މިއަދު ވެސް ކޮވިޑްގެ ނަމްބަރުތައް 500 އިން ދަށުގައި
މިއަދު ވެސް ކޮވިޑްގެ ނަމްބަރުތައް 500 އިން ދަށުގައި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑްގެ 5،082 ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން ކޮވިޑް ޖެހުނީ 412 މީހަކަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ޕޮޒިޓިވްވި 412 މީހުންގެ ތެރެއިން 239 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުން ކަމަށެވެ. އަދި ރަށްރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު 162 ގައި އުޅޭއިރު ރިސޯޓުތަކުން ޕޮޒިޓިވްވެފައި ވަނީ 11 މީހަކު ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މިއާ އެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 67،950 ގައި އުޅޭއިރު ބަލިން ރަނގަޅުވެފައި ވަނީ 48،086 މީހެކެވެ. މި ވަގުތު ބަލިން ރަނގަޅު ނުވެ ތިބީ 19،670 މީހެކެވެ.

ކޮވިޑް ޖެހިގެން 166 މީހަކަށް ފަރުވާދެމުން އަންނައިރު ކޮވިޑަށް ފަރުވާދިނުމަށް ހާއްސަ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާ މިވަގުތު އޮތީ ފުރިފަ އެވެ. އެހެންވެ، ހާލު ބޮޑު ބައެއް މީހުން އެތަނަށް ބަދަލު ނުކުރެވި، ޝަކުވާތަކެއް ވެސް ވަނީ ކުރިމަތިވެފަ އެވެ.

މިއަދު ކޮވިޑްގައި މަރުވި ތިން މީހުންނާ އެކު އެ ބަލީގައި މަރުވި މީހުންގެ އަދަދު ވެސް އުޅެނީ 185 ގަ އެވެ. ކޮވިޑްގައި މިއަދު އުމުރުން 41 އަހަރުގެ އަންހެނަކު ވެސް މަރުވި އެވެ.