މިޝްކާގެ މަރާ ގުޅިގެން ދޮގު މައުލޫމާތު ނުފެތުރުމަށް އާއިލާ އިން އެދިއްޖެ
މިޝްކާގެ މަރާ ގުޅިގެން ދޮގު މައުލޫމާތު ނުފެތުރުމަށް އާއިލާ އިން އެދިއްޖެ

ކޮވިޑްގައި ހާލު ބޮޑުވެ، ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދުގެ މަރާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ސޯޝަލް މީޑިއާގައި ފަތުރަމުން ދާ ކަމަށާއި އެގޮތަށް އެކަން ނުކުރުމަށް އާއިލާ އިން އެދިއްޖެ އެވެ.

އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ސޯޝަލް މީޑިއާ އާއި ނޫސްތަކުގައި ވެސް ސައްހަ ނޫން މައުލޫމާތު ފަތުރަމުންދާތީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި މިވަގުތު އާއިލާއިން ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށާއި އެއްވެސް ވަކީލެއް ނުވަތަ ލޯފާމެއް ހަމަޖައްސާފައި ނުވާ ކަމަށް އާއިލާ އިން ބުނެ އެވެ.

"މިއީ އާއިލާއަށް ފޫނުބެއްދޭވަރުގެ ހިތާމައެއް ކުރިމަތިވެފައިވާ ވަގުތެއްކަން ގަބޫލުކޮށް އާއިލާއަށް އިތުރު ހިތްދަތިކަމާ ތުރާލަކަށްވާ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ވަރަށް އަދަބުވެރިކަމާ އެކު އެދެމެވެ،" އާއިލާގެ ބަޔާނުގައިވެ އެވެ.

މި މަހުގެ ދެވަނަ ދުވަހުގެ ރޭ މިޝްކާ ނިޔާވުމުގައި އިހުމާލު އޮތް ކަމަށް އާއިލާ އިން ކުރާ ތުހުމަތުތަކާއެކު، އެ މައްސަލަ ހެލްތު މިނިސްޓްރީން ބެލުމަށް ފަހު، އާންމުކުރި ރިޕޯޓުން ވެސް އެއީ ހަގީގަތެއްކަން އެނގެ އެވެ.

އެ ކުއްޖާ ނިޔާވުމުގެ ކުރިން ހޮސްޕިޓަލަށް ގެންދަން ބޭނުންވެގެން، ބެލެނިވެރިން ކޯލް ސެންޓަރަށް އެތައް ފަހަރަކު ގުޅި ކަމަށާއި ހާލު ބޮޑުވެގެން އެ ވާހަކަ ބުނުމުން، އެމްބިއުލާންސް ދާނެ ކަމަށް ބުނެ މައުލޫމާތު ދީފައި ވިޔަސް އޭރު ވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައި ނުވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.

އިމަޖެންސީ ކޭސްއެއްގެ ގޮތުގައި ރިޕޯޓްކުރި ހިސާބުން ފެށިގެން އެމްބިއުލާންސް ޓްރިގާކުރެވުނީ ދެ ގަޑިއިރާއި 26 މިނެޓު ފަހުންކަން ވަނީ ހާމަވެފަ އެވެ. މިއީ އިމަޖެންސީއަކަށް ވިޔަސް ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައި ނުވާކަން ކޯލް ލޮގްތަކުން އެނގޭ ކަމަށާއި އަދި މައުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތަކަށް އެ މައުލޫމާތު ދިން ނަމަވެސް އެމްބިއުލާންސް ފޮނުވަން އަންގާފައި ނުވާކަން ރިޕޯޓްގައިވެ އެވެ.

އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް ބަލަމުން އަންނައިރު މިއަދު މެންދުރު ހެލްތު މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)، އެ ކޮމެޓީއަށް ހާޒިރުކުރަން ނިންމާފައިވެ އެވެ.