އެ ފަދަ ކަމަކަށް ނާހިދު އެދުނީ ކީއްކުރަން ހެއްޔެވެ؟ އަނެއްކޮޅުން ނާހިދުގެ ފޯނަށް އަންނަ ކޯލުތަކުން، ނާހިދުގެ ލޯބިވެރިއެއް ހުންނަކަން ރިންޒީއަށް ވެސް އެނގިއްޖެއެވެ. އެހެންކަމުން ރިންޒީ ދެކޭނީ ނާހިދަކީ ވަރަށް "ގޮތްކުޑަ" މީހެއް ކަމަށެވެ. ކުރިން ނާހިދަށް އެ ކަން ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ އަލުން ގުޅައިފައި، އެއީ ސަމާސާއަކަށް ބުނި އެއްޗަކަށް ހަދަން ނާހިދު ހިތަށްއެރިއެވެ. އަނެއްކާ ހިތަށްއެރިއެވެ. ދެން ކުރެވޭނެ ކަމެއް ނެތެވެ. ވީމާ، ކެތްތެރިކަމާ އެކުގައި ރިންޒީގެ ކޯލަކަށް ނާހިދު އިންތިޒާރުކުރިއެވެ. ރިންޒީ އިންކާރުކޮށްފި ނަމަ، ރިންޒީ ކުރިމައްޗަށް އަންނަން ނާހިދު ޖެހިލުންވާނެއެވެ. ރީތި ފޮޓޯއެއް ފޯނުން ބަލާއިރު ބަލާ ގޮތަށް، ފޯނަށް ބަލަހައްޓައިގެން ނާހިދު އޮތެވެ. އެސްފިޔަޖަހަން ވެސް ބޭނުން ނުވެފައެވެ. ހިތުގައިޖަހާ ކޮންމެ ތިން ވިންދަކުން އެއް ވިންދު ނުޖަހާ ކަހަލައެވެ. ދެން އައީ ރިންޒީގެ މެސެޖެކެވެ. އެ މެސެޖު ބަލަން ނާހިދަށް އަތް ހަރަކާތްކުރެވުނީ ގައިގަހުރި ހުރިހައި ބާރެއް ބޭނުންކޮށްގެންނެވެ.
"އޯކޭ!" ރިންޒީ ފޮނުވީ ވަރަށް ސާދާ، ކުރު ޖަވާބެކެވެ.
ކުރެވުނު ބޭކާރު ފިކުރުތަކަށްޓަކައި ނާހިދު ގާތަށް ވަރަށް ހިނިއައެވެ. އެކަނި އޮވެގެން އެތައް އިރަކު ހުނެވެ. އެ ވަގުތު، ނާހިދުގެ ލޯބިވެރިޔާގެ ކޯލެއް އައެވެ. އެ ކޯލަށް ޖަވާބުދޭން ނާހިދުގެ މޫޑު ތަނެއް ނުދިނެވެ. ހިތުގައި އުފެދުނީ ހަމްދަރުދީއެވެ. އޭނަގެ އެއްވެސް ކުށެއް ނެތީމައެވެ. އެކަމަކު، ލޯތްބަކީ ކާކަށް ބާރުފޯރުވޭ އިހުސާސެއް ހެއްޔެވެ؟
ރޭވި ގޮތަށް ދަތުރު ކުރިއަށްދިޔައެވެ. ފަތިހުފަތިހާ ނުކުތެވެ. އެ ފިނި މާޙައުލަކީ ދުރު ދަތުރުކުރަން އެންމެ އެކަށޭނަ މާޙައުލެއް ނޫނެވެ. އެހެންނަމަވެސް، އެކުގައި ވަގުތު ހޭދަކުރުމަށް އެ ނޫން ގޮތެއް ނާހިދަކަށް ނުވިސްނެއެވެ. ކާރު މަޑުކުރީ ރިންޒީ ބުނި ތަންތަނަށެވެ. ކެއީ ރިންޒީ ބުނި އެއްޗެއްސެވެ. ވަނީ ވެސް ރިންޒީ އެދުނު ތަންތަނަށެވެ. ނާހިދު ހެދުމެއް ގަނެދިނެވެ. އަގު ބޮޑުކަމުން އެ ހެދުން ނުގަތުމަށް ރިންޒީ އެދިއެދި ހުއްޓައެވެ. މާ ގިނަ ވާހަކައެއް ނާހިދު ނުދައްކައެވެ. ފުރުޞަތުދިނީ ރިންޒީއަށެވެ. އޭނަގެ ހިތް ހުޅުވައިލުމަށެވެ. އެންމެ ފުނުގައި އޮތް ސިއްރު ފެންމަތިކުރޭތޯއެވެ. ރިންޒީ ނުވެސް ދެނަހުއްޓެވެ. އޮފީހުގެ ވާހަކަތަކާއި، މޫސުމާއި، ރަޝިޔާގެ ބޮޑެތި އިމާރާތްތަކުގެ ވާހަކަދެއްކުމުގައި ދަތުރު ނިމިގެންދިޔައީއެވެ.
"މީ މުޅި ލައިފްގަ ވެސް އެންމެ އެންޖޯއިކުރި ދުވަސް،" ޝުކުރުވެރިކަމާ އެކުގައި ރިންޒީ ބުންޏެވެ. "ތޭންކްސް!"
ނާހިދު ހިތަށްއެރިއެވެ. ރިންޒީ ބޭނުން ނަމަ، ރިންޒީގެ ހަޔާތުގެ ކޮންމެ ދުވަހަކީ އެ ކަހަލަ ދުވަހަކަށް ހެދިދާނެއެވެ. ބޭނުންވަނީ އެންމެ އިޝާރާތެކެވެ. އެންމެ ދެތިން ލަފުޒެވެ. އެ ދަނޑިވަޅުގައި ރިންޒީގެ ލޯބިވެރިޔާގެ ކޯލެއް ނައި ނަމަ، ނާހިދު އެ ސުވާލުތައް ވެސް ކުރީހެވެ. ބުނީހެވެ. އަހަންނަށް ނުބުނެވިގެން މި އުޅެނީ ކީކޭކަން ރިންޒީއަކަށް ނޭނގޭ ހެއްޔެވެ؟ ހަރަކާތުން މި އަންގަނީ ކީކޭކަން ނުވިސްނޭ ހެއްޔެވެ؟ އަހަންނަށްޓަކައި ތި ހިތުގައި ހަމަ އެކައްޗެއް ވެސް ނެތީ ހެއްޔެވެ؟ ވަކިވަނީކަން އަތުގެ އިޝާރާތުން ބުނެލުމަށްފަހު، ފޯނުން ވާހަކަދައްކަމުން ރިންޒީ ދިޔައެވެ. ހިނގައިގަންނާނެ ކޮޅެއް ނޭނގިފައި ނާހިދު ހުރީއެވެ. ނުދާށޭ ބުނުމުގެ ޙައްޤެއް ވެސް ނާހިދަކަށް ނެތެވެ.
ރިންޒީ ފުރަން އެއްދުވަހަށް ވިއެވެ. އެއީ ވެސް ނާހިދަށް ލިބުނު ބަހަނާއެކެވެ. ރަޝިޔާގައި ހޭދަކުރާ އެންމެ ފަހު ރޭ ކަމުގައި ވީތީ ރޭގަނޑުގެ ކެއުމަކަށް ރިންޒީއަށް ދަޢުވަތު ދިނެވެ. އެ ދަޢުވަތު ގަބޫލުކުރުމުން، މުޅި ދުވަސް ނާހިދު ހޭދަކުރީ އެ ކަމަށް ތައްޔާރުވުމުގައެވެ. ލޯބިވާ ވާހަކަ ބުނަން ނުކެރުނަސް އެ ފުރުޞަތު ގެއްލޭކަށް ނާހިދު ބޭނުމެއް ނޫނެވެ. ކެއުމަށްޓަކައި ރެސްޓޯރަންޓަށް ވަންއިރު ވެސް ނާހިދު ހުރީ އަވަހަށް އެ ތަނުން ނުކުންނަން ބޭނުންވެފައެވެ. ސީދާ އެހެން ނުބުނާކަމެވެ. ރިންޒީ ހައިރާންވާ ވަރަށް ނާހިދު ބަސް މަދެވެ. އެ ހަމަހިމޭންކަމުގެ ފަހަތުގައި އޮތް ސިއްރެއް ރިންޒީއަކަށް ނުވިސްނެވެ.
ނުނިމޭ