07 ޖޫން 2021 - 12:56

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ޒުވާން ރައީސް، އިސްމާއީލް ޝަފީއުގެ 11 އަހަރުވީ ފުޓްބޯޅަ ކެރިއާގައި އޭނާ ކުރި އެންމެ އުނދަގޫ ތަޖުރިބާއަކީ، ކްލަބުން ދޭން ޖެހޭ މުސާރަތައް ދިނުމަށް ކުޅުންތެރިއެއްގެ ގޮތުގައި ކުރަން ޖެހުނު އާދޭހެވެ. ސީޒަން ނިމި އަނެއް ސީޒަން ފެށޭއިރު ވެސް ވޭތުވެދިޔަ ސީޒަނުގައި ދޭން ޖެހޭ މުސާރަ ނުލިބި އަތްމަތި ދަތިވެ އުނދަގޫ ހާލަތަކާ އޭނާވެސް ކުރިމަތިލާން ޖެހުނެވެ. ކުޅުނު އިރު ދަނޑުމަތީގައި "ކާޑާ ރައްޓެހި" ކުޅުންތެރިޔާ އަށް، މުސާރަ ދިނުމަށް އެދި އާދޭސް ކުރުންވީ އޭނާ އާއި މެނޭޖުމެންޓާ މޫނު ކެނޑެން ޖެހުނު ސަބަބަކަށެވެ.

ކުޅުންތެރިއެއްގެ ގޮތުގައި އެ ހުރިހާ ކަމެއް އޭނާ ތަޖުރިބާކޮށްފި އެވެ. މުސާރަ ދިނުމަށް އެދި ކުރަން ޖެހޭ އާދޭހާއި އޭގެ ފަހަތުގައިވާ ނުރަނގަޅު ނަތީޖާ އެންމެ ރަނގަޅަށް ތަޖުރިބާ ކުރި އެކަކަށް އޭނާ ވާނެ އެވެ. ޔުނައިޓެޑް ވިކްޓަރީގެ ކެޕްޓަންގެ މަގާމުން، އެ ކްލަބުގެ ބޯޑު މެންބަރެއްގެ މަގާމުން، ޖެނަރަލް ސެކްރެޓަރީގެ މަގާމަށް ފަހު މިއަދު އޭނާއަކީ ކްލަބުގެ ރައީސް އެވެ. ކުޅުންތެރިއެއްގެ ގޮތުގައި މުސާރައަށް އެދި އާދޭސް ކުރި ތަޖުރިބާތައް، އެނާގެ ޒިންމާގެ ދަށުން ކުޅުންތެރިން ތަހަންމަލު ކުރާތަން ބަލަން އޭނާ ބޭނުމެއް ނުވެ އެވެ.

ކުޅުންތެރިއަކަށް ދޭން ޖެހޭ މުސާރައެއް ނެތި، މިއީ ޔޫވީން ޖެހިޖެހިގެން ސީޒަން ނިންމާލި ތިން ވަނަ އަހަރެވެ.

އެހެން ކްލަބުތަކާ ޔޫވީއާ ހުރި އެންމެ ބޮޑު ތަފާތަކީ ކޮބައިތޯ ސުވާލު ކުރުމުން، ޔުވީގެ ކޯޗު އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނީ ޔޫވީގެ ތަފާތަކީ މެނޭޖުމެންޓް ކަމަށެވެ. ބޮޑު ބްރޭންޑަކަށް ނިސްބަތްވާ ނަމެއް ފަހަތުގައި ނެތި ޔޫވީން މުސާރައިގެ ކަންކަން ބަރާބަރަށް އަދާކުރަމުން ގެންދިއުމަކީ ތައްޓެއް ހޯދުމަށް ވުރެވެސް ގޮންޖެހުން ބޮޑު ކަމެކެވެ. އަދި އެކަން ހާސިލު ވަމުން ދިއުމަކީ ކާމިޔާބެއްގެ ގޮތުގައި އިއްސޭ ގަބޫލު ކުރެ އެވެ.

"ކޯޗަށް ވެސް އަދި ކުޅުންތެރިޔަކަށް ވެސް އަޅުގަނޑުމެން ފޯލްސް ހޯޕެއް ނުދޭނަން،" ޔޫވީ އާއި އެހެން ކްލަބުތަކާ ހުރި އެންމެ ބޮޑު ތަފާތަކީ ކޮބައިތޯ ސުވާލު ކުރުމުން އިއްސޭ ވިދާޅުވި އެވެ.
"މިވެނި ވަރަކަށް މުސާރަ ދޭނަމޭ ސޮއިކުރާށޭ ކިޔާފައި އަޅުގަނޑުމެން އެއްވެސް ކުޅުންތެރިޔަކު ސޮއި ނުކުރުވާނަން. އަޅުގަނޑުމެން ސޮއިކުރުވާނީ އަޅުގަނޑުމެންނަށް ދެވެން އޮތްވަރުގެ މުސާރައެއް ދެވޭވަރަށް. އެކަމަކު އަޅުގަނޑުމެން އެ ކުޅުންތެރިޔާ އަށް ޔަގީންކަން ދެން ބަރާބަރަށް މުސާރަ ދޭނޭކަމުގެ."
ޒުވާން ކުޅުންތެރިން ކްލަބުތަކަށް ގެންގޮސް އެލެވެންސެއް ދޭނެ ކަމަށް ބުނެ އެވެ. އުމުރުން 18 އަހަރުން ދަށުގެ ކުޅުންތެރިން ވެސް ބައެއް ކްލަބުތަކަށް ގެންދެ އެވެ. އެ ކްލަބުން ދޭ ކޮމިޓްމެންޓާ އެއްގޮތަށް އެކަން ފުރިހަމަ ނުކުރުމުގެ ޝަކުވާތައް ޒުވާން ކުޅުންތެރިންނާއި ބެލެނިވެރިން ވެސް ކުރެ އެވެ. އެފަދަ ބައެއް ބެލެނިވެރިންގެ ކަންބޮޑުވުންތަކުގެ ވާހަކަ އިއްސެއާ ހަމައަށްވެސް ވަނީ ފޯރައިފަ އެވެ.
"ބައެއް ބެލެނިވެރިން ސީދާ އަޅުގަނޑު ކައިރީގައި ވެސް ބުނޭ ދަރިފުޅު ޔޫވީގެ ޓީމަށް ގެންދަން. އެ ބެލެނިވެރިން ކައިރީވެސް ބުނަން ޔޫވީން ވެސް ބޭނުންވެޔޭ ގިނަ ޔޫތު ޓީމުތަކެއް ހަދަން. އެކަމަކު ކުއްޖަކަށް ދޭން ޖެހޭ އެއްޗެއް ނުދެވި ކްލަބާ މެދު ނުރަނގަޅު ގޮތަކަށް ބެލެނިވެރިޔާ ދެކޭކަށް ޔޫވީން ބޭނުމެއް ނުވެޔޭ،"
"މި ވަގުތު ޔޫވީގައި ކުޅުންތެރިންނަށް މުސާރަ ދޭ އުސޫލަކަށް މި އޮތީ ބަރާބަރަށް ޕްރެކްޓިހަށް ނުކުތުން. ބަރާބަރަށް ޕްރެކްޓިހަށް ނުކުންނަންޏާ ޔޫވީގެ ކުޅުންތެރިންނަށް ޔަގީންކަން އޮންނާނެ މުސާރަ ލިބޭނެ ކަމުގެ."
ގިނަ ކްލަބުތަކުގައި ސީޒަން ނިމޭއިރު މުސާރަ ނުދީ އޮތުމުން މައްސަލަ ހިފައިގެން ކުޅުންތެރިން އެފްއޭއެމަށް ދާން ތައްޔާރު ވެ އެވެ. މައްސަލަ އެފްއޭއެމަށް ހުށަހަޅަން ތައްޔާރު ވުމުން ކްލަބުން ކުޅުންތެރިންނަށް ގުޅައިގެން މައްސަލަ ނެގުމަށް އެދެ އެވެ. ނަތީޖާއަކަށް ވަނީ ކުޅުންތެރިޔާ އަށް މުސާރަ ނުލިބި ކްލަބަށް ވެސް ފިޔަވަޅެއް އެޅޭނެ ގޮތެއް ނުވުމެވެ.
"ޔޫވީގައި ވެސް ކުރިން ދިޔަ އެގޮތަށް ތިން ކުޅުންތެރިއެއްގެ މައްސަލަ. އެކަމަކު އެ ކުޅުންތެރިންނަށް މުސާރަ ނުދީ ހުރީ ޕްރެކްޓިހަށް ނުނިކުންނާތީ. އެއް މަހު ޕްރެކްޓިހަށް ނުކުމެފައި އަނެއް މަހު ގެއްލިދާނެ. އެގޮތަށް ދިމާވި ތިން ކުޅުންތެރިއެއްގެ މައްސަލަ އުޅޭނީ."
މިދިޔަ ދެތިން އަހަރަށް ބަލާއިރު ބަރާބަރަށް މުސާރަ ދެމުން އައީ ޔޫވީގެ އިތުރުން މާޒިޔާ އެވެ. މާޒިޔާ އަކީ އެ ކްލަބުގެ ފަހަތުގައި ވިޔަފާރީގެ ވަރުގަދަ ނަމެއް އޮތް ކްލަބެކެވެ. ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ބީ ޓީމުގެ ގޮތުގައި 1973 ގައި އުފެއްދި، ޔުނައިޓެޑް ވިކްޓަރީގެ ފަހަތުގައި އެފަދަ ބްރޭންޑެއް ނެތެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވި ވިކްޓަރީ ސަސްޕެންޑް ވެގެން ދިޔައިރު ހިންދެމިލައިގެން އޮތީ މިހާރު ވިކްޓަރީއާ ގުޅުމެއް ނެތި ކުރިއަށްދާ ޔޫވީ އެވެ. ޔޫވީގެ މި ކާމިޔާބުގެ ފޯމިއުލާ އެ ކަލްބަށް ހޯދުމުގައި އެންމެ ބޮޑު ސަބަބަކަށްވީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްކަން އިއްސެ ފާހަގަކުރެ އެވެ.
"ކްލަބުތަކަށް އަހަރަކު ތިން މިލިއަން ރުފިޔާ އެފްއޭއެމް މެދުވެރިވެގެން ދޭން ބައްސާމް ހުށަހެޅުއްވި ހިސާބުން ޔޫވީއަށް މި އައިޑިއާ އައީ،" އިއްސޭ ކިޔައި ދިނެވެ.
"ޔޫވީން ސްކޮޑް ހަދަނީ އެފްއޭއެމުން ދޭ ފައިސާ އަށް ފެއްތޭ ގޮތަށް. ރަނގަޅަށް މެނޭޖު ކުރެވިއްޖެއްޔާ ތިން މިލިއަން ރުފިޔާ އިން މިކަން ކުރެވޭނެ."
ޔޫވީން ދަނީ އަހަރުން އަހަރަށް ބޮޑުވެ ފުޅާވަމުންނެވެ. ނިމިދިޔަ ސީޒަންގައި އެ ޓީމުން އެކުލަވާލި ސްކޮޑަކީ އެ ކްލަބުގެ 47 އަހަރުވީ ތާރީޚުގައި އެކުލަވާލި އެންމެ ބޮޑު ސްކޮޑެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ހެވީވެއިޓް ނަންތައް ކަމަށްވާ، މުހައްމަދު އާރިފް (ބަކާ) އާއި އިސާމްއީލް އީސާ (މެސީ)، ސޮއި ނިމިދިޔަ ސީޒަންގައި އެ ޓީމުން ހޯދި އެވެ. މިދިޔަ ސީޒަންގައި ޑިފެންޑަރު އަހްމަދު ޝާފިއު (ޝާފީ) އާއި ވިންގާ އަހްމަދު ނާޝިދު (ނާއްޓޭ) ޔޫވީއަށް ކުޅުނެވެ.
"މި ނިމުނު ސީޒަނަކީ ކޯޗު ބޭނުންވި ހުރިހާ ކުޅުންތެރިން ގެނައި ސީޒަނެއް،" ސީޒަން ފެށިއިރު ޔޫވީއަށް އިރުޝާދު ދިން މުހައްމަދު އާދަމްގެ ޓާގެޓަށް ވާސިލުކޮށް ދިނުމަށް އެ ކްލަބުގެ މެނޭޖުމެންޓުން ހުރިހާ ކަމެއް ފުރިހަމަ ކޮށްފައި ވާނެ ކަމުގެ ޔަގީންކަން އިއްސޭ ދިނެވެ.
ނިމިދިޔަ ސީޒަން ނިންމާލީ، ކޮވިޑް-19 ގެ ސަބަބުން އިތުރަށް ކުރިއަށް ނުގެންދެވިގެންނެވެ. ދިވެހި ޕްރިމިއާ ލީގުގެ ތިން ބުރު ކުޅެން ގަވާއިދުގައި ލިޔެފައިވީ ނަމަވެސް ސީޒަން ނިންމާލީ ދެ ބުރު ކުޅުމަށް ފަހު އެވެ. ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރުމަށް އެޗްޕީއޭ އިން އޭޕްރީލް މަހު އެންގި ހިސާބުން ޔޫވީގެ ޕްރެކްޓިސްތައް ވެސް ހުއްޓުނެވެ. އެކަމަކު އެ ދުވަސްތަކަށް ވެސް މުސާރަ ދިނުމުގެ ވިސްނުމެއް ޔޫވީން ގެންގުޅެ އެވެ.
"ޕްރެކްޓިސް ކުރުން ހުއްޓާލަން އެންގި ހިސާބުން ފެށިގެން އެފްއޭއެމުން ސީޒަން ނިންމާލުމަށް ފާސްކުރި ހިސާބާ ހަމައަށް މުސާރަ ދޭން ވާހަކަ ދައްކަމުން މިދަނީ،" އިއްސޭ ވިދާޅުވި އެވެ. "އެއީ އަނެއްކާވެސް ޔޫވީގެ ކުޅުންތެރިންނަށް ލިބޭނެ ހިތްހަމަޖެހުމެއް."
ޔޫވީގެ މެނޭޖުމެންޓުން ދަމަހައްޓާ ކޮމިޓްމަންޓްގެ ސަބަބުން އެ ކްލަބާ މެދު ކުޅުންތެރިންގެ އިތުބާރު ބޮޑު ވެ އެވެ. އެއީ އިސްމާއީލް ޝަފީއު (އިއްސެ) އަށް ވެސް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އަންނަ ސީޒަންގައި ކޯޗު އިހްސާން އަބްދުލް ގަނީ (ސާންތީ)ގެ ބެލުމުގެ ދަށުން ޔޫވީން ފަށާ ޕްރޮޖެކްޓަކީ ގިނަ އަހަރުތަކަށް ދެމެހެއްޓެނިވި ގޮތުގައި ޓީމެއް ބިނާ ކުރަން ކުރާ މަސައްކަތެވެ. މިދިޔަ ފަސް އަހަރުގެ ތަޖުރިބާއިން، އެ ޕްރޮޖެކްޓަށް ބޭނުންވާ ފައިނޭންޝަލް ސަޕޯޓް ސްކޮޑަށް ފޯރުކޮށްދެވޭނެ ކަމުގެ އިތުބާރު އިއްސެ އާއި އޭނާގެ ބޯޑަށް އެބައޮތެވެ.